އިބްތިހާލްގެ މަރުގެ ޒިންމާ އެންމެން އުފުލަން ޖެހޭނެ: މައުމޫން

ސީރިއަސް ޒަހަމްތަކަކާއި އެކު ވ.ރަކީދޫގައި މަރުވެފައި އޮއްވައި ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި ހުރިހާ އެންމެން ޒިންމާވާން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މި ޒިންމާއިން އެއްވެސް މީހަކަށް ރެކެވެން ނެތް ކަމަށާއި އިބްތިހާލްގެ މަރަކީ ގައުމީ ހިތާމައެއްކަމަށެވެ.
ރައީސް މައުމޫން ވަނީ އިބްތިހާލުގެ މަރުގެ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ޕީޕީއެމުން ގޮވައިލާކަން ފާހަގަކުރައްވާފައެވެ. އަދި ދެވަނަ ފަހަރަށް މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރުމަށް ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލިކަންވެސް މައުމޫން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެންމެން މި ހިތާމަވެރި ހާދިސާގައި ޒިންމާ އުފުލަން ޖެހޭނެ،. އެއްވެސް މީހަކަށް މި ޒިންމާއިން ރެކެވެން ނެތް. މިކަހަލަ ކަމެއް އަޅުގަނޑުމެންގެ ތެރޭގައި ހިނގައިގެން ނުވާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށާއި އެކުދިންގެ މުސްތަގުބަލަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ކުޑަ ކުދިންނާއި ބެހޭ ޔުނިޓެއް ގާއިމު ކުރުމާއި، ރާއްޖެއިން އިސް ނަގައިގެން ސާކް ގައުމުތަކުގެ މެދުގައި ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ގާނޫތަކެއް ފާސް ކުރުން ފަދަ ކަން ކަން ކުރެވިފައިވާ ކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އިބްތިހާލް މަރުވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރު 12:10 ހާއިރު ވ. ރަކީދޫ ކައުންސިލްގެ ފަރާތުންނެވެ. އެ މައުލޫމާތު ލިބުމާއެކު ވ. ފެލިދޫގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޓީމެއް ރަކީދުއަށް ގޮސް ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާއާއި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެގޮތުން، އިތުރު ތަޙުލީލުތަކެއް ކުރަން ބޭނުންވާތީ ރޭގެ ވަގުތެއްގައި މުޙައްމަދު އިބްތިހާލްގެ ހަށިގަނޑު ވަނީ މާލެ ނެސްފައެވެ. އަދި އިބްތިހާލް މިއަދު އަސުރު ނަމާދަށްފަހު އާސަހަރާގައި ވަނީ ވަޅުލައިފަ އެވެ.
އިބްތިހާލް މަރާލިކަމަށް އާފިޔާ އެއްބަސްވެފައި ވާއިރު، ރަސްމީ އެއްވެސް ފަރާތަކުންއަދި މިކަން ކަށަވަރު ކޮށްދީފައެއް އަދި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ