ހިތްހަމަނުޖެހިފައި ތިބި ބްރެޒިލްގެ ރައްޔިތުން އުފާކޮށްދިނުމަށްޓަކާ ވޯލްޑްކަޕް ބްރެޒިލް އިން ކާމިޔާބުކުރަން ޖެހޭ ކަމަށް އެޓީމުގެ ކޯޗު ލުއިޒް ފިލިޕޭ ސްކޮލާރީ ބުނެފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ވޯލްޑްކަޕް ފަށާއިރު އަދިވެސް މި މުބާރާތަށްޓަކާ ނިންމަންޖެހޭ ބައެއް ދަނޑުތަށް ނުނިމެ އެވެ. އަދި އެގައުމުގައި އަސާސީ ހިދުމަތްތަށް ފޯރުކޮށްނުދީ ވޯލްޑްކަޕަށް ބޮޑު ހޭދައަށް ކުރާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގައި ދަނީ މުޒާހަރާތަށް ވެސް ކުރެވެމުންނެވެ.
"އަހަންނަށް އިނގޭ މި މުބާރާތް އޯގަނައިޒް ކުރުމުގަ މައްސަލަތަށް ހުރިކަން. މި ކަންތައްތަކާ ގުޅިގެން ބްރެޒިލްގެ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފަ. މި މުބާރާތް ކާމިޔާބުކޮށް އެމީހުން އުފާކޮށްދިނުމަކީ އަހަރުމެން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް" 65 އަހަރުގެ ކޯޗު ބުންޏެވެ.
ބްރެޒިލް ވޯލްޑްކަޕްގައި ކުޅޭއިރު އެންމެންވެސް އުއްމީދުކުރާނީ މި މުބާރާތް އެޓީމުން ކާމިޔާބުކުރާނެ ކަމަށާއި އަދި ބްރެޒިލްއަކީ ފުޓްބޯޅައަށް މަރުދޭ ގައުމެއް ކަމުން ޕްރެޝަރު އޮންނާނެ ކަމަށް 2002 ވަނަ އަހަރު ބްރެޒިލްއަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
"އެފަދަ ޕްރެޝަރެއް ފުޓްބޯޅަ ކުޅުންތެރިންނަށް އޮތުމަކީ ރަނގަޅު ކަމެއް. އޭރުން ކުޅުންތެރިން ހަނދާނެއް ނުނެތޭނެ ހާސިލް ކުރަން އުޅޭކަމެއް" ސްކޮލާރީ ބުންޏެވެ.
މި މުބާރާތް 5 ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް އޮތީ ގްރޫޕް އޭ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މެކްސިކޯ،ކްރޮއޭޝިއާ އަދި ކެމަރޫން އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 12 ވަނަ ދުވަހު ބްރެޒިލް ބައްދަލުކުރާނީ ކްރޮއޭޝިއާ އާ އެވެ.
ހިތްހަމަނުޖެހިފައި ތިބި ރައްޔިތުން އުފާކޮށްދޭން ވޯލްޑްކަޕް ކާމިޔާބުކުރަން ޖެހޭ – ސްކޮލާރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ