ކަރަންޓު ކަނޑާލައިގެން މިރޭ ހަރަކާތްތައް ނުބާއްވަން ހޯމް މިނިސްޓްރީން އަންގައިފި

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ މާޗް މަހެއްގެ އެންމެ ފަހު ހޮނިހިރު ދުވަހު ބާއްވަމުން އަންނަ "އާތު އަވާ" ފާހަގަކުރުމަށް މިރޭ ކަރަންޓު ކަނޑާލައިގެން އެއްވެސް ކަމެއް ނުކުރުމަށް ހޯމް މިނިސްޓްރީން އަންގައިފި އެވެ.
މި ގޮތަށް ހަމަޖެއްސީ މިހާރު މާލެތެރޭގެ ހާލަތު ހުރިގޮތުންނާ ބިދޭސީންނަށް ދީފައިވާ ހަމަލާތަކާއި މާލެ ތެރޭގެ އެކި ތަންތަނުގައި ހުޅުޖެހުމުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ލައިޓްތައް ނިއްވާލައިގެން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަކީ ރައްކާތެރި ކަމެއްގެ ގޮތުގައި ގަބޫލުނުކުރެވޭތީ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މީގެ އިތުރުން އާތު އަވާ ފާހަގަކުރުމަށް މިރޭ ބޭއްވުމަށް ހަމަޖެއްސި "ސްވިޗް އޮފް އިވެންޓް" އަދި މިއުޒިކް ޝޯ ވެސް ހޯމް މިނިސްޓްރީގެ އެންގުމަށް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
ކަރަންޓް ކަނޑާލައިގެން ކުރިއަށް ގެންދާ ހަރަކާތްތައް ކެންސަލް ކުރި ނަމަވެސް މިރޭ ފައިމަގުގައި އުޅޭ ވަގުތުކޮޅުގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެ އެވެ. އެއީ މިރޭ 8:00 އިން 10:00 އަށެވެ.
އާތު އަވާ ފާހަގަކުރުމަށް މިރޭ ބޭއްވުމަށް ހަމަޖެއްސި އިވެންޓް ކެންސަލް ކުރި ނަމަވެސް މިއަދު ހަވީރު 6:00 ޖަހަންދެން ވަނީ ރާޅުގަނޑު ސަރަހައްދުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ޗޯކް ބޯޑްގެ އިވެންޓާއި ބައިކް މޯލްޑިވްސްގެ އިވެންޓް ވަނީ މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންގޮސްފަ އެވެ.
"ދުނިޔެއަށްޓަކައި އެއްގަޑިއިރު" ނުވަތަ އާތު އަވާ އަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް މީހުން ހޭލުންތެރިކޮށް، އެކަން ހުއްޓުވުމަށް މަސައްކަތްކުރުމަށް ގޮވާލާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހު ބާއްވަމުން އަންނަ ހަރަކާތެކެވެ.
ރާއްޖޭގައި އާތު އަވާ ފާހަގަކުރުމަށް އިސްނަގައިގެން މަސައްކަތްކުރަމުން ދަނީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ