މެކްސިކޯގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެ ޤައުމުގެ އިދިކޮޅު ޕާޓީ އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީ (ޕީއާރުއައި) ގެ ކެންޑިޑޭޓް އެންރީކޭ ޕެނާ ނިއެޓޯ ކާމިޔާބު ކުރައްވައިފިއެވެ.
މިހާތަނަށް 93 ޕަސަންޓަށް ވުރެ ގިނަ ވޯޓު ގުނާ ނިމިފައިވާއިރު، ނިއެޓޯ ވަނީ 37.95 ޕަސަންޓް ވޯޓު ހޯއްދަވާފައެވެ. އޭނާއާއި އެންމެ ގާތުން ވާދަކުރެއްވި ޕާޓީ އޮފް ދަރ ޑިމޮކްރެޓިކް ރިވޮލިއުޝަން (ޕީއާރުޑީ) ގެ ކެންޑިޑޭޓް އެންޑްރެސް މެނުއަލް ލޯޕޭޒް އޮބްރާޑަރއަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 31.8 ޕަސަންޓް ވޯޓެވެ. ވެރިކަން ކުރަމުން ގެންދާ ނެޝަނަލް އެކްޝަން ޕާޓީ (ޕޭން) ގެ ކެންޑިޑޭޓް ޖޮސެފިނާ ވަޒްކުއޭޒް މޮޓާއަށް ލިބިވަޑައިގެންފައިވަނީ 25.47 ޕަސަންޓް ވޯޓެވެ. މިނަތީޖާއާއި އެކު ވެރިކަން ކުރާ ޕާޓީ (ޕޭން) ގެ ފަރާތުން ވަނީ ބަލި ޤަބޫލުކޮށް ވެރިކަމުގެ ބާރުތައް ނިއެޓޯގެ ސަރުކާރާއި ހަވާލުކުރުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ބުނެފައެވެ.
މިފަހަރުގެ އިންތިހާބުގައި ޕޭންއަށް ގިނަ ވޯޓުތަކެއް ގެއްލިގެން ދިޔައީ ރައީސް ފިލިޕް ކަލްޑަރަން އެޤައުމުގެ އަސްކަރިއްޔާ ބޭނުން ކޮށްގެން މަސްތުވާތަކެތީގެ ގުރޫޕު ތަކާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ވަރުގަދަ އަސްކަރީ ހަރަކާތްތަކާއި ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެޤައުމުން 55،000 މީހުން މަރުވުމާއި ގުޅިގެން ކަމަށް މުރާސިލުން ވަނީ ބުނެފައެވެ.
މެކްސިކޯގެ މިފަހަރުގެ އިންތިހާބުގައި ހުރިހާ ކެންޑިޑޭޓުންވެސް ވަނީ އަޑި އަޅާލާފައިވާ އެޤައުމު އިޤްތިޞާދު ވަރުގަދަ ކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށާއި، މެކްސިކޯއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
މެކްސިކޯގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އުމުރުން 45 އަހަރުގެ ނިއެޓޯ އިންތިހާބުގެ ކާމިޔާބީ އަމިއްލަފުޅަށް އިއުލާން ކުރައްވަމުން ވިދާޅުވީ އޭނާގެ ވެރިކަމުގައި މާޒީއަށް ވަޑައިނުގަންނަވާނެ ކަމަށާއި، އޭނާ ސަރުކާރު ހިންގާނީ ހުރިހާ ރައްޔިތުންނާއިއެކު ހުރިހާ ރައްޔިތުންނަށްޓަކައި ކަމަށެވެ. ނިއެޓޯގެ ވާދަވެރިޔާ ލޯޕޭޒް ވަނީ ރަސްމީ ނަތީޖާއަށް އިންތިޒާރު ކުރަމުންދާ ކަމަށް ވިދާޅުވެ ބަލި ޤަބޫލުކުރުމާއި މެދު އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފައެވެ. މެކްސިކޯގައި 2006 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ފިލިޕް ކަލްޑަރަން އާއި ވާދަކޮށްވެސް ލޯޕޭޒް އަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންފައެވެ. އެންމެ ޕަސަންޓެއްގެ ކުޑަ ތަފާތަކުން އެފަހަރުގެ އިންތިހާބުގައި ބަލިވުމުން ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ލޯޕޭޒް ވަނީ އޭނާއަށް ތާއީދު ކުރާ އެތައްހާސް ބަޔަކާއެކު ވެރިރަށް މެކްސިކޯ ސިޓީގެ މަގުތަކަށް ނުކުމެ ގާތްގަނޑަކަށް އެއް މަސް ދުވަހަށް މުޅި އެ ސިޓީގެ މަސައްކަތްތައް ހުއްޓުވާފައެވެ.
މެކްސިގޯގެ ވެރިކަން ދެހާސް ވަނަ އަހަރު ގެއްލިފައިވާ އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީ (ޕީއާރުއައި) އަށް އޭގެ 12 އަހަރު ފަހުން ވެރިކަން ކުރަން ފުރުސަތު ލިބިފައިވާތީ އިންތިހާބު ކާމިޔާބު ކުރެއްވި ނިއެޓޯ ވަނީ މެކްސިކޯ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އެންރީކޭ ޕެނާ ނިއެޓޯ މެކްސިކޯގެ ރައީސް ކަމާއި ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މެކްސިކޯގެ ރިޔާސީ އިންތިހާބު އިދިކޮޅު ލީޑަރު ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ