ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހް ބާތިލް ކަމަށް ކަނޑައަޅައި ދޭން ހުށަހެޅި މައްސަލާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ރައްޔިތުން މަޖިލީހުން ގެނައި އިސްލާހް ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް އެ ކޯޓުން ބޭރު ކޮށްލައިފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހް ގެނެސް، އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކޮށްފައިވަނިކޮށް، އެ އިސްލާހް ބާތިލް ކަމަށް ކަނޑައަޅައިދޭން ހައިކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލު ޝާހީން ހަމީދާއި މުހައްމަދު ފައިސަލްގެ އިތުރުން ހަސަން މާޒް ޝަރީފެވެ. އެ މައްސަލަ ހައި ކޯޓުން ބަލައިނުގަނެ، މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެއީ އެ ކޯޓުގެ "ގަވައިދުގެ ދަށުން ބަލައިގަންނަން ޖެހޭ މައްސަލައެއް ނޫން" ކަމަށެވެ. އެ މައްސަލަ ބޭރުކޮށްލާފައިވާކަން ސުޕްރީމް ކޯޓުން ވަނީ، މައްސަލަ ހުށަހެޅުއްވި ބޭފުޅުންނަށް މިދިޔަ އާދިއްތަ ދުވަހު އަންގައިފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ އެއީ މިނިވަން ޑިމޮކްރަސީތަކުގައި ގެންގުޅޭ އުސޫލްތަކާ ހިލާފު އަދި އަދުލު އިންސާފާ ވެސް ހިލާފު އިސްލާހުތަކެއް ކަމަށެވެ. ކޯޓުތަކުގެ ގާނޫނަށް ޑިސެމްބަރު 10، 2014 ގައި ގެނައި އިސްލާހުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށާއި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން ދުވަހުގެ ތެރޭގައި، ސުޕްރީމް ކޯޓުން ވަކިކުރާނެ ދެ ފަނޑިޔާރުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެ އިސްލާހާ ގުޅިގެން ޖެހިގެން އައި ދުވަހު ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެކަމަކު އެގޮތަށް ކަނޑައެޅި ސަބަބެއް، އޭގެ ތަފުސީލުތަކެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ޖޭއެސްސީގެ އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓެއްގައި އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރުގެ މަގާމަށް މިހާރު ވަނީ، އެ ކޯޓުގެ ފަނޑިޔާރު އަދި އިންތިގާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ