ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ މުލަކު ދާއިރާގެ މެމްބަރު އަދި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް ދިވެހިރާއްޖޭގެ ކޮރަޕްޝަނުގެ ނެޓުވޯކުގެ އެންމެ ފުންނާބުއުސް ބޭފުޅާ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ޕީޕީއެމްއާ ގުޅިވަޑައިގެންފިކަމަށާއި އެއީ އިއްތިފާގެއް ނޫންކަމަށް ޕީޕީއެމްގެ ޕްރައިމަރީ ނާކާމިޔާބުވެ ވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރޭ އާޓިފިޝަލް ބީޗްގައި އުމަރު ނަސީރުގެ (ޓީމް އުމަރު)ގެ ޓީމުން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އޭނާ ގަބޫލު ނުކުރާ މީސްމީހުން ޔާމީން އަރިހުގައި ބައިތިއްބައިގެން ރިޔާސީ އިންތިހާބަށް ނިކުންނަވާ ނަމަ އޭނާގެ ތާއީދެއް ނުލިބޭނެ ކަމަށާއި ޔާމީން ރިޔާސީ އިންތިހާބަށް ނިކުންނަވާ ޓީމު ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށެވެ.
"ހަނދުމަފުޅު ބަހައްޓަވާ އަޅުގަނޑު ތިބޭފުޅުން ކައިރީ ދެންނެވިން ކޮރަޕްޝަންގެ ނެޓްވޯކެއްގެ ވާހަކަ. އަޅުގަނޑުގެ އަހު އަބްދުﷲ ޔާމީންއަށް ކާމިޔާބުވިތާ 24 ގަޑިއިރުވެސް ނުވަނީސް ދިވެހިރާއްޖޭގެ ކޮރަޕްޝަން ނެޓްވޯކުގެ އެންމެ ފުނާބުއުސް މީހާ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ނާޒިމް ވަނީ ޕީޕީއެމް އާ ގުޅިގަވަޑައިގަންނަވާފަ. މީ އެއްގޮތަކަށްވެސް އިއްތިފާގެއްނޫން،" ޔާމީންއާ ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ނަސީރު ވިދާޅުވީ ދިއްގަރު މެމްބަރު ނާޒިމް ކަހަލަ ކޮރަޕްޓް ބޭފުޅުން ޔާމީންގެ އަރިހުގައި ރިޔާސީ އިންތިހާބައް ނިކުންނަވާނަމަ އުމަރު ނަސީރާއި އުމަރުގެ ޓީމުގެ ބޭފުޅުންގެ ތާއީދު ދުވަހަކުވެސް ޔާމީންއަށް ނުލިބޭނެކަމަށާއި އެއީ ގައުމުގެ މަސްލަހަތުގެއްލޭ އެއްވެސް ކަމެއް ކުރުމަކީ އުމަރު ނަސީރު ކުރައްވާނެ ކަމެއް ނޫންކަމަށެވެ.
"އަލުގަނޑުގެ އަހު އަބްދުﷲ ޔާމީންއަށް އަޅުގަނޑު ދަންނަވާނީ ނާޒިމް ކަހަލަ ކޮރަޕްޓް މީހުން މަނިކުފާނުގެ ފަހަތުގައި އަތުރައިފިއްޔާ އުމަރު ނަސީރުގެ ތާއީދެއް ނުލިބޭނެ ދުވަހަކުވެސް. ކީއްވެގެންތޯ، ބައެއްބޭފުޅުން ވިދާޅުވެދާނެ ޕާޓީން ބުނާގޮތެއް ޖެހޭނެތާއޭ ހަދަން، ތެދެއް ބައެއް ފަހަރަށް، ޕާޓީއަށްވުރެ މިގައުމު އަޅުގަނޑުމެންނަށް ބޮޑުވާނެ. އަޅުގަނޑުމެންގެ ގައުމުގެ މަސްލަހަތު ގެއްލޭ، ގައުމުގެ ހަޒާނާތަކަށް އަތްބާނަފާނެ، ގައުމުގެ ހަޒާނާއިން އެއްޗެއް ނަގާފާނެ މީހުން ފަހަތަށްލައިގެން ކުރާދަތުރެއްގައި އުމަރު ނަސީރު ބައިވެރިއެއް ނުވާނެ،" ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުއްލަވަމުން އުމަރު ވިދާޅުވިއެވެ.
އުމަރު ނަސިރު ރޭގެ ޖަލްސާގައި އޭނާއަށް ތާއީދު ކުރައްވާ މީހުންނަށް ގޮވާލައްވާފައިވަނީ އޭނާއާއެކު ހުންނެވުމަށާއި ޔާމީން ކަންކަން ކުރަމުންދާގޮތް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާނެ ކަމަށާއި އަދި ގައުމަށް ފައިދާހުރި ގޮތަކަށް ކުރިއަށްދާން ޔާމީން ހުރިކަމުގައިވާނަމަ ޔާމީންއާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ އޭނާ ޕްރައިމަރީގައި ވާދަކުރީ "ޕާޓީގެ މެޝިން" އާ ދެކޮށްޅަށް ކަމަށާއި ރައީސް މައުމޫންގެ ހުރިހާ ބޭފުޅުންނާއި މަޖިލީހުގެ ހުރިހާ މެމްބަރުން އަދި ޕީޕީއެމްގެ ހުރިހާ ގުނަވަންތައް ހުރީވެސް ޔާމީންއާއެކު ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ކޮރަޕްޝަނުގެ އިސް ބޭފުޅުންނާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންވެސް ތިއްބެވީ ޔަމީންއާއެކު ކަމަށެވެ.
"ދިވެހި ރާއްޖޭގެ ބޮޑެތި ގޭންގްތައްވެސް އޮތް ޔާމީން ކައިރިއަށް އަރާ. ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޮޑެތި ނެޓްވޯކްތައްވެސް އޮތް ޔާމީން ކައިރިއަށް ޖަމާވެފަ. ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނެއް ޔާމީން ކައިރިއަށް ޖަމާވެފައޮތް." އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ޕްރައިމަރީގައި އޭނާ ކެމްޕޭން ކޮށްފައިވަނީ ވަރަށް އާދައިގެ ބަޔަކު ގޮވައިންގެ ގޮސް ކަމަށާއި ބޭއްވިގެންދިޔަ ޕްރައިމަރީއަކީ ދިވެހިރާއްޖޭގެ ތާރީހުގަ މިހާތަނަށް ދުވަހަކުވެސް ހިނގާފައި ނުވާވަރުގެ ވަރުގަދަ ވާދަވެރި އިންތިހާބެއްކަމަށެވެ.
"ވޯޓްލީ ދުވަހު އެކިއެކި ސްކޫލްތައްކައިރި ބަލާލީމަ ތިބޭފުޅުންނަށް މިމަންޒަރުތައް ފެންނާނެ. ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ކުށުގަ ބޮޑެތި އަދަބު އައިއްސަތިބި މީހުން އަޅުގަނޑުގެ އަހު އަބްދުﷲ ޔާމީންގެ ތޮފި އަޅާލައިގެން ސްކޫލްތައްކައިރި އެނބުރުނު މައްޒަރު ތިބޭފުޅުން ދެކޭނެ." ޕީޕީއެމްގެ ކުރީގެ ނާއިބު ލީޑަރު އުމަރު ނަސިރު ވިދާޅުވިއެވެ.
އިންތިހާބުގައި ހިނގާފައިވާ ބައެއް އިދާރީ ކަންކަމާ ގުޅޭގޮތުން އުމަރު ވިދާޅުވީ ބައެއް ރަށްރަށުގައި ނުލާހުރި ބާކީ ވޯޓް ކަރުދާސްކޮޅުތައް (ޔާމީންއަށް ވޯޓުލާފައި) ވޯޓު ފޮއްޓަށް އަޅާފައިވާކަމަށާއި އުމަރަށް ވޯޓުދޭނެ އެތައްސަތޭކަ މެމްބަރުންނަށް ވޯޓު ދިނުމަށް ފުރުސަތު ލިބިފައިނުވާތީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލާފައިވަނީ 20795 މެމްބަރުންނެވެ. އޭގެތެރެއިން 13،096 މެމްބަރުން ޔާމީނަށް ވޯޓު ދީފައިވެއެވެ. އެއީ ވޯޓު ދިން މެމްބަރުންގެ 63 އިންސައްތައެވެ. އަދި އުމަރު ނަސީރަށް ލިބިވަޑައިގަތީ 7450 ވޯޓެވެ. އެއީ ވޯޓު ދިން މެބަރުންގެ 36 އިންސައްތައެވެ.
އެންމެ ކޮރަޕްޓް މީހަކީ މަޖިލީހުގެ ނާއިބު ރައީސް ނާޒިމް ކަމަށް އުމަރު ތުހުމަތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ