ސްކޫލް ކިޔެވުން ނުފެށި ހުރީ ބޮޑެތި މައްސަލަތަކެއް ހުރުމުން: ކުނަހަންދޫ ކައުންސިލް

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު، ލ. ކުނަހަންދޫ ކުދިން ސްކޫލަށް ނުފޮނުވައި ބެލެނިވެރިން މުޒާހަރާއަށް ނިކުމެފައިވަނީ ބޮޑެތި މައްސަލަތަކެއް ހުރުމުން ކަމަށާއި ސްކޫލުގެ ކިޔެވުން ފެށޭނީ އެ މައްސަލަތައް ހައްލުވުމުން ކަމަށް މުޒާހަރާ ކުރާ މީހުން ބުނެފައިވާ ކަމަށް ކުނަހަންދޫ ކައުންސިލުން ބުނެފިއެވެ.
ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސް ޔޫސުފް މަނިކު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބެލެނިވެރިން މުޒާހަރާއަށް ނިކުމެފައި ވަނީ ވަރަށް ބޮޑަށް ސްކޫލުގެ ފެންވަރު ދަށްވެފައި ވުމުން ކަމަށެވެ. އަދި އެ ގޮތުން މި އަހަރު ފެށުނުއިރު ޓީޗަރުން ހަމަނުވާއިރު ފާއިތުވި އަހަރު ވެސް އަދި މި އަހަރު ވެސް އެ ސްކޫލުގައި ޕްރިންސްޕަލެއް ނެތް ކަމަށް ޔޫސުފް ވިދާޅުވިއެވެ.
"ސްކޫލުގެ ހާލަތު ވަރަށް ދަށް. އެކަށީގެންވާ ފާހާނައެއް ސުކޫލަކު ނެތް. ސާފު ބޯފެން ލިބޭނެ ގޮތެއް ސްކޫލަކު ނެތް. ދިވެހި، އިސްލާމް އަދި ގުރުއާން ޓީޗަރެއްވެސް ނެތް. ގުރުއާން ޓީޗަރެއް ނެތްތާ މިހާރު ދިހަވަރަކަށް އަހަރު ވެއްޖެ. ޓީޗަރުން ހަމަނުވާއިރު މިދިޔަ އަހަރުންސުރެއް އަދިވެސް ޕްރިންސިޕަލެއްވެސް ނެތް. މި ކަންކަމަށް އެކަށީގެންވާ ހައްލެއް ލިބުނީމަ ނޫނީ ސްކޫލަށް ކުދިން ނުފޮނުވާ މުޒާހަރާ ކުރާނެ ކަމަށް މައުލޫމާތު ލިބިފަވަނީ،" ޔޫސުފް ވިދާޅުވިއެވެ.
ޔޫސުފް ވިދާޅުވީ މިއަދު ހެނދުނު ފެށި މުޒާހަރާ އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލަ މިހަރު އަތޮޅު ކައުންސިލްގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށާއި، ނަމަވެސް އަދި މިކަމާއި ގުޅިގެން އެޑިއުކޭޝަނުން އެއްވެސް ޖަބާވެއް ނުލިބޭ ކަމަށް ވެސް ޔުސުފް ވިދާޅުވިއެވެ.
"އަތޮޅު ކައުންސިލަށް ލިޔެފަ ވާނީ މިހާރު. ސަތޭކައަށް ވުރެއް ގިނަ ދަރިވަރުން ކިޔަވަމުން ދާއިރު ދުވަހަކުވެސް ސީއެއް ރިޕޯޓުފޮތަށް ނާރާ ކުދިންނަށްވެސް މިދިޔަ އަހަރު އެންމެ މަތިންވެސް ލިބިފަ ހުރީ ސީ ރިޕޯޓު. ކިހާ ފެންވަރު ދައްވީމަތޯ ކުއްލިއަކަށް ހުރިހާ ކުދިންގެ ރިޕޯޓު ދައްވާނީ،" ސްކޫލުގެ ފެންވަރު ސިފަކޮށްދެއްވަމުން ޔޫސުފް ވިދާޅުވިއެވެ.
ކުނަހަންދޫ ސްކޫލް ކިޔެވުން ނުފެށި ވާއިރު، މަސައްކަތްތައް ނުނިމެނީސް އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގައި ކިޔަވަން ފެށުމާއި ގުޅިގެން އެ ސްކޫލުގެ ބެލެނިވެރިން ވެސް މިއަދު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އަޑު އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ