"ލޯރެންސް އޮފް އެރޭބިއާ"ގެ ތަރި އުމަރު ޝަރީފް މަރުވެއްޖެ
ގާހިރާ، ޖުލައި 11 (އޭއެފްޕީ) - ބައިގަރުނަށް ވުރެ ދިގު މުއްދަތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އޯޑިއެންސްތައް އަތުލި މިސްރުގެ ފިލްމް ލެޖެންޑް އުމަރު ޝަރީފް އިއްޔެ މަރުވެއްޖެ އެވެ. ރީތި ސިފައަކާއި މީހުންގެ ހިތްދަމައިގަންނަ ފަދަ ޝަހުސިއްޔަތެއް ލިބިފައިވާ ޝަރީފް އުމުރުން 83 އަހަރުގައި މަރުވީ އޮލްޒައިމާސް (ހަނދާންނެތޭ ބަލި) ބަލީގައި އުޅެފަ އެވެ. ލަންޑަންގައި ހުރި އޭނާގެ އެޖެންޓް ސްޓީވް ކީނިސް ބުނިގޮތުގައި މިސްރުގެ ވެރިރަށް ގާހިރާގައި ޝަރީފް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ޝަރީފްއާ ގާތް މިސްރުގެ ކުރީގެ ވަޒީރެއް ކަމަށްވާ ޒާހީ ހައްވާސް ބުނިގޮތުގައި ޝަރީފް މަރުވީ ގާހިރާގެ ކްލިނިކެއްގައި ފަރުވާ ހޯދަނިކޮށެވެ. އެ ތަނުގައި އޭނާ އޮންނަތާ މަސް ދުވަސް ވެއްޖެ އެވެ. "އޭނަގެ ނަފްސާނީ ހާލަތު ވަނީ ދަށަށް ގޮސްފައި. އުޅުނީ ކެއިންބުއިން ހުއްޓާލައިގެން،" ހައްވާސް ބުންޏެވެ. އުމަރު ޝަރީފް 2009ގައި ވެނިސް ފިލްމު ފެސްޓިވަލުގައި ބައިވެރިވަނީ: އިއްޔެ މަރުވި އިރު އުމުރުން 83 އަހަރު.--ފައިލް ފޮޓޯ: އޭއެފްޕީ ޝަރީފް މަރުވުމުގެ ހިތާމަ އެތައް ބަޔަކު ފާޅުކުރަމުންދާ އިރު، ހޮލީވުޑް ތަރި އެންޓޯނިއޯ ބެންޑާރޭސް އޭނާ ސިފަކުރީ ވަރަށް މޮޅަށް ވާހަކަ ހުށަހަޅައިދޭ ގާތް ރަހުމަތްތެރިއެއް އަދި ބުއްދިވެރިއެއްގެ ގޮތުގަ އެވެ. ޝަރީފް އެކްޓްކުރަން ފެށީ 1950ގެ އަހަރުތަކުގަ އެވެ. އޭނާގެ އެންމެ މަޝްހޫރު ރޯލްތައް ކުޅެފައިވަނީ 1960ގެ އަހަރުތަކުގަ އެވެ. އޭގެ ތެރޭގައި އޭނާ އޮސްކާ އެވޯޑަށް ނޮމިނޭޓްވުމުގެ އިތުރުން ގޯލްޑަން ގްލޯބް އެވޯޑް ހާސިލްކުރި ފިލްމު "ލޯރެންސް އޮފް އެރޭބިއާ" ފާހަގަކުރެވެ އެވެ. އަދި "ޑޮކްޓަ ޝިވާގޯ"ގައި ކުޅުނު ރޯލަށް ވެސް ޝަރީފަށް ގޯލްޑަން ގްލޯބް ލިބުނެވެ. އޭނާ އަށް މަޝްހޫރުކަން ލިބުނީ "ލޯރެންސް އޮފް އެރޭބިއާ"ގައި ކުޅުނު ބައިންނެވެ. އެ ފިލްމުގައި އޭނާއަކީ ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސީން ތުރުކީންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އަރަބި ވެރިއެއްގެ ގޮތުގައި ހަމަޖެއްސި ޝަރީފް އަލީ ކިޔާ މީހެކެވެ. އުމަރު ޝަރީފް "ޑޮކްޓަ ޝިވާގޯ"ގައި "ލޯރެންސް އޮފް އެރޭބިއާ" އަށް ފަހު ޝަރީފް ކުޅުނު "ޑޮކްޓާ ޝިވާގޯ" އަކީ އަދި އެއަށް ވުރެ މާ ހައި ޕްރޮފައިލް ފިލްމެކެވެ. ރަޝިއާ އިންގިލާބު ތެރޭ ހިނގާ ހާދިސާތަކެއް ދައްކައިދިން އެ ފިލްމުގައި ބަތަލުގެ ބައި ކުޅުނު އިރު އޭނާ ޒުވާންއިރުގެ ގޮތުގައި ހަގީގީ ދަރިފުޅު ތޯރިގް ވެސް އެ ފިލްމުން ފެނެ އެވެ. އަރަބި، އިނގިރޭސި، ފްރެންޗް، ގްރީކް، އިޓާލިއަން އަދި ސްޕެނިޝް ބަހުން ފަރިތަކޮށް ވާހަކަދެއްކި ޝަރީފް ފަހުން ވަނީ އެތައް ފިލްމަކާއި ޓީވީ ޝޯތަކުން ފެނިފަ އެވެ. އޭގެ ތެރޭގައި ބާބަރާ ސްޓްރައިސޭންޑްއާ އެއްކޮށް 1968ގެ "ފަނީ ގާލް"ގައި ކުޅުނު ބައި ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ