މިހާރު އޮތް ވަޒީރުންގެ މަޖިލީހަކީ ޣައިރު ޤާނޫނީ މަޖިލީހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފި

19:00ކެބިނެޓުން އެއްފަހަރާ އިސްތިއުފާ ދެއްވި ވަޒީރުންނަށް އަލުން މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ ނުލާ ކަމަށް ވާތީ، އެއީ ޣައިރު ޤާނޫނީ ވަޒީރުންގެ މަޖިލީހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ގައުމީ ޕާޓީން ނިންމައިފި އެވެ.މިކަން އިއުލާންކުރުމަށް ވާދަވެރި ގައުމީ ޕާޓީން މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެ ޕާޓީގެ އާމީން އާއްމު އަބްދުﷲ އަމީން ވިދާޅުވީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމީ، ވަޒީރުންގެ މަޖިލިސް އައްޔަންކުރެއްވުމަށްފަހުގައި އެ މަޖިލީހަށް އައްޔަންކުރެއްވި ބޭފުޅުންނާ މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރައްވާފައި ވަނީ އެ ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުން ހޯދަންޖެހޭ ރުހުން ހޯދުމަކާ ނުލާ ކަމަށް ވާތީ ކަމަށެވެ. އަދި މަގާމުތަކުގެ ހުވާކުރެއްވުމަށްފަހު ވަޒީރުން އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރައްވަން ފައްޓަވާފައިވާކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ، އެ ބޭފުޅުންނަކީ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ބައެއް ކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގެ ރުހުމެއް ނެތި، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން އެ ބޭފުޅުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާއިރު، އެ ބޭފުޅުން ޖަވާބުދާރީ ކުރެވޭނެ އުސޫލު މިހާރު ނެތިގެން ގޮސްފައިވާތީ، މި މައްސަލަ ވީހާވެސް އަވަހަކަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ގައުމީ ޕާޓީން މަސައްކަތްކުރަމުންދާ ކަމަށްވެސް އަމީން ވިދާޅުވި އެވެ.ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހަތް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ނަންތައް މަޖިލީހަށް ފޮނުއްވަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެގެންވާއިރު، މިހާރު އޮތް ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މަގާމުގެ ހުވާކުރައްވާ، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނީ ޤާނޫނު އަސާސީގެ ރޫހާ ޚިލާފަށް ކަމަށް ގައުމީ ޕާޓީންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ތުހުމަތުކުރަމުންނެވެ.ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ ބުދަ ދުވަހު އައްޔަންކުރެއްވި ބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހަޅަންޖެހޭ ހަތް ދުވަހުގެ މުހުލަތު މާދަމާ ހަމަވާއިރު، އޭގެ ކުރިން މަޖިލީހަށް ނަންތައް ހުށަހަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ގައުމީ ޕާޓީން ބުނެފައި ވަނީ، ވަޒީރުންގެ ނަންތައް ދެން މަޖިލީހަށް ހުށަހެޅިކަމުގައި ވިޔަސް، ޤާނޫނު އަސާސީއާ ޚިލާފަށް ކަންތައް ކުރައްވާފައިވާނަމަ އެކަންތައް ޤާނޫނީ އިމުގެ ތެރެއިން ބެލުމުގެ ފުރުސަތު އޮންނަ ކަމަށާއި ސުޕްރީމު ކޯޓުގައި އެ މައްސަލައައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުދިނަސް ވަޒީރުކަމުން ވަކިކުރެވޭނެ އުސޫލެއް ނޯންނަ ކަމަށް ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުންދާ ކަމަށް ދުވަހު ނޫހެއްގައި ބުނެފައިވެ އެވެ. އަދި ރައީސް ނަޝީދު ޚުދް ވިދާޅުވެފައި ވަނީ، ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭނީ ރުހުމެއް ކަމަށާއި އެއީ މަޖިލީހުގައި އެންމެ މެމްބަރަކު އިށީންނަވައިގެން ވޯޓް ދެއްވައިގެން ނިންމަވާ ގޮތަކަށް ގާނޫނު އަސާސީގައި އޮންނަ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ