ގެމަނަފުށީ ދާއިރާގެ އިންތިޚާބީ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ އިންތިޚާބާ ގުޅިގެން އެމްޑީޕީން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ. އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ޖަމީލު އުސްމާނެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލިއިރު އަޑުއެހުންތައް ފަށާފައި ވަނީ ވެސް މިއަދެވެ. މިއަދުގެ އަޑުއެހުން ނިންމަވާލަމުން، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޔޫސުފް ހުސައިން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. ނަމަވެސް އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެނަމަ ނުވަތަ ހެކިވެރިއަކު ހާޒިރުކުރަން ޖެހޭ ކަމަށް ފެނިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. އެމްޑީޕީގެ ދައުވާގައި އެދިފައިވަނީ އެ ދާއިރާގައި ހިމެނޭ ގއ. ދެއްވަދޫގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ބާތިލްކޮށް ދިނުމަށެވެ. އެ ދައުވާގައިވާ ގޮތުން ޖަމީލުގެ ފަރާތުން ބައެއް މީހުންނަށް ވަނީ ބިރު ދައްކައި، ވޯޓަށް ނުފޫޒު ފޯރުވައިފަ އެވެ. އަދި ރިޝްވަތު ދިނުމާއި އެކިއެކި އެހީތައް ދިނުމުގެ ކަންތައްތައް ޖަމީލުގެ ފަރާތުން ހިންގާފައިވާ ކަމަށް އެ ދައުވާގައިވެ އެވެ. އަދި ވޯޓު ކަރުދާސްތައް ގުނިއިރު ދެއްވަދޫގައި ހުރި ފޮށީގެ 200 އެއްހާ ވޯޓުގައި އެކި ބާވަތުގެ ނިޝާންތަކެއް ޖަހާފައިހުރި ކަމަށް އެ ދައުވާގައިވެ އެވެ. އެހެންކަމުން އެ ވޯޓަށް ނުފޫޒު ފޯރުވައި، ވޯޓުގެ ސިއްރުކަން ނަގާލާފައިވާތީ އެ ފޮށީގެ ނަތީޖާ ބާތިލްކޮށް ދިނުމަށް އެދޭ ކަމަށް އެ ދައުވާގައިވެ އެވެ. އެ ކަންކަން ސާބިތުކޮށް ދިނުމަށް އެމްޑީޕީން ވަނީ ތިން ހެކިވެރިއެއްގެ ނަން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މޮނީޓަރުންނާއި ކެންޑިޑޭޓެއްގެ މަންދޫބެކެވެ. ނަމަވެސް ކޮމިޝަނުން އެކަމަށް އިންކާރުކުރި އެވެ. އެ ކޮމިޝަންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ދައުވާގައި ބުނާ މައިގަނޑު ކަންތައްތައް ސާބިތުކުރަން އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެގޮތުން ބިރު ދައްކައި، ރިޝްވަތު ދިންކަން ސާބިތުކުރަން އެއްވެސް ހެއްކެއް ނެތްއިރު ވޯޓު ކަރުދާސްތަކުގައި ނިޝާންތަކެއް ޖަހާފައި ހުރިކަން ސާބިތުކުރަން ހެކި ހުށަހެޅުމަކުން ނުފުދޭ ކަމަށް ވިދާޅުވި އެވެ. އަދި އެއީ ޖަމީލު ބުނެގެން ޖަހާފައި ހުރި ޓެގްތަކެއް ކަން އެނގޭފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އެކަންކަން ފާހަގަކޮށް ސުއޫދު ވިދާޅުވީ އެ މައްސަލައިގެ" އަސްލިއްޔަތު" ގެއްލިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ކަރުދާހެއްގައި ކުރެހުމެއް ހުރުމަކީ އެ ވޯޓެއް ބާތިލްވާނެ ސަބަބެއް ނޫން ކަމަށާއި އެކަން ގަވާއިދުގައި ވެސް އޮންނަ ކަމަށެވެ. އަދި ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ކަންކަން އިސްލާހުކުރަން ހައި ކޯޓުން އެންގި ނަމަވެސް އެކަމަށް ކޮމިޝަނަށް ވަގުތު ނުލިބުނީ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ މައްސަލައިގެ ތެރެއަށް ޖަމީލުގެ ފަރާތުން ވެސް ވަނީ ތަދައްޚުލްވެފަ އެވެ. ޖަމީލްގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ ޖަމީލުގެ ފަރާތުން ރިޝްވަތު ހުށަހެޅިކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ގަވާއިދުގައި އެއްވެސް މާއްދާއެއް ހިމެނިފައިވާނަމަ އެކަން އިސްލާހުކުރަންޖެހޭ ކަމަށް ހައި ކޯޓުން ހުކުމްކުރި ނަމަވެސް ގަވާއިދު އިސްލާހު ނުކުރާހާ ހިނދަކު އެއަށް އަމަލުކުރަންޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ