އެމެރިކާ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށާނެއެވެ.
ވޯޓުލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު އިންތިހާބުގައި ވާދަކުރައްވާ ރައީސް ބަރަކް އޮބާމާ އާއި އިދިކޮޅު ރިޕަބްލިކަން ކެންޑިޑޭޓް މިޓް ރޮމްނީ ގެންދަވަނީ ވަކި ކޮޅަކަށް ނުޖެހޭ މީހުން އެންމެ ގިނައިން އުޅޭ ސަރަހައްދުތަކުގައި ކެންޕޭން ކުރައްވަމުންނެވެ.
ރޮމްނީ އެންމެ ފަހުގެ ކެންޕޭންތައް އޮހާޔޯ އާއި ޕެންސިލްވީނިޔާގައި ކުރިޔަށް ގެންދާއިރު އޮބާމާ އިއްޔެ ވަނީ އޮހާޔޯ އާއި މެޑިސޮން އަދި ވިސްކިންސަންއަށް ޒިޔާރަތް ކުރައްވާފައެވެ.
ތަޖުރިބާ ކާރުން ބުނާގޮތުގައި ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާ ބަރޯސާ ވެގެންދާނީ އެންމެ އާބާދީ ބޮޑު ސިޓީތައް ކަމަށްވާ ވާޖީނިޔާ، ފްލޮރިޑާ، އިއެވާ، އޮހާޔޯ، މެޑިސޮން، ވިސްކިންސަން، ޕެންސިލްވީނިޔާ އަދި ނިޔުޔޯކުން ކެންޑިޑޭޓުންނަށް ލިބޭ ނަތީޖާއެއްގެ މައްޗަށެވެ.
އިއްޔެ އޯހީޔޯ ކޮލަންބަސް އިން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި އޮބާމާއަށް 52 އިންސައްތަ ލިބިފައި ވާއިރު ރޮމްނީއަށް ލިބިފައިވަނީ 48 އިންސައްތައެވެ. އޯހީޔޯގެ ވޯޓުން އޮބާމާ ކުރީގައި އުޅުއްވި ނަމަވެސް ވޮޝިނަޓަން ޕޯސްޓުން ނެގި ހިޔާލު ހޯދުމުގެ އެންމެ ފަހުގެ ވޯޓުގެ ނަތީޖާ އާއި އެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކެޑިޑޭޓަކާ ބެހޭގޮތުން ކުރެވޭ ބަހުސްތައް ވެސް މިހާރު ވަނީ އިތުރުވެފައެވެ.
ވޮޝިންޓަން ޕޯސްޓުގެ ހިޔާލު ހޯދުމުގެ ވޯޓުން ދައްކާގޮތުގައި ރޮމްނީއަށް ލިބިފައިވަނީ 46 އިންސައްތައެވެ. އަދި އޮބާމާއަށް ލިބިފައިވަނީ 47 އިންސައްތައެވެ. ދެ އިންސައްތަ ވޯޓު ބާތިލް ވެފައި ވުމުން މި ވޯޓުގެ ނަތީޖާ އާއި މެދު ކުރެވޭ ބަހުސްތައް ވަނީ ހޫނުވެފައެވެ.
މިޔަދު ރަސްމީކޮށް ވޯޓުލާން ފަށަން ތައްޔާރުވަމުން އަންނައިރު ކުދި ސްޓޭޓްތަކުގެ ގޮތުގައި ފާހަގަކުރާ 34 ސްޓޭޓާއި ވެރިރަށް ވޮޝިންޓަން ހިމެނޭ ކޮލަންބިޔާ ޑިސްޓްރިކްޓުގެ ސަރަހައްދުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 25 މިލިޔަން މީހުން ހިމެނެއެވެ.
އެމެރިކާގައި އިލެކްޓޯރަލް ވޯޓިން ސިސްޓަމްއިން ނަތީޖާ ހާމަކުރާނީ ކޮންމެ ސްޓޭޓަކުން އެ ކެންޑިޑޭޓަކަށް ލިބުނު ވޯޓަށް ބަލާ އެ ސްޓޭޓަކުން މޮޅުވާ ކެންޑިޑޭޓަކަށް އިލެކްޓޯރަލް ވޯޓެއްގެ ގޮތުގައެވެ. މިގޮތުން ސްޓޭޓަކަށް ދެވޭނެ އިލެކްޓޯރަލް ވޯޓު ކަނޑައަޅާފައި ވާނީ އެ ސްޓޭޓެއްގެ އާބާދީއަށް ބަލައިގެނެވެ. އިންތިހާބުން މޮޅުވާ ކެނޑިޑޭޓަކު 270 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރަން ޖެހޭނެއެވެ.
އެމެރިކާ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފެށެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ