ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގައި ފޮރުވިފައިވާ ރޭވުންތަކެއްވޭ: ނަޝީދު

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހެޅުމުގައި ސަރުކާރުގެ ފޮރުވިފައިވާ ރޭވުންތަކެއް ހިމެނޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތުކުރައްވައިފި އެވެ. ހދ. ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުފުޅެއްގައި މާލޭން ފުރާވަޑައިގަތުމުގެ ކުރިން މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް މަސައްކަތްކުރާއިރު، އެ ކޯޓަށް ގެންނަން އުޅެނީ ކޮން ބައެއްކަން އެމްޑީޕީ އަށް އެނގިފައި ނުވާ ކަމަށެވެ. "ވަރަށް ދެރަ ކަމެއް އެއީ ދެފުށް ފެންނަ ގޮތަކަށް ސަރުކާރުގެ ކަންކަން ނުގެންދެވޭކަން. އަޅުގަނޑުމެން ބަލައިގެންފައިވާ ގާނޫނު އަސާސީގެ އެންމެ ބޮޑު ތަރަހައަކީ ދެފުށް ފެނުން. މި ގެންނަ ބަދަލުތަކުގައި [ސުޕްރީމް ކޯޓުގެ] ބެންޗުގައި ކޮން ބޭފުޅެއްތޯ ތިއްބަވާނީ ކޮން ބޭފުޅެއްތޯ ނުތިއްބަވާނީ، އެ މައުލޫމާތު އަޅުގަނޑުމެންނަކަށް ނުލިބޭ،" އެ މަނިިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ކޯޓުތައް އިސްލާހު ކުރުމުގެ ނިޔަތުގައި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން މަސައްކަތް ކުރި ނަމަވެސް ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ނޫނީ އެކަން ކޮށްގެން ނުވާނެ އެވެ. އަދި އެ މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ބާރުގެ ދަށަށް ސުޕްރީމް ކޯޓު ގެންދިއުމަށް ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވި އެވެ. "މިހާރު އެކުލަވާލެވިފައިވާ ސުޕްރީމް ކޯޓަކީ އޭރު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާ އެކީގައި އެކުލަވާލެވުނު ސުޕްރީމް ކޯޓުގެ ބެންޗެއް. ހާއްސަކޮށް، އެމްޑީޕީ އާއި ޑީއާރުޕީއާ އެއްކޮށް ހިންގުނު މަޝްވަރާއާ އެކީގައި އެކުލަވާލެވުނު ބެންޗެއް. އޭރު ޕީއޭގައި އަބްދުﷲ ޔާމީން ހުންނެވީ. އެހެންވީމައި، މި ބެންޗް އެކުލަވާލުމުގައި އެ ބޭފުޅާގެ ބައިވެރިވުން ނެތިފައިވީ ކަމުން މިހާރު އިތުރު ބަދަލެއް ސުޕްރީމް ކޯޓު ބެންޗަށް ގެނައުމަށް އެ އުޅުއްވާ އުޅުއްވަމަކީ އަޅުގަނޑުމެންގެ ގާނޫނު އަސާސީއާ ފުށުއަރާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ. ހަތް ފަނޑިޔާރުން ހިމެނޭ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފް އެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުންގެ ތާއިދާ އެކު މަޖިލީހަށް އެ ބިލް ބަލައިގެންފައިވާއިރު، އެ އިސްލާހަށް ތާއިދުނުކުރުމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ