ރައްޔިތުން ކަންބޮޑުވާ ނަމަ ސޫރަވާ މޮނިއުމަންޓްތައް ބެހެއްޓުމުގެ މާނައެއް ނެތް: ރައީސް

ސާކު ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކުގެ ތެރެއިން ސޫރަވާ ގޮތަށް ހުރި މޮނިއުމަންޓްތަކާ މެދު ރައްޔިތުން ކަންބޮޑުވާ ނަމަ ބެހެއްޓުމުގެ މާނައެއް ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ސްރީލަންކާ އަށް ކުރައްވާ ދެ ދުވަހު ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަތުމުގެ ކުރިން އެއްނަންބަރު ފާލަމުގައި "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ "ސޫރަވާ ގޮތަށް ހުރި" [ކޮން ސޫރައެއް ކަމެއް ރައީސް ވިދާޅެއް ނުވޭ] މޮނިއުމަންޓްތަކުގެ އިތުރުން ރިސޯޓްތަކުގައި ހުރި މަސާޖުކުރާ ތަންތަނުގައި ސެޓްފިކެޓް ނެތް މީހުން މަސައްކަތްކުރާތީ ޓޫރިޒަމް މިނިސްޓްރީން ސުވާލުކުރަމުންދާ ކަމަށެވެ. އަދި މާލޭގައި ހުރި މަސާޖުކުރާ ތަންތަން ވެސް ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. "ބައެއް ތަންތަނުގައި ސެޓްފިކެޓް ނެތް މީހުން މަސައްކަތްކުރަމުން ދިއުމާއި މި ބާވަތުގެ ކަންތައްތަކެއް ހުރި ކަމަށް ސަރުކާރަށް ވެސް ފާހަގަވޭ ރިސޯޓްތަކުގައި [ހުރި ކަމަށް]. އަދި މާލޭގައި ވެސް. އެ ބާވަތުގެ ކަންކަން ހަމަކަށަވަރުން ވެސް ބަލަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އައްޑޫގެ އިތުރުން މާލޭގައި މޮނިއުމަންޓް އެބަހުރި ކަމަށާއި ނަމަވެސް ސޫރަވާ ގޮތަށް ނުވަތަ ދިވެހިރާއްޖޭގައި މިހާތަނަށް އެ ބާވަތުގެ ފެންނަން ނެތް ކަހަލަ މޮނިއުމަންޓަކާ މެދު އައްޑޫ ރައްޔިތުން ނުވަތަ ރާއްޖޭގެ ރައްޔިތުން ވެސް ކަންބޮޑުވާނަމަ ސަރުކާރުން މާބާރު އަޅައިގެން ބެހެއްޓުމުގެ ނެތް ކަމަށެވެ. "އެހެން ނަމަވެސް މި މޮނިއުމަންޓްތަކަކީ އެކުވެރި ދައުލަތްތަކަކުން ހަދިޔާކޮށްފައި ހުރި މޮނިއުމަންޓްތަކަށް ވާތީވެ އެ ބޭފުޅުންނާ ވެސް މަޝްވަރާކުރުން އޮންނާނެ. އެ ބޭފުޅުންނަށް ވެސް އަޅުގަނޑު އަންގައިދޭން ޖެހޭ މިހެން މިހެން ހިތްހަމަނުޖެހުން ވާކަމަށް،" ރައީސް ވިދާޅުވި އެވެ. އިޒްރޭލުގެ މަތިންދާ ބޯޓު ޖެއްސުމާ ގުޅޭ ގޮތުން ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ "އަޅުގަނޑުމެން ސަރުކާރުން ނޫޅޭ ބަޔަކު މީހުން ނުކުމެދާނެތީ ބިރަކުންނެއް" ކަމަށެވެ. "[އިޒްރޭލުގެ] ބޯޓު ޖައްސާ ދުވަހު އެ ބޭފުޅުން އެހެން ހައްދަވާނެކަމަށް އަނެއް އެއްޗެއް ޖައްސާ ދުވަހު މިހެން ހައްދަވާނެ ކަމަށް، އެ މޭރުން އެއްގޮތަކަށް ވެސް ވާހަކަދައްކަވައި ސަރުކާރާ އެގޮތަށް މުއާމަލާތްކުރައްވަން ނޫޅުއްވާށޭ،" ރައީސް ވިދާޅުވި އެވެ. "ހަށިވިއްކުމާއި ސްޕާ އާއި މިބާވަތުގެ ކަންތައްތައް ވެސް އެންމެފަހުން ބަލާއިރު މިހުންނަނީ ހަމަ މުޒާހަރާކުރާ ބޭފުޅުންނާ ގުޅިފައި ހުންނަ ތަންތަނުގައި." މަސާޖު ކުރާ ތަންތަން ބަންދުކުރުމާއި އައްޑޫގައި ހުރި ބުދުތައް ނައްތާލުމާއި އިޒްރޭލުގެ ފްލައިޓް ޖެއްސުން މަނާކުރުމާއި ރަށްރަށް ފަޅުކޮށްގެން ބަނގުރާ ވިއްކަން ކުރާ މަސައްކަތް ހުއްޓުވުމަކީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކޮށްފައިވާ ކަންތައްތަކެވެ. ރައީސް ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ސްރީލަންކާގެ މިލިޓަރީ އެކަޑަމީގެ ކޮމިޝަނިން ޕެރޭޑް ރަސްމިއްޔާތުގައި، ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް، ސްރީލަންކާ ސަރުކާރުން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ