އުއްތަމަ ފަނޑިޔާރު ވަރަށް އަވަހަށް ހިދުމަތަށް ނުކުންނަވާނެ: ސުޕްރީމް ކޯޓު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ފަތުރަމުންދާ ގިނަ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި "ނުހަނު ކާމިޔާބު ސިއްހީ ފަރުވާފުޅަކަށް ފަހު"، އެ މަނިކުފާނު ވަރަށް އަވަހަށް ހިދުމަތަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ. ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. ސުޕްރީމް ކޯޓުން ބުނި ގޮތުގައި ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގިނަ ޑިމޮކްރެޓިކް މުޖުތަމައެކޭ އެއްފަދައިން، އަނެކާގެ ހައްގުތަކަށާއި މުޖުތަމައުގެ ހައްގުތަކަށް ފުރިހަމަ އަށް އިހުތިރާމް ކުރަންޖެހޭ ޒިންމާދާރު އަދި ބިނާކުރަނިވި މިނިވަންކަމެެކެވެ. "ވީމާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަނެކުންނާއި މުޖުތަމައުގެ ހައްގުތަކަށް އިހުތިރާމްކުރާ ޒިންމާދާރު އަދި ބިނާކުރަނިވި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ތަރައްގީކޮށް، ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ފަރާތުން އުފުލަމުން ގެންދާނެކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭއިރު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ބެހޭގޮތުން ފަތުރަމުންދާ ގިނަ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ދިވެހިރާއްޖޭގެ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު ނުހަނު ކާމިޔާބު ސިއްހީ ފަރުވާފުޅަކަށް ފަހު، މާތްﷲގެ ވާގިފުޅާއެކު ދިވެހި ދައުލަތުގެ ހިދުމަތަށް ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެ ކަމުގެ އުފާވެރި ހަބަރު ދިވެހި ރައްޔިތުންނަށް އަރުވާ ވާހަކަ ދެންނެވީމެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ. އުއްތަމަ ފަނޑިޔާރު ކުއްލި ގޮތަކަށް ސިއްހީ ފަރުވާއަކަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭގަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، އެމަނިކުފާނު ފުރާވަޑައިގަތީ ލޮލުގެ "ކުއްލި" ސާޖަރީ އަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ