މި އަހަރުގެ މެއި/ޖޫން އޭ ލެވެލް އިމްތިހާން ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ދޭ އުސޫލަށް ބަދަލް ގެނައުމުގެ ސަބަބުން ވަރަށް ގިނަ ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅު ކުރަމުން އެބަދެއެވެ.
"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރުގެ މެއި/ޖޫން މަހު އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދި ގިނަ ދަރިވަރުންތަކަކަށް ރައީސް ދެއްވާ ސްކޮލާޝިޕްގެ އުސޫލުން ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު މިފަހަރު ނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ އުސޫލެއްގައި ވަނީ މި ސްކޮލާޝިޕްގެ ދަށުން ބޭނުން ގައުމަކުން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނީ އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން "އޭ" ސްޓާރ ހޯދާ ދަރިވަރުންނަށެވެ. އެހެން ނަމަވެސް ހަމަ މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ސޮއި ކުރައްވާ ނެރުއްވާފައިވާ "މަތީ ޘާނަވީ ސްކޫލް ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ކަނޑައަޅާ އުސޫލް" ގައި ވަނީ މި އުސޫލު ތަންފީޒުކުރަން ފަށާނީ މި އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައި ބާއްވާ އޭ ލެވެލް އިމްތިހާނުތަކުން ފެށިގެން ކަމަށެވެ.
އެހެންނަމަވެސް " ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި މި އުސޫލު ގެޒެޓްކޮށް އާންމު ކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މިއަހަރުގެ މެއި/ޖޫން މަހު އޭ ލެވެލް އިމްތިހާން ނިންމި ދަރިވަރުންނަށް ވެސް ސްކޮލާޝިޕް ދިނުމުގައި އޭ ސްޓާރއަށް ޕޮއިންޓް ދިނުމަށް ވަނީ ނިންމާފައެވެ.
" ވަގުތަށް" މައުލޫމާތު ދިން ބެލެނިވެރިއަކު ބުނެފައިވަނީ އޭނާގެ ދަރިފުޅު ބައެއް މާއްދާތައް ޖެނުއަރީ މަހު ވެސް ހެދި ކަމަށާއި އަދި އޭރު 'އޭ' ގްރޭޑް ލިބުމުން މެއި/ޖޫން އިމްތިހާނުގައި އޭ ސްޓާރއެއް ހޯދުމަށް މާގިނަ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށެވެ. ސަބަބަކީ ޒަމާނުއްސުރެ އޭ ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށް ރައީސްގެ ސްކޮލާޝިޕް ދޭތީ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.
އަދި ޖެނުއަރީ މަހު ހެދި އިމްތިހާނުގެ ނަތީޖާ ލިބުން ދުވަހު ސްކޮލާސިޕް އާއި ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަން އަށް ދިޔަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ." އަޅުގަނޑުގެ ދަރިފުޅުގެ ނަތީޖާ ލިބުން ދުވަހު އަޅުގަނޑު ދިޔައިން ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިޔުކޭސަންއަށް ސްކޮލާސިޕް ތަކާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން . އެދުވަހު އެބޭފުޅުން ބުނި "އޭ" ލިބޭ ދަރިވަރުންނަށް ވެސް ސްކޮލާސިޕް ލިބޭނެއޭ. ނަމަވެސް އިހަކަށް ދުވަހު އަޅުގަނޑު އަލުން އެ ޑިޕާޓްމެންޓަށް ދިޔައީމައި ބުނީ ސްކޮލާސިޕް ލިބޭނީ "އޭ" ސްޓަރ ހޯދާ ދަރިވަރުންނަށޭ. އަދި އަޅުގަނޑުގެ ރައްޓެއްސެއްވެސް ހަމަ މި މައްސަލައިގައި އެޑިޕާޓްމެންޓަށް ދިޔައީމައި ދެއްވީ ހަމަ އެޖަވާބު.. ހަޤީޤަތުގައި މިއީ ވަރަށް ހިތާމަ ހުރި ކަމެއް." ވަގުތަށް މައުލޫމާތު ދެމުން ނަން ހާމަކުރަން ބޭނުން ނުވާ ބެލެނިވެރިޔަކު ބުނެފައި ވެއެވެ.
އިތުރަށް މައުލޫމާތު ދެމުން ބެލެނެވެރިޔާ ބުނެފައިވަނީ މިފަދަ ބޮޑު ބަދަލެއް ގެނައި އިރު ސްކޫލްތަކަށްވެސް ކުރީބައިގަ އަންގާފައިނުވާކަމަށެވެ. އަދި ސްކޫލްތަކުގެ އިސްވެރިންނަށްވެސް އެކަމާބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭކަމަށެވެ.
އަލަށް އެކުލަވާލައިފައި ވާ އުސޫލުގެ ދަށުން މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު އޭ ލެވެލް އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ބޭނުން ގައުމަކަށް ކިޔަވަން ދިޔުމުގެ ފުރުސަތު ލިބެއެވެ. އަދި އެއްވަނައިގައި ހިމެނޭ ބާކީ ދަރިވަރުންނަށާއި ދެވަނައިގައި ހިމެނޭ ދަރިވަރުންނަށް ސާކް ގައުމުތަކުން ސްކޮލާޝިޕުގެ ފުރުސަތު ދެއެވެ.
ކަންމިހެން ހުރުމުން މި މައްސަލައިގައި ގިނަ ބެލެނިވެރިންގެ ހިތްހަމަނުޖެހުން އެޑިޔުކޭސަން މިނިސްޓްރީއަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި މިކަމާ ބެހޭ ގޮތުން ރަސްމީ ސިފައެއްގައި އެޑިޔުކޭޝަން މިނިސްޓްރީއިން އަދި އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.
ސްކޮލާޝިޕް ދޭ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ގިނަ ބެލެނިވެރިން "ރަތަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ