ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕީޖީ މުހުތާޒް މުހުސިނާއި ގއ.މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް މިނިވަންކުރުމަށް އަމުރުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި އެ ނިންމުން އަލުން ރިވިއުކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ދިވެހި ދައުލަތާއި އުއްތަމަ ފަނޑިޔާރާ ދެމެދު މަޝްވަރާ ކުރައްވައިފި ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަނޑާރަ ނައިބު އިތުރަށް ވިދާޅުވީ، ސްޕްރީމް ކޯޓްގެ އަމުރުގައި މިނިވަންކުރުމަށް އަމުރުކޮށްފައިވާ ބައެއް ފަރާތްތަކަކީ ބޮން ގޮއްވުމާއި ޓެރަރިޒަމާއި ކޮރަޕްޝަންގެ މައްސަލަ ތަކުގައި ހުކުމްކޮށްފައިވާ ފަރާތްތައް ކަމުން އެކަންކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރާއި ހިއްސާކުރައްވާފައިވާ ކަމުގައެވެ.
އަދި މަޝްވަރާތަކަށް ފަހު ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒްކުރާނީ ޑިއު ޕްރޮސެސްގެ ތެރެއިންކަމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާކަމަށްވެސް އަނިލް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ، މި މަޝްވަރާތަކަށް ފަހު މިހާރު ސަރުކާރުން އަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލާއި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައެވެ.
ސަރުކާރުން އަބަދުވެސް ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި، ދިވެހިރާއްޖޭގައި ފައްކާވަމުން މިދާ ޑިމޮކްރެސީއަށް މަގުފަހި ކޮށްދިނުމާއެކީގައި ޤައުމުގެ ސުލްހަ މަސަލަސްކަމާއި ޤައުމުގެ ތަރައްޤީއާއި މި ޤައުމު އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ރާވާފައި ހުރި ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓާ މަޝްވަރާކޮށްފިން - ބަންޑާރަ ނައިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ