ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމާ ގުޅޭގޮތުން ޕްރޮސެކިއުޓަ ޖެނަރަލްގެ އޮފީހުން ނެރުއްވާފައިވާ ބަޔާނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިބަޔާނަށް ފާޑު ވިދާޅުވީ މިބަޔާނުގެ ކޮޕީއަކާ އެކު އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ޕީޖީ އޮފީހުގެ ބަޔާނަކީ ވަރަށް ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން އެ އަމުރަށް ވަގުތުން ތަބާވާންޖެހޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އެހެންކަމުން އެ އަމުރު ތަންފީޒުކުރުން ފަސްކުރުމުގެ ޖާގައެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ދޫކޮށްލަން އަމުރުކޮށްފައިވާ ނުވަ ބޭފުޅުންނާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އެބޭފުޅުންގެ ބައެއް މައްސަލަތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހުރި މައްސަލަތަކެއް ކަމަށްވާތީއާއި، އޭގެތެރެއިން ބައެއް މައްސަލަތަކަކީ ޝަރުއީ މަރުހަލާތައް ނިމިފައިވާ މައްސަލަތަކެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ޕީޖީ އޮފީހާއި ކަމާ ގުޅުންހުރި އިދާރާތަކާއެކު މިހާރު ކުރަމުންދާ ކަމަށްވެސް މިބަޔާނުގައިވެ އެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލް ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ޕީޖީ އޮފީހުން މިހާރު ތައްޔާރުވަމުންދާ ކަމަށްވެސް މިބަޔާން ނިންމާލަމުން ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން ފާހަގަވާ ގާނޫނީ މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ދައުލަތުގެ ބަންޑާރަނައިބް މުހައްމަދު އަނިލް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕީޖީގެ ބަޔާނުގައި އެއްވެސް ޒިންމާދާރުކަމެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ