ފާރިސް މައުމޫން ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރުކޮށްފި އެވެ.
ފާރިސް މައުމޫން މީގެ ކުޑައިރުކޮޅެއް ކުރިން ހައްޔަރުކޮށްފައި މިވަނީ އޭނާ ދިރިއުޅުއްވާ މ. ސްނޯރޯޒް ބަލައި ފާސްކުރުމަށް ފުލުހުން ފާރިސްގެ އެޕާޓްމަންޓްގައި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހަރަކާތްތެރިވުމަށްފަހު އެވެ.
ފާރިސް ހައްޔަރުކޮށްގެން ގެންދިޔައިރު ފާރިސްގެ އެޕާޓްމަންޓުން ފުލުހުން ވަނީ މައްސަލައާއި ގުޅޭ ބައެއް ތަކެތި ގެންގޮސްފަ އެވެ.
ފާރިސް ހައްޔަރުކުރަން ކޯޓު އަމުރު ނެރެދީފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އާދަމް އާރިފް އެވެ.
ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފާރިސް މިއަދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް ތުހުމަތުކުރާ މައްސަލާގައި ފާރިސް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން މީގެ ކުރިން ބަޔާން ދެއްވާފައިވާ ކަމަށާއި އެހެންކަމުން އެމައްސަލާގައި ފާރިސް ހައްޔަރުކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ