މިރޯދަމަހުގެ ކޮންމެ ދުވަހަކު ކަރަންޓު ކެނޑޭ: މަޑަވެލީ ރައްޔިތުން

ރަމަޟާން މަސް ފެށުނު ފަހުން ކޮންމެ ދުވަހަކުހެން ހެނދުނު ކަރަންޓު ކެނޑޭކަމަށް ގދ މަޑަވެލީގެ ރައްޔިތުން ބުނެފި އެވެ.
ވީނިއުސްއަށް މައުލޫދެމުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް މަޑަވެލި މީހަކު ބުނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަތިހު ކަރަންޓު ކެނޑޭ ކަމަށާއި، ދެން ކަރަންޓު ލިބެނީ ހެނދުނު 8 ގެ ފަހުން ކަމަށެވެ. އޭނާ ބުނީ ކަރަންޓު ކެނޑޭ މައްސަލައަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާއިރު މީގެ ކުރިން ފެނަކައި ބުނަނީ ކަރަންޓު ކެނޑެނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު މޫސުން ވެސް ރަނގަޅު ކަމަށާއި، އެކަމަކު މައްސަލައަށް ހައްލެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
މިމައްސަލައާ ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޑަވެލީގެ ކައުންސިލްގެ ރައީސް ވިދާޅުވީ ކަރަންޓު ކެނޑެނީ ނޫން ކަމަށާއި، މުޅި ރަށަށް ކަރަންޓުދޭނެ ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލަނީ ކަމަށެވެ. ކަރަންޓު ކަނޑޭ މައްސަލައިގައި އިތުރަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.
ފެނަކަ ކޯޕަރޭޝަންގެ މަޑަވެލީގެ ބްރާޗުން ބުނީ ކަރަންޓް ކެނޑޭ މައްސަލައި މައުލޫމާތު ހިއްސާނުކުރުމަށް ރީޖަނަލް އޭރިއާއިން އަންގާފައިވާ ކަމަށެވެ.
މަޑަވެއްޔަކީ އާބާދީގައި 1900 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ގެންދާ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ