ޝަރީއަތް ނިމެންދެން ރައީސް މައުމޫން ޖަލުގައި ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މުއްދަތު މަޖިލީހުގައި ގިނަ އިޖުރާއީ ނުކުތާތަކެއް ނެންގެވި ކަމަށެވެ.
5 ފެބްރުއަރީގައި ހައްޔަރުކޮށް، 6 ފެބްރުއަރީގައި ފަނޑިޔާރު ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށާއި ނަމަވެސް ފަނޑިޔާރު ނިންމެވީ ރައީސްގެ ގަރާރަކުން އެކަން ހިފަހައްޓަވާފައިވާތީ އެގޮތަށް އެކަން ނުހިނގީ ކަމަށް ކަމުގައި މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ރައީސް މައުމޫނާމެދު މިހިންގި އިޖުރާއަތްތައް މަތީ ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
އަދި ވިދާޅުވީ ހައްޔަރުކުރި ހިސާބުން ފެށިގެން މިހިސާބަށް ވެސް ރައީސް މައުމޫން ހުންނެވީ ގާނޫނާ ޚިލާފު ބަންދެއްގައި ކަމަށެވެ.
ރައީސް މައުމޫން މިއަދު މެންދުރުފަހު 1:30 އަށް ކޯޓަށް ހާޒިރުކުރީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށެވެ.
ރައީސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ވެސް ކޯޓަށް ހާޒިރުކޮށް ޝަރީއަތް ކެންސަލްކުރީ ހަތްގަޑިއިރަށްވުރެ ގިނަވީ ފަހުންނެވެ.
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުއްވައި ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވުމާއި، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދެއްވައި އެކަމަށް ރޭވުންތައް ރޭއްވެވުމާއި ހެކި ނައްތާލުމުގެ ތުހުމަތެވެ.
ފުލުހުން ބުނީ ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ހެކިތަކެއް ލިބިފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނަރަލް މިހާރު ވަނީ ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފައެވެ.
ޝަރިއަތް ނިމެންދެން ރައީސް މައުމޫނު ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ