މި އުފަންދުވަސް އުފާވެރިކަމަށް ބުނާނީ ކިހިނެތް: ޔުމްނާ މައުމޫން

މިއަދަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގެ ދެ ދަރިކަނބަލުންކަމަށްވާ ޔުމްނާ މައުމޫނާއި، ދުންޔާ މައުމޫންގެ އުފަންދުވަހެވެ. އެ ދެ ބޭފުޅުންނަށް 48 އަހަރު ފުރުނީއެވެ.
ޔުމްނާ މައުމޫނާއި، ދުންޔާ މައުމޫންގެ އުފަންދުވަހާއި ގުޅުވައިގެން ގިނަ ބަޔަކު ދަނީ ދެ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ. ހެޔޮއެދުންތަކާއެކު ތަހުނިޔާގެ ތަފާތު މެސެޖްތައް ފޮނުވަމުންނެވެ.
ނަމަވެސް މިއީ އެބޭފުޅުންނަށް އުފާވެރި ދުވަހެއް ނޫނެވެ. ޚާއްސަކޮށް ޔުންމާ މައުމޫނަށެވެ. ލޯބިވާ ބައްޕަ ޖަލުގައި އޮންނަވާތާ 40 ދުވަސް ފާއިތުވެގެންދިޔައީއެވެ. ފިރިކަލުންނާއި ވަކިން އުޅެންޖެހިފައިވާތާ 40 ދުވަސްވީއެވެ. ބައްޕާޕުޅާއިއެކު ފިރިކަލުންވެސްވީ ޖަލުގައެވެ. އެންމެ ލޯބިވާ ކޮއްކޮ ފާރިސް މައުމޫންވެސް ވަނީ ޖަލުގައި ބަންދުކޮށްފައެވެ. މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ދެތިން ދުވަހަކު މެނުއީ ފާރިސް ގޭގައި ނުހުންނަވައެވެ. ކޯޓުން ދޫކޮށްލުމާއިއެކު ކޮންމެވެސް ތުހުމަތުތަކެއްގައި ހައްޔަރުކޮށް ޖަލުގައި ބަންދުކުރައްވައެވެ.
އުފަންދުވަހާއި ގުޅިގެން އާންމުންގެ ފަރާތުން ލިބެމުންދާ ތަހުނިޔާގެ މެސެޖްތަކަށް ޔުމްނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް އެކަމަނާ ވަނީ މިދަނޑިވަޅުގެ ހިތްދަތިކަން ބަޔާންކޮށްދީފައެވެ.
ޔުމްނާ ވަނީ މި ފަހަރުގެ އުފަންދުވަސް އުފާވެރިވާނީ ކިހިނެތްތޯ ސުވާލު ކުރައްވާފައެވެ. އަދި އެކަމަނާގެ އާއިލާގެ މަތިން ބޮޑަށް ހަނދާންވާކަމަށް ވަނީ ވިދާޅުވެފައެވެ.
ޖަލުގައި ބަންދުކޮށްފައިވާ ރައީސް މައުމޫނާއި، ފާރިސް މައުމޫން އަދި މުހައްމަދު ނަދީމުގެ ފޮޓޯއަކާއިއެކު ޔުމްނާ ކުރައްވާފައިވާ ޓްވީޓްގައި ވަނީ އުފަންދުވަސް އުފާވެރި ނޫންނަމަވެސް ތަހުނިޔާ ފޮނުއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ