އަނބިމީހާ ރޭޕް ކުރުމުގެ ކުށް ޝާހު މައްޗަށް ސާބިތުވެ ތިން އަހަރަށް ޖަލަށްލާން ހައި ކޯޓުން ހުކުމްކޮށްފި

ލިބުނު ޖިންސީ އަނިޔާތަކަށް، ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރިކުށުގެ ދައުވާ ސާބިތުވެ އޭނާގެ ފިރިމީހާ އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހު ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި، މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި، މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެވެ. ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް އެއިން އެއްވެސް ދަޢުވާއެއް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން ދައުލަތުން އެމައްސަލަތައް ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން މިއަދު ވަނީ ފިރިމީހާ އަނބިމީހާ ރޭޕްކުރިކަމުގެ ކުށް ޝާހުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އަނިޔާ ލިިބުނު މީހާގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހައިކޯޓުން އެހުކުމުގެ އިތުރު ތަފްސީލު ހާމައެއް ނުކުރައްވައެވެ.
މިމައްސަލައިގެ ޙުކުމް އަދި ހައިކޯޓުން އާއްމެއް ނުކުރެއެވެ. މި ޝަރީއަތަކީ ހައި ކޯޓުގައި ސިއްރުން ކުރިއަށް ދިޔަ ޝަރީއަތެކެވެ. އެހެންކަމުން ހުކުމްތަގެ ތަފުސީލުތައް އަދި އާންމު ނުކުރަނީއެވެ.
ރޭޕްގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅިއިރު، ޝާހްގެ މައްޗަށް ދެން އުފުލާފައިވާ ތިން ދައުވާގެ މައްސަލާގައި އަދިި ހުކުމެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ