ސަފާރީ ރޭޕް: ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނެ - ފުލުހުން

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ޕާޓީ ކުރަމުން ދިޔަ ބަޔަކު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އެކަމުން ސަލާމަތްވުމަށް މޫދަށް ފުންމާލި ވާހަކަ ބުނެފައިވާއިރު އޭނާ މޫދަށް ފުންމާލީ ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައި ވަނީ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް މި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ މޫދަށް ފުންމާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ އަންހެން މީހާ މޫދަށް ފުންމާލި ސަބަބެއް ނޭނގޭ ކަމަށާއި ނަމަވެސް އޭނާ މޫދަށް ފުންމާލަށް ޖެހޭ ސަބަބެއް އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ނިޔަތަކީ ފަހަރެއްގައި އަޅުގަނޑުމެން ގަބޫލުކުރަމޭ އެއަށްވުރެ ބޮޑު ކަމެއް އެތާ ހިނގާފައި އޮވެދާނޭ. ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނޭ. އެހެންވީމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ އެކަން ތަހުގީގު ކުރުން. ތަހުގީގު ތެރެއިން އެކަން އިތުރަށް ބަލަމުން ގެންދާނަން،" މަންނާނު ވިދާޅުވިއެވެ.
މީގެކުރިން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވެސް މަންނާނު ވަނީ އެފަދައިން ވިދާޅުވެފައެވެ. އެ ދުވަހުގެ ބައްދަލުވުމުގައި މަންނާނު ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލި މައްސަލަ ސަބަބު އެނގިގެން ދާނީ ތަހުގީގު ކުރިޔަށްދާ ވަރަކުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް ފެނުނުއިރުގައި އޭނާ ތެމިފައި ހުރީ. އަދި މޫދަށް ފުންމާލި ކަމަށް ބަޔާނުގައި އަންނާތީވެ. އަޅުގަނޑުމެންވެސް ގަބޫލުކުރާ އެއް ލައިން އޮފް އިންކުއަރީ އެއީ. ކީއްވެގެންބާއޭ އޭނާ މޫދަށް ފުންމާލީ އެހެންވީމަ އަދި އަޅުގަނޑުމެންނަށް ޖަވާބު އެރުވެން ނެތް ސުވާލެއް އަޅުގަނޑުމެންވެސް ކަންބޮޑުވުން އޮތް ކަމެއް އަންހެނަކު ރޭގަނޑު އަނދިރީގައި މޫދަށް ފުންމާލާނެ ބާއޭ ހަމަ ކަމަކާއި ނުލާ ކޮންމެވެސް އޭގެ ތެރޭގައި ވާނެ،" މަޖިލީހުގެ ކޮމެޓީގައި މަންނާނު ވިދާޅުވިއެވެ.
މަންނާނު ވިދާޅުވީ އެ މައްސަލާގައި ފުލުހުންނަށް އެއްވެސް މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ. އަދި މީޑިއާތަކުގައި އަންހެން މީހާގެ ހެދުންވެސް އިރައިގެން ގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވީ ނަމަވެސް އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް މަންނާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ