ކަރަންޓް ސަބްސިޑީ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހުޅުވާލައިފިއެވެ.
އެންސްޕާއިން މިއަދު ބުނީ ބްސިޑީ ލިބޭ ގޭބިސީތަކުން ވެސް އަލުން ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ހުޅުވާލާފައިވަނީ އޭޕްރީލް 9 ގެ ނިޔަލަށް ކަމަށާއި އެ މުއްދަތުގައި ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ސަބްސިޑީ ހުއްޓޭނެ ކަމަށެވެ.
ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރަން ހުޅުވާލަނީ ހައްގުވެރިންނަށް ސަބްސިޑީ ދިނުމުގެ އިތުރުން، މިހާރު ރަޖިސްޓްރީނުކޮށް ތިބި ފަރާތްތަކަށް ފުރުސަތު ދިނުމަށް ކަމަށް އެންސްޕާއިން މައުލޫމާތުދެއެވެ.
ރާއްޖެއަށް ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާއި ގުޅިގެން ސަރުކާރުން ކަރަންޓް ސަބްސިޑީއަށް ދޫކުރާ ފައިސާއިން މިދިޔަ މަހު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށް އެންސްޕާއިން މީގެކުރިން ވަނީ ބުނެފައެވެ.
އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު މީގެކުރިން ވިދާޅުވީ އަލުން ރަޖިސްޓްރީވުމަށް އެންސްޕާ އިން ހުޅުވާލައި އެކަމުގައި އާ އުސޫލުތަކެއް އެކުލަވާލުމުން ކަރަންޓް ސަބްސިޑީއަށް މިހާރު ކުރާ ހޭދައިން ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ