ސާފުތާހިރުކަމަށް އިހުމާލުވެވޭނަމަ ބަލިތައް ފެތުރޭނެ: ޚުތުބާ

ސިއްޙީ ކަންތައްތަކާއި ސާފުތާހިރުކަމަށް އިހުމާލުވެވޭނަމަ ތަފާތު ބަލިތައް ފެތުރި ނުރައްކާތެރި ވަބާތައް އާންމުވެ ސިއްޙީ އެތަކެއް މައްސަލައެއްް އުފެދޭނެކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ސާފުތާހިރުކަމުގެ މައްޗަށް ބަލާލާ މިއަދު ދިން ޚުތުބާގައި އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީންކަމަށާއި ހިއްސީ ގޮތުންނާއި މައުނަވީ ގޮތުންވެސް މި ދީން އަމުުރުކޮށް ބާރުއަޅަނީ ސާފުތާހިރުވުމަށްކަމަށް ބުނެފައިވެއެވެ.
އިސްލާމްދީނުގެ ޝަރުއުތަކާއި އަދުލުވެރި ހުކުމްފުޅުތައް ބިނާވެގެންވަނީވެސް ހިއްސީ އަދި މައުނަވީ ސާފުތާހިރުކަމުގެ މައްޗަށްކަން ފާހަގަކޮށް، ދީނުގެ ތަނބުކަމުގައިވާ ފަރުޟު ފަސް ނަމާދުވެސް ބިނާވެގެންވަނީ މި ދެންނެވި ދެ ޠަހާރަތުގެ މައްޗަށްކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ނަމާދު ޤާއިމްކުރުމަށްޓަކައި އެންމެ ފުރަތަަމަވެސް ކުރަންޖެހޭ ކަމަކީ ވުޟޫކުރުންކަމަށާއި އޭގެ އިތުރުން ނަމާދުކުރާ މީހާގެ ފޭރާމާއި ނަމާދުކުރާތަންވެސް ތާހިރުވާންޖެހޭކަން ޚުތުބާގައި ފާހަގަކޮށްފައިވާއިރު އިސްލާމްދީނުގައި ސާފުތާހިރުވާން އަންގަވާފައިވަނީ ހަމައެކަނި އަޅުކަންކުރުމަށް ނޫންކަމަށްވެސް ބުނެފައިވެއެވެ.
އިންސާނާގެ ހަށިގަނޑާއި ފޭރާމާއި އާންމު ދިރިއުޅުމާއި ދިރިއުޅޭ ގެތަކާއި ގޯތިތެރެއާއި ވެއްޓާއި، މުޅި އިންސާނީ ވެށި ސާފުތާހިރުކުރުމަށް އިސްލާމްދީން ބާރު އަޅާކަމަށް ހުތުބާގައިވަނީ ކިޔައިދީފައެވެ.
އިސްލާމްދީނުގައި ސާފުތާހިރުކަމުގެ މަންހަޖަކީ ވަރަށް ފުރިހަމަ މަންހަޖެއްކަމަށާއި އެކަން ކަނޑައަޅުއްވާފައިވަނީ މުސްލިމުންނާއި މުޅި އިންސާނިއްޔަތުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާކަމަށްވެސް ހުތުބާގައިވަނީ ބުނެފައެވެ.
އެއީ ފިޠުރަތުގެ ނިޒާމުކަމަށާއި އެ ނިޒާމާ ފުށުއަރާގޮތަށް އިންސާނުންގެ އަމަލުތައް ބެހެއްޓުމުގެ ސަބަބުން ނުރައްކާތެރި ވަބާތަކާއި ސިއްޙީ ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން އަންނަކަމަށްވެސް މިއަދުގެ ޚުތުބާގައިވަނީ ބުނެފައެވެ.
އެހެންކަމުން ތަފާތު ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްްބާރުލުން ދޭންޖެހޭކަމަށާއި އަދި ބިދޭސީން ގެންގުޅޭ މީހުންވެސް އެމީހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ސާފުތާހިރުވުމަށް ބާރު އަޅަންޖެހޭކަން ޚުތުބާގައިވަނީ ބަޔާންކޮށްފައެވެ.
މިއަދުގެ ޚުތުބާގައިވަނީ ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ މި ދަނޑީވަޅުގައި ސިއްޙީ މާހިރުންދޭ ލަފައާއި އިރުޝާދުތައް އަޑުއަހާ އެއަށް އަަމަލުކުރުން ލާޒިމު ކަމަށް ބުނެފައެވެ.
ރައްޔިތުން ކަންބޮޑުވެ މާޔޫސްވާފަދަ ވާހަކަތައް ނުދެއްކުމާއި ސާބިތު ނުހިފޭ ދޮގު ހަބަރުތައް ނުފެތުރުމާއި ތަންތަނަށް އެެއްވެ އުޅުމާއި، އެކަކު އަނެކަކާ ގައިގޯޅިވެ ނުއުޅުމަށް ސިއްޙީ ފަރާތްތަކުން ނަސޭހަތް ދޭއިރު އެފަދަ އިރުޝާދުތަކަށް އަމަލުކުރުމާއިއެކު އެންމެހައި ފާފަތަކުން ދުރުހެލިވެ މުޅި ދުނިޔެއަށް ދިމާވެފައިވާ މި ނުރައްކާތެރި ހާލަތުން މިންޖުވޭތޯ ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވައި އިސްތިޣްފާރުކުރުން ގިނަ ކުރަން ވަނީ ޚުތުބާގައި ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ