ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް) އިން ހިންގާ ކޯސްތައް ރެގިއުލޭޓްކުރުމުގެ ކަންކަން ހަރުދަނާކުރަންޖެހޭ ކަމަށް ސީފެއަރާރސް އެންޑް ލޭބަރ ޔޫނިއަނުން ބުނެފިއެވެ.
ދިވެހި ސީފެއަރާރސް އެންޑް ލޭބަރ ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫނިއަންގެ ލީޑަރ މުހައްމަދު އާޝިފް ވިދާޅުވީ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އިން ހިންގާ ކޯސްތަކުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އެމައްސަލަތައް ދިރާސާކޮށް ބެލިއިރު، އެ ސެންޓަރުން ހިންގާ ކޯސްތައް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ނުފެތޭތީ ރަޅުކުރަންޖެހޭ ކަންތައްތައް ހިއްސާކުރުމަށް އެތަނުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވި ކަމަށެވެ.
މެރިޓައިމްގެ ދާއިރާއަކީ މީގެ އަހަރުތަކެއް ކުރިން ދިވެހީން އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ސިނާއަތް ކަމާއި މި ދާއިރާއަށް ތައުލީމީ ޒުވާނުން ނެރުން މުހިންމުކަން އާޝިފް ފާހަގަކުރެއްވިއެވެ. އޭނަ ވިދާޅުވީ މެރިޓައިމް ދާއިރާއިން ތައުލީމާއި ތަމްރީންގެ ފުރުސަތުތައް މިހާރަށްވުރެ ބޮޑަށް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
އާޝިފް ވިދާޅުވީ ކުރިޔަށް އޮތް ތާގައި އެ ދާއިރާ ވީހާވެސް ފުޅާކޮށް، ދާއިރާއަށް ވީހާވެސް ގިނަ ކުދިން ޝައުގުވެރިކުރަން އެދޭ ކަމަށެވެ.
ބޯޓުދަތުރުކުރުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެ ޔޫނިއަންގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށް އާޝިފް ވިދާޅުވިއެވެ. އަދި އެ ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމުގައި އެ ޔޫނިއަނުން ފަސްޖެހުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސީފެއަރާރސް އެންޑް ލޭބަރ ޔޫނިއަންއަކީ ބޯޓުދަތުރު ކުރާ ފަރާތްތަކާއި، އެ ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލުކުރާ ދިވެހި ޖަމިއްޔާއެކެވެ.
މެރިޓައިމް ދާއިރާގެ ކޯސްތައް ރެގިއުލޭޓްކުރުމުގެ ކަންކަން ހަރުދަނާކުރަންޖެހޭ: ސީފެއަރާސް ޔޫނިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ