މެލޭޝިޔާގެ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އެންމެ މުއްސަނދި މެމްބަރުންގެ ޚަބަރުތައް މީޑިއާގެ ފަލަ ސުރުޚީން ޖާގަ ހޯދިއިރު، ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ފަގީރު މެމްބަރުންވެސް ވަނީ ހާމަވެފައެވެ.
ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އެންމެ މުއްސަނދި މެމްބަރުންނާއި، އަދި އެންމެ ފަގީރު މެމްބަރުން ހާމަވެގެންދިޔައީ، މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަން، އެމްއޭސީސީން އާންމުކުރި އެސެޓް ޑިލްކަރޭޝަން ލިސްޓުންނެވެ. މިލިސްޓް އެ އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ.
އެމްއޭސީސީން އާންމުކުރި ލިސްޓުން، މަހެއްގެ މައްޗަށް އެންމެ ދަށް އާމްދަނީއެއް ލިބިވަޑައިގަންނަވާ މެމްބަރުގެ ގޮތުގައި ލިސްޓް ކޮށްފައިވަނީ ޕާލަމެންޓްގައި ބެންޓޮންގް ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު ވޮންގް ޓެކްއެވެ. އޭނާއަށް މަހެއްގެ މައްޗަށް އާމްދަނީގެގޮތުގައި ލިބޭކަމަށް ކަނޑައަޅާފައިވަނީ 22،412.64 (ބާވީސްހާސް ހަތަރުސަތޭކަ ބާރަ) ރިންގިޓްއެވެ. މިއީ އެމެރިކާ ޑޮލަރުން ނަމަ 7،342 ގެ މިންވަރެކެވެ.
އާންދަނީގެ އިތުރުން، މެމްބަރުންގެ އަމިއްލަފުޅު މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ އަގުވެސް މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައި ވެއެވެ. މިލިސްޓުން ހާމަވާގޮތުގައި ޕާލަމެންޓް މެމްބަރު ވޮންގް ޓެކްގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތެވެ. ލިސްޓްގައި ޖަހާފައިވަނީ "ސުމެއް" ކަމަށެވެ.
މަހެއްގެ މައްޗަށް އެންމެމަދުން އާމްދަނީ ލިބިވަޑައިގަންނަވާ ދެވަނަ މެމްބަރެއްގެގޮތުގައި ލިސްޓް ކޮށްފައިވަނީ ޕަރްމަޓަންގް ޕުއާހް ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ނޫރުލް އިއްޒާ އަންވަރުއެވެ. އޭނާއަށް މަހެއްގެ މައްޗަށް އާމްދަނީގެގޮތުގައި ލިބިވަޑައިގަންނަވަނީ 24،300 (ސައުވީސްހާސް ތިންސަތޭކަ) ރިންގިޓެވެ. އޭނާގެ މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ އަގަކީ 643،178.06 (ހަސަތޭކަ ސާޅީސް ތިންހާސް، ސަތޭކަ ހަތްދިހަ އަށެއް) ރިންގިޓެވެ.
ތިންވަނައަށް އެންމެ މަދުން އާމްދަނީ ލިބިވަޑައިގަންނަވާ މެމްބަރެއްގެ ގޮތުގައި ލިސްޓް ކޮށްފައިވަނީ، ޓެނޮމް ދާއިރާގެ މެމްބަރު ނޫރީޓާ ސުއަލްއެވެ. އޭނާއަށް މަހެއްގެ މައްޗަށް ލިބިވަޑައިގަންނަވަނީ 24،500 (ސައުވީސްހާސް ފައްސަތޭކަ) ރިންގިޓެވެ.
އެންމެ މަދުން އާމްދަނީ ލިބިވަޑައިގަންނަވާ ޕާލަމެންޓް އެހެން މެމްބަރުންގެ ތެރޭގައި، ލެމްބާހް ޕެންޓައިގެ ފަހުމީ ފަޒީލްއާއި، ކްލަންގް ދާއިރާގެ މެމްބަރ ޗާރލްސް ސަންޓިއާގޯއާއި، ޕެޓަލިންގް ޖާޔާގެ މެމްބަރު މާރިއާ ޗިން އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. އެއިން ކޮންމެ މެމްބަރެއްގެ މަސްދުވަހުގެ އާމްދަނީއަކީ 25،700 (ފަންސަވީސްހާސް ހަތްސަތޭކަ) ރިންގިޓެވެ.
އަމިއްލަފުޅު މިލްކިއްޔާތުގައި ހިމެނޭ މުދާ އަގުމަގު ކުރުމުން، އެންމެ ދަށް މުދާވެރިޔަކީ ޕަސިރް ގުޑަންގްގެ މެމްބަރު ހަސަން އަބްދުލް ކަރީމްއެވެ. އޭނާގެ މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ އަގު އަރަނީ 29،000 (އޮނަތިރީސްހާސް) ރިންގިޓަށެވެ.
މެލޭޝިޔާ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން، މަހެއްގެ މައްޗަށް ލިބިވަޑައިގަންނަވާ އާމްދަނީއަށް ބަލައި އެންމެ މުއްސަނދި މެމްބަރުކަމަށް މެލޭޝިއަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުނު ލިސްޓްގައި ކަނޑައަޅާފައިވަނީ، ޖެރްލުން ދާއިރާގެ މެމްބަރު މުޚްރިޒް މަހާތީރެވެ. އޭނާއަށް މަހެއްގެ މައްޗަށް 105،641.76 (ސަތޭކަ ފަސްހާސް، ހަސަތޭކަ ސާޅީސް އެކެއް) ރިންގިޓް ލިބިވަޑައި ގަންނަވައެވެ. ނަމަވެސް، އޭނާގެ މިލްކިސްޔާތުގައި ހިމެނޭ މުދަލުގެ އަގު ހާމަކޮށްފައެއް ނުވެއެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިވަޑައި ގަންނަވާ ކަމަށް ކަނޑައަޅާފައިވަނީ ޓެލުކް އިންޓޭންގެ މެމްބަރު އެންގާ ކޯރް މިންގްއެވެ. އޭނާއަށް މަހެއްގެ މައްޗަށް 101،160 (ސަތޭކަ އެއްހާސް، ސަތޭކަ ފަސްދޮޅަސް) ރިންގިޓް ލިބިވަޑައިގަންނަވައެވެ.
ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިވަޑައިގަންނަވާ ކަމަށް ލިސްޓްގައިވަނީ، މެލޭޝިޔާގެ މިހާރުގެ ސަރުކާރުގެ މާލީ ވަޒީރު ލިމް ގުއަން އެންގްއެވެ. އޭނާއަށް މަހަކު 86،464 (އަށްޑިހަ ހަހާސް، ހަތަރުސަތޭކަ ފަސްދޮޅަސް ހަތަރު) ރިންގިޓް ލިބިވަޑައިގަންނަވައެވެ.
މެލޭޝިޔާގައި މިހާރު ވެރިކަންކުރާ ޕަކަޓަން ހަރަޕަން ކޯލިޝަނަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުންގެ ތެރެއިން، އަމިއްލަފުޅު މިލްކިއްޔާތުގައި އެންމެ ގިނަ މުދާ ހުރިކަމަށް މެލޭޝިޔާގެ މީޑިއާއިން ރިޕޯޓް ކޮށްފައިވަނީ ބެރުއާސްގެ މެމްބަރު އެންގޭ ކޫ ހަމްއެވެ.
އެންގޭގެ މިލްކިއްޔާތުގެ އަގު 82 މިލިއަން ރިންގިޓަށް އަރާއިރު، އޭނާއާ ޖެހިގެން ލިސްޓްގައިވާ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދުގެ މިލްކިއްޔާތުގެ އަގު 32 މިލިއަން ރިންގިޓަށް އަރާކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
މެލޭޝިޔާ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ފަގީރު މެމްބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ