ރައްޔިތުންގެ މަޖިލީހުގައި ދިއްދޫ ދާއިރާގެ އަޑު ކެނޑިފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އެކަމުގެ ސަބަބުން ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުތަކެއް ވެފައިވާތީ ވީހާ ވެސް އަވަހަށް މައްސަލައާ މެދު ގޮތެއް ނިންމަވައިދެއްވުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ސުޕްރީމް ކޯޓުގައި އާދޭސް ދަންނަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެމްބަރުން ސުޕްރީމް ކޯޓަށް ވަކިވަކި ހުށަހަޅާފައިވާ މަސައްލަތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާތިލް ކުރުމަށް ލަތީފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމުމާ ގުޅިގެން މަޖިލީހުގައި އޭނާ އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު މަޖިލީހުގެ އިދާރާއިން ވެސް ދީފައިނުވާތީ، ދާއިރާގެ ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި ކެނޑިފައިވާތީ، ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެެހެނަކަމުން މި މައްސަލައާ މެދު ވިހާ ވެސް އަވަހަކަށް ގޮތެއް ނިންމަވައިދެއްވުމަށް ލަތީފް އެދިވަޑައިގެންނެވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުން އެނިންމުން ނިންމާފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެޕާޓީގެ ސްލޫކީ ކޮމެޓީން އެ 12 މެމްބަރުން ވަކި ކުރުމަށް ނިންމައި، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ. އެ 12 މެމްބަރުންނަށް މަޖިލީހުގައި އެ ބޭފުޅުންގެ ގާނޫނީ ޒިމާ އަދާކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓީ ރައްޔިތުންގެ އިދާރާއިންނެވެ.
ނަމަވެސް ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން ނިންމުމުގެ ބާރު ލިބިގެންވަނީ ސުޕްރީމް ކޯޓަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ އެނިންމުންތައް ބާތިލު ކުރުމަށް އެ 12 މެމްބަރުން ވަނީ ވަކިވަކިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އެމައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އަންގާރަ ދުވަހު މެމްބަރު ލަތީފްގެ އަޑުއެހުން ފެށުމުގެ ގޮތުން އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސްފަނޑިޔާރު އަދި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މިއީ އެ މެމްބަރުންގެ މައްސަލަތައް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައި ވާތީ އާއި ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައި ވާތީ އިޖުރާއަތުތައް ފުރިހަމަކުރުމުގެ ގޮތުން ބޭއްވި އަޑުއެހުމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައްކާފައިވާ ވާހަކަތައް ބަލައިގަނެ، މި މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އިތުރު ކަމެއް ހުށަހަޅަން ބޭނުންވާ ނަމަ އެފުރުސަތު ދެއްވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މައްސަލަ އަވަސްކޮށްދެއްވުމަށް ލަތީފް އެދިލެއްވީ ވާހަކަ ދައްކަން ދެއްވި ފުރުސަތުގަ އެވެ. އިތުރު ވާހަކައެއް ހުށަހެޅުއްވުމެއް ލަތީފްގެ ފަރާތުން ހުށަހަޅުއްވާފައެއް ނުވެއެވެ.
އެ އަޑުއެހުމަށް ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލާ އަދި އެޓާރނީ ޖެނަރަލްގެ އޮފީހުގެ ވަކީލުން ވެސް އިތުރު ވާހަކައެއް އަދި ހުށަހެޅުމެއް ހުށަހަޅުއްވާފައެއް ނުވެއެވެ.
އެހެންކަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ލަތީފްގެ މައްސަލައިގައި ބޭއްވި އަޑުއެހުންތައް ނިންމާލި ކަން އިއުލާން ކުރައްވާފައެވެ. ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ހުކުމް އިއްވާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެއެވެ.
އާދިއްތަ ދުވަހު ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.
އަންގާރަ ދުވަހުގެ ހެންދުނު މެމްބަރު ލަތީފްގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވާއިރު، މެންދުރު މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވެއެވެ.
އެ މައްސަލަތައް މިހާރު ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު ލަތީފްގެ ގޮނޑީގެ މައްސަލަ: ދާއިރާގެ އަޑު ނީވޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ، މައްސަލަ އަވަހަށް ނިންމައިދީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ