މަކުނުދޫ ރައްޔިތުން އެންމެ ބޭނުންވަނީ އެއާޕޯޓެއް ހަދަން: ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ގޮތަށް ހދ. މަކުނުދޫގައި އެއާޕޯޓެއް ހެދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށި، މިފަސް އަހަރުގެ ތެރޭގައި އެއާޕޯޓުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަކުނުދޫ ކައުންސިލުން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވީ މަކުނުދޫ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެވޭނީ އެރަށުގައި އެއާޕޯޓެއް ހަދައިދީގެން ކަމަށާއި ރައްޔިތުންގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ އެއާޕޯޓާ ކަމަށެވެ.
މަކުނުދޫ އަކީ ރާއްޖޭގެ އެންމެ ހުޅަނގުގައި މުޅިން އެކަހެރިކޮށް އޮތް ރަށެއްކަން ފާހަގަކުރައްވަމުން ޝާކިރު ވިދާޅުވީ މަކުނުދޫ ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު ތަކްލީފަކީ ވެސް ދަތުރުފަތުރުކުރުމަށް ހުރި ގޮންޖެހުންތައް ކަމަށެވެ. ހދ. އަތޮޅުގައި މީހުން ދިރިއުޅޭ އެހެން ރަށްތަކާ މަކުނުދޫ ދުރުވުމުން ދަތުރުފަތުރަށް ބޮޑު ހޭދައެއް ރައްޔިތުން ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެންވެސް ތަރައްގީއަށް، ދިރިއުޅުމަށް ކުރާ އުއްމީދުތަކެއް އެބަހުރި. މިއުއްމީދުތައް ގުޅިފައި މިވަނީ މަކުނުދޫގެ އެއާޕޯޓާ،" އޭނާ ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެރަށަށް ވަޑައިގެން އެރަށުގައި އެއާޕޯޓެއް ހަދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށާއި އަދި ވައުދު ފުއްދަވައިދެއްވުމުގެ ގޮތުން މިއަހަރުގެ ބަޖެޓުގައި މަކުނުދޫގައި ހަދާ އެއާޕޯޓުގެ ސާވޭ ހެދުމަށް ފައިސާ ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ނަަމަވެސް ރައްޔިތުން އެންމެ އުފާވާނީ ރަށުގައި އެއާޕޯޓް ހެދި ހިދުމަތް ދޭން ފެށުމުން ކަމަށްވެސް ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެރަށަށް ކުރެއްވި ޒިޔާރަތެއްގައި މަކުނުދޫގައި އެއާޕޯޓެއް ހަދައިދޭނެ ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރު އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.
"ރައީސް ޔާމީން 2013 ގައި މިރަށަށް ވަޑައިގެން މިރަށުގައި އެއާޕޯޓެއް ހަދައިދޭނެ ވާހަކަ ވިދާޅުވި. އަދި އޭގެފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުންވެސް މިރަށަށް ވަޑައިގެން ޖަލްސާއެއްގައި އެއާޕޯޓް ވާހަކަ ވިދާޅުވި. ނަމަވެސް މިމަޝްރޫއާ ގުޅޭ މައުލޫމާތު ކައުންސިލާ ހިއްސާކޮށްފައެއް ނުވޭ،" ޝާކިރު ވިދާޅުވި އެވެ.
މަކުނުދޫއަކީ އެކަހެރިކޮށް އޮތް ވަކި ރަށަކަށް ވިޔަސް މިހާރުވެސް ކޮންމެ އަަހަރަކު ބަންދު ދުވަސް ތަކުގައި އެރަށަށް ގާތްގަނޑަކަށް 800 މީހުން ޒިޔާރަތްކުރާ ކަމަށްވެސް ޝާކިރު ވިދާޅުވި އެވެ. އެހެންކަމުން މަކުނުދޫގައި އެއާޕޯޓެއް ހެދުމުން އެރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު މާބޮޑަށްވެސް އިތުރުވާނެ ކަމަށާއި އެކަމާ ގުޅިގެން މަކުނުދޫއަށް ލިބިގެންދާނެ އެތައް ފައިދާއަކާ ފަސޭހައެއް ހުންނާނެ ކަމަށްވެސް ޝާކިރު ވަނީ ވިދާޅުވެފަ އެވެ.
ވަރަށް ބޮޑު ފަޅެއް އޮތް މަކުނުދޫގެ އާބާދީގައި 1850 މީހުން ހިމެނޭއިރު 270 ގޭބިސީ އެރަށުގައި ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ