މީދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން ދީފި

ރ. މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހަފުތާއެއްގެ ތެރޭގައި ހައްލެއް ހޯދައިދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ޔަގީންކަން ދީފައިވާ ކަމަށް އެ ދާއިރާގެ މެންބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
ދެހާހެއްހާ މީހުން ދިރިއުޅޭ މީދޫގައި ތިން ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދޭއިރު އެއް ޖަނަރޭޓަށް ވަނީ މައްސަލައެއް ދިމާވެފަ އެވެ. އޭގެ ފަހުން ވަގުތީ ހައްލެއް ހޯދި ނަމަވެސް މީދޫއަށް އެކަށީގެންވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ނުދެ އެވެ.
އެގޮތުން މީގެ ތިން ދުވަސް ކުރިން ކަރަންޓު ވަރަށް ބޮޑަށް ކެނޑިފައިވެ އެވެ. ތިން ރޭ ކަރަންޓާ ނުލާ އެ ރަށުގެ ރައްޔިތުން އުޅިފައިވެ އެވެ. އެކަމާ ނުރުހުން ފާޅުކޮށް އިއްޔެ ރޭ މީދޫގެ ޒުވާނުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
އެކަމާ ގުޅިގެން އަމީތު މިއަދު ވަނީ ފެނަކައިގެ އެމްޑީ މުހައްމަދު ލައްމާންއާ ބައްދަލު ކުރެއްވުމަށް ވަޑައިގެންފަ އެވެ. ނަމަވެސް އަމީތު ވިދާޅުވި ގޮތުގައި ލައްމާން އޭނާއާ ބައްދަލެއް ނުކުރައްވަ އެވެ. އޭނާއާ ބައްދަލުކުރީ ފެނަކައިގެ ސެކަންޑް އިންޗާޖެވެ. އޭނާ ވަނީ ހަފުތާއެއްގެ ތެރޭގައި މީދޫއަށް އާ ޖަނަރޭޓަރެއް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ ކަމަށް އަމީތު ވިދާޅުވި އެވެ.
މީގެކުރިން ވެސް ފެނަކައިން ވަނީ އެ ރަށަށް އާ ޖަނަރޭޓެއް ދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ޖެނަރޭޓަރު އަދިވެސް ރަށަށް ނުލިބޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ