ފަލަސްތީނު ޒުވާނަކު ރަހުމުކުޑަ ގޮތަކަށް ޝަހީދު ކޮށްލާ ވީޑިއޯއެއް ޢާންމު ވެއްޖެ

އިސްރާއީލް ސިފައިން ސްނައިޕަރެއް ފަލަސްތީނުގެ ޒުވާނަކު ވަރަށް ރަހުމުކުޑަ ގޮތަކަށް ޝަހީދު ކޮށްލާ ވީޑިއޯއެއް ޢާންމު ވެއްޖެ އެވެ.
ޔޫޓިއުބުގައި ޢާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ 20 ޖުލައި 2014 ވަނަ ދުވަހުގެ މަންޒަރެކެވެ. ޣައްޒާގެ ޝަޖިއްޔާ އަވަށުގައި އިސްރާއީލުން ހިންގި ޤަތުލުޢާންމުގައި ޝަހީދުކޮށްލާފައި ތިބި ފަލަސްތީނު ރައްޔިތުންގެ ހަށިތައް ހޯދުމަށް، ޣައްޒާއާއި ބައިނަލްއަޤްވަމީ ބައެއް ޖަމިއްޔާތަކުގެ މަސައްކަތްތެރިން ދިޔައީ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގައި ބައިވެރިވެ، އޭނާގެ ޢާއިލާގެ މެމްބަރުން ހޯދުމަށް ފަލަސްތީނުގެ ޒުވާނެއް ވެސް މި ޓީމާ ގުޅެ އެވެ.
ވީރާނާވެފައިވާ ޢިމާރާތްތަކުގެ ތެރެއިން ލާފައި، ޢާއިލާ ހޯދުމުގެ މަސައްކަތުގައި މި ޒުވާނާ އުޅުމުގެ ތެރޭގައި، އޭނާގެ އަތަށް އަމާޒުކޮށް، ދުރުގައި ހުރި އިސްރާއީލް ސިފައިންގެ މީހަކު  އޭނާއަށް ހަމަލާ ދެ އެވެ. ވަޒަން އަރަނީ އޭނާގެ އަތަށް ކަމަށް ކައިރީގައި ތިބި މީހުންގެ ބަސްތަކުން އެނގެ އެވެ.
ވަގުތުން، އެ ޒުވާނާ ހުރިތަނާ ދިމާލުން ބިންމައްޗަށް ވެއްެޓެ އެވެ.
އެ ޒުވާނާ ދެން ތެދުވަން މަސައްކަތް ކުރެ އެވެ. ނަމަވެސް އިސްރާއީލު ސިފައިންގެ މީހާ ބަޑީގެ އިތުރު ދެ ހަމަލާ އޭނާއަށް އަމާޒުކޮށް، އޭނާ ޝަހީދު ކޮށްލަ އެވެ.
ހަމަލާ ދެމުން ދިޔަ ވަގުތު، ކައިރީގައި ހުރި އަންހެނެއް، "އެމީހުން ކައިރީގައި އެކަން ކުރަން ހުއްޓާލުމަށް" ބުނުމަށް ގޮވަމުން ދެ އެވެ.
ވީޑިއޯ ނެގި މީހާއަށް ވެސް ވަރަށް އަސަރު ކުރި ކަން ވީޑިއޯ ބަލާލުމުން އެނގެ އެވެ.
ޣައްޒާގެ މިވަގުތުގެ ހާލަތަކީ މިއީ އެވެ. އެތަނުގައި އުޅޭ ކޮންމެ މީހަކަށް ވެސް، ކޮންމެފަދަ ހަމަލާއެއް ވެސް މިވަގުތު އަތުވެދާނެތީ ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
އިސްރާއީލުން ޣައްޒާގެ ތެރެއަށް ވަނީ އެއްގަމު މަގުން އަރައި، މުޅި ޣައްޒާ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އެމީހުން ޣައްޒާގެ 500 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޝަހީދު ކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ