އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ނައިބް ރައީސް އަހްމަދު ނާޒިމް މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށާ އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާގައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ބޭސްފަރުވާއަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ މެންބަރު ނާޒިމަށް ދީފައިވީ ނަމަވެސް އޭނާ މިވަގުތު ހުރީ އިނގިރޭސިވިލާތުގައި ކަން ސަރުކާރުން މިހާރު ކަށަވަރުކޮށްފައިވާ ކަމަށެވެ. ބޭސްފަރުވާގެ މުއްދަތު ހަމަވުމުން ރާއްޖެ ވަޑައިގަތުމަށް ނާޒިމަށް ދީފައިވާ 48 ގަޑިއިރުގެ މުހުލަތު ހަމަވިއިރު ނާޒިމުގެ ފަރާތްޕުޅުން އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ރަސްމީކޮށް ފަށާފައިވާ ކަަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ނާޒިމް ރާއްޖެ ގެނައުމަށްޓަކައި އިނގިރޭސި ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދޭނެ ކަމަށާ މިކަމުގައި އިނގިރޭސި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ގަބޫލުކުރަންޖެހޭ އަދި އަމަލުކުރަންޖެހޭ ހަމަތަކަކާއި އުސޫލުތަކެއް ހުންނާނެ ކަމަށާއި ނާޒިމްގެ މައްސަލާގައި އިނގިރޭސި ސަރުކާރުން ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ދެއްތޯ މި މަސައްކަތުގައި. ޑިޕްލޮމެޓިކް މަސައްކަތްތަކެއް ވެސް ހުންނާނެ އެމަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އެކަންކަން ނިންމާލުމަށްފަހު އިނގިރޭސި ސަރުކާރުގައި އެދޭނަން. އެދޭނެ ވަކި ދުވަހެއް މިވަގުތު ދަންނަވަން ދަތި" ނާޒިމް ރާއްޖެ ގެނައުމަށް އިނގިރޭސި ސަރުކާރުގެ އެހީތެރިކަން ލިބޭނެތޯ ދެންނެވެމުން މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ގައިދީއަކު ބޭސްފަރުވާ ކުރުމަށް ވަކި ގައުމަށް ފޮނުވުމުން ހުއްދަ ނުހޯދާ އެހެން ގައުމަކަށް ދިއުމަކީ ފިލުން ކަމުގައި ބެލެވޭނެ ކަމަށެވެ. އެހެންކަމުން ނާޒިމް ހޯދުމަށް ރެޑް ނޯޓިސް ނެރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރު ކުރެވެން ނެތްކަން އަންގާ 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވުސް ކަރެކްޝަނަލް ސާރވިސްއިން މިމަހުގެ 17 ވަނަ ދުވަހު ނާޒިމަށް ވަނީ އަންގާފަ އެވެ. މި މުއްދަތު ހަމަވެގެންދިޔައިރު ނާޒިމްގެ ފަރާތްޕުޅުން އެއްވެސް ޖަވާބެއް ލިބިފައި ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ ބުނެފަ އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަހްމަދު ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްހީ ފަރުވާ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދަ ލިބިގެން 10 ޑިސެމްބަރު 2015 ގައެވެ. ބޭސް ފަރުވާއަށް ދިން މުއްދަތު އިތުރުކޮށްދިނުމަށް ދެފަހަރެއްގެ މަތިން ނާޒިމް އެދިވަޑައިގަތުމުން ކަރެކްޝަންސް އިން ވަނީ މުއްދަތު އިތުރުކޮށްދީފަ އެވެ. ނަމަވެސް ތިންވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގަތުމުން ކަރެކްޝަންސް އިން ވަނީ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ނާޒިމަށް އަންގާފަ އެވެ.
ނާޒިމް އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އެހެން ދައުވާތައް ޕީޖީ އޮފީހުން މިހާރު ވަނީ އަނބުރާ ގެނެސްފަ އެވެ.
ނާޒިމް ހުރީ އިނގިރޭސިވިލާތުގައި، ގެނައުމުގެ މަސައްކަތް ފަށައިފިން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ