ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ހިއްސާ އޮންނަ، ފުޑް ކްލަބް [މރ. ޗިކޯ ރެސްޓޯރެންޓް] ގެ ކަރަންޓް ބިލް ނުދައްކައިގެން މިއަދު ކަރަންޓް ކަނޑާލާފައި ވަނިކޮށް، ބިލް ދެއްކުމުން އަލުން ކަރަންޓް ދީފި އެވެ.
މރ. ޗިކޯ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޖަމީލް މިއަދު ވިދާޅުވީ މިއަދު ހެނދުނު ކަރަންޓް ކަނޑާލާފައި އޮއްވާ 35،000 ރުފިޔާ ނަގުދު ފައިސާ އިން ދިނުމުން އަލުން ކަރަންޓްދީފައިވާ ކަމަށެވެ.
" އަޅުގަނޑުމެންގެ ކުންފުނީގެ ނުވަތަ މުސްތޮފާގެ ވެސް ޗެކެއް ބައުންސެއް ނުވާނެ. އަޅުގަނޑުމެން ކަރަންޓް ބިލް ދެއްކުމަށް މިއަދު ހެނދުނު ސްޓެލްކޯ އަށް ދެއްކި ޗެކް ރިޓާންވެފައިވަނީ. ނަމަވެސް އެ ޗެކަކީ އެހެން މީހެއްގެ ޗެކެއް،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ މިހާރު ބާކީ އޮންނާނީ 20،000ރ. ގެ ޕޭމަންޓެއް ކަމަށާއި ޗެކެއް ދޭން ޖެހުނީ އެއްފަހަރާ ކުއްލިއަކަށް އެ ފައިސާ ބޭންކުން ނަގަން އުނދަގޫ ވާނެތީ ކަމަށެވެ.
ސްޓެލްކޯގެ އިންޖީނިއަރު އިބްރާހިމް ރައޫފް މިއަދު ވިދާޅުވީ މރ. ޗިކޯ އިން ކަރަންޓް ކާނޑާލީ، އެތަނަށް ރެޑް ނޯޓިސް ދިނުމަށް ފަހު ބިލް ނުދެއްކުމުން ދެން އެކަން ކުރާ އާންމު އުސޫލުން ކަމަށެވެ.
މިސްޓާ ޗިކޯ އިން ބިލް ނުދައްކައިގެން މިއަދު ކަރަންޓް ކަނޑާލީ 2009 ވަނަ އަހަރުން ފެށިގެން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާތާ ދެ އަހަރުވެ، ކުއްޔާއި ޖޫރިމަނާގެ ފައިސާ، 4.3 މިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރައި އަދި ކުރީ ކޮޅު މާލޭ މުނިސިޕަލްޓީން އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނިކޮށެވެ. މިސްޓާ ޗިކޯ އިން ސަރުކާރަށް ދައްކަން ޖެހޭ އެ ފައިސާ ނުދައްކައިގެން އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
މރ. ޗިކޯ ހިންގާ ކުންފުނި "ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް ޕްރައިވެޓް ލިމިޓެޑް"ގެ 20 ޕަސެންޓް ހިއްސާ އޮންނަ މުހައްމަދު މުސްތޮފާ މިވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށް ވުމުން އެކަމާ ބެހޭ ގޮތުން މުސްތޮފާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މުސްތޮފާގެ ޗިކޯ ރެސްޓޯރެންޓުން ބިލު ދެއްކުމުން ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ