2015: ޝަރުއީ ދާއިރާގެ ބާރު ދައްކާލި އަހަރެއް

ރާއްޖޭގެ ޝަރުއީ ދާއިރާގައި ނިމިގެން މިދިޔަ 2015 ވަނަ އަހަރު ވަނީ ތާރީހީ ވަރަށް މުހިއްމު ބޮޑެތި ނިންމުންތަކެއް ނިންމާފަ އެވެ. ނިންމުންތަކާއި އެއްވަރަށް ޝަރުއީ ދާއިރާއަށް އަމާޒުވި ފާޑު ކިޔުންތައް ވެސް ވަރުގަދަ އެވެ. ނިމިގެން މިދިޔަ އަހަރު ޝަރުއީ ދާއިރާ ފެނުނީ ނިކަން ހަރަކާތްތެރި ގޮތެއްގަ އެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުތައް އެ ކޯޓުން ތަންފީޒުކުރަން 2015 ވަނަ އަހަރުގެ ތެރޭގައި ގިނަ ނިންމުންތަކެއް ނިންމާފައިވެ އެވެ.
އިސްތިއުނާފު މުއްދަތަށް އައި ބަދަލު
ކޯޓް ތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރަން މީގެ ކުރިން 90 ދުވަހުގެ މުއްދަތެއް ލިބިފައި އޮވެ އެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި ވަނީ އެ މުއްދަތު ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އެގޮތުން ދަށު ކޯޓަކުން ނިންމާ ނިންމުމެއް އިސްތިއުނާފް މަރުހަލާގެ ކޯޓެއްގައި ގިނަ ވެގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. އަދި އިސްތިއުނާފް މަރުހަލާ ހިނގަންވާނީ މައްސަލައެއް ނިންމި ދަށު ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިގެން އެކޯޓެއް މެދުވެރިކޮށް ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. ދަށު ކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރުމަށް ވަކި މުއްދަތެއް ކަނޑައެޅި ނަމަވެސް ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރާނެ ވަކި މުއްދަތެއް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނުވާތީ ގިނަ ބައެއްގެ ޝަކުވާތައް ލިބެން ފެށުމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުން ނިންމާ މައްސަލަތައް އެ ކޯޓުގައި އިލްތިމާސް ކުރަން 60 ދުވަހުގެ މުއްދަތެއް ލިބޭ ގޮތަށް ފަހުން ހަމަޖައްސާފަ އެވެ. މައްސަލަތައް އިސްތިއުނާފް ކުރުމުގެ މުއްދަތަށް ގެނައި ބަދަލާ ގުޅިގެން އެތައް ބައެއް ފާޑު ކިޔުންތައް ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް އަމާޒުވެގެން ދިޔަ އެވެ.
ހައިކޯޓަށް އައި ބޮޑެތި ބަދަލުތައް
ޝަރުއީ ދާއިރާގެ މުއައްސަސާތަކަށް ބަލާއިރު 2015 ވަނަ އަަހަރު އެންމެ ބޮޑު ބަދަލެއް އައި މުއައްސަސާއަކަށް ވާނީ ހައިކޯޓެވެ. ކޯޓް ތަކާ ބެހޭ ގާނޫނަށް 2014 ވަަނަ އަހަރުގެ ތެރޭގައި ގެނެސްފައިވާ އިސްލާހާއި ގުޅިގެން ހައިކޯޓުގެ ދެ ގޮފި އުފައްދާފައިވަނީ މިއަހަރުގެ ތެރޭގަ އެވެ. އެގޮތުން ހައިކޯޓުގެ ދެކުނު ގޮފި އުފައްދާ އަހަރު ނިމުނު އިރު އެތަނަށް ފަނޑިޔާރުން އައްޔަންކޮށް ދެކުނު ގޮފީގެ މަސައްކަތްތައް އާދައިގެ ގޮތަކަށް ނަމަވެސް ވަނީ ފެށިފަ އެވެ. ހައިކޯޓުގެ ދެކުނުގެ ގޮތްޕަށް އެންމެ ފުރަތަމަ އައްޔަންކުރައްވާފައިވަނީ ހައިކޯޓުގައި ބޮޑެތި މައްސަލަތަކެއް ނިންމަމުން ގެންދެވި ފަނޑިޔާރު އައްބަސް ޝަރީފާއި، ފަނޑިޔާރު ޝުއައިބް ޒަކަރިއްޔާއާއި ފަނޑިޔާރު އަޒްމިިރަލްދާ ޒާހިރު އެވެ. ހައިކޯޓުގެ ދެކުނު ގޮތްޕަށް އައްޔަންކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްބާސް ޝަރީފް ސިއްހީ މައްސަލައަކާއި ގުޅިގެން ރިޓާޔާ ކުރައްވަން ހުށަހެޅުއްވުމުން އެކަން ބަލައިގަނެ އޭނާގެ ބަދަލުގައި ހައިކޯޓުގެ ދެކުނުގެ ގޮތްޕަށް އައްޔަންކުރެއްވީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަންވެސް ކުޑަ ދުވަސްކޮޅަކު ކުރައްވާފައިވާ އަބްދުލް ޣަނީ މުހައްމަދެވެ. އަދި މިއަހަރު ނިމިގެން ދިޔަ އިރު ފަނޑިޔާރު ޣަނީ ވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ އިސް ފަނޑިޔާރު ކަމަށް ވެސް އައްޔަންކުރައްވާފަ އެވެ.
ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފެށުމަށް ތައްޔާރުވި ނަމަވެސް 2015 ވަނަ އަހަރު ނިމިގެން ދިޔައިރު ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުގެ ގޮތުން އެއްވެސް ކަމެއް ހިނގަމުން ދިޔަ ތަން ފެނިފައެއް ނުވެ އެވެ. ގާނޫނުގައި ބުނާ 90 ދުވަހުގެ ތެރޭގައި ފަނޑިޔާރުން ވެސް އައްޔަންކުރައްވާފައެއް ނުވެ އެވެ. ނަމަވެސް އުތުރުގެ ހައިކޯޓުގެ ގޮފި ހިންގާނީ ހދ. ކުޅުދުއްފުށީގައި ކަން 2015 ވަނަ އަހަރު ނިމުމުގެ ކުރިން ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ.
ހައިކޯޓަށް ނިމިގެން މިދިޔަ 2015 ވަަނަ އަހަރުގެ ތެރޭގައި އައި ދެވަނަ ބަދަލަކީ ކްރިމިނަލް ކޯޓުގައި ކުރިން މަސައްކަތް ކުރައްވަމުން ގެންދެވި ދެ ފަނޑިޔާރުން ކަމުގައިވާ ޝުޖާއު އުސްމާންއާއި، އަބްދުﷲ ދީދީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމެވެ. މި ދެ ބޭފުޅުން ހައިކޯޓަށް އައްޔަންކުރެއްވީ ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އެހެން ކޯޓަކަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއި ގުޅިގެންނާއި ހައިކޯޓުގެ ފަނޑިޔާރު ކަމުން ޔޫސުފް ހުސައިން ރިޓާޔާ ކުރެއްވުމާއި ގުޅިގެން މި ދެ ބޭފުޅުންގެ ބަދަލުގަ އެެވެ.
ހައިކޯޓުގެ ދެކުނު ގޮތްޕަށް ފަނޑިޔާރުން އައްޔަންކުރައްވާފައިވީ ނަމަވެސް ހައިކޯޓުގެ އުތުރު ގޮތްޕަށް 2015 ވަަނަ އަހަރު ނިމިގެން ދިޔަ އިރުވެސް ފަނޑިޔާރުން އައްޔަންކުރައްވާފައި ނުވާތީ 2016 ވަނަ އަހަރު ފެށުމާއި އެކު ހައިކޯޓަށް އަދިވެސް ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރަންޖެހެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރިޔާސަތަށް އައި ބަދަލު
ޝަރުއީ ދާއިރާގެ ވަރަށް މުހިއްމު މުއައްސަސާއެއް ކަމުގައިވާ ޖޭއެސްސީގެ ރިޔާސަތަށް އައި ބަދަލަކީ ވެސް ނިމިގެންދިޔަ 2015 ވަަނަ އަހަރު ފާހަގަކުރަން ޖެހޭ ބޮޑު ބަދަލެކެވެ. އެގޮތުން ޖޭއެސްސީގެ ރިޔާސަތު ކުރިން ބަލަހައްޓަވަމުން ގެންދެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު 18 ޖެނުއަރީ 2015 ގައި ވަނީ ޖޭއެސްސީގެ ރައީސް ކަމުންނާ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އާދަމް މުހައްމަދު ޖޭއެސްސީގައި އިންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކަމަށްވާތީ އާދަމް މުހައްމަދުގެ އިސްތިއުފާ އާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަަގުލަބިއްޔަތުން ވަނީ ޖޭއެސްސީގެ މެންބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އައްޔަންކުރަން ނިންމަވާފަ އެވެ. އަަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީގެ މެންބަރު ކަމަށް 20 ޖެނުއަރީ 2015 ގައި އަލީ ހަމީދު އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވާފަ އެވެ. ޖޭއެސްސީގެ މެންބަރުންގެ އަގުލަބިއްޔަތުން އަލީ ހަމީދު އެކޮމިޝަންގެ ރައީސް ކަމަށް އައްޔަންކުރެއްވީ 21 ޖެނުއަރީ 2015 ގައެވެ.
އިސްލާހީ މަރުކަޒުގައި ހުކުމް ތަންފީޒު ކުރަން ފުރަތަމަ ފަހަރަށް ހުކުމްކުރުން
މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސް ޓްރެފިކް ކުރިކަން ކުޑަ ދެ ކުދިންގެ މައްޗަށް ސާބިތުވުމާއި ގުޅިގެން މި ދެކުދިންގެ މައްޗަށް އިއްވުނު ބޮޑު ހުކުމް ތަންފީޒު ކުރަން ޖުވެނައިލް ކޯޓުން ހުކުމްކުރީ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ނުވަތަ އިސްލާހީ މަރުކަޒުގަ އެވެ. މިއީ މިފަދަ ތަނެއްގައި ކުޑަ ކުދިން ތަކެއް މައްޗަށް އިއްވުނު ހުކުމެއް ތަންފީޒުކުރަން އެންގި ފުރަތަމަ ފަހަރެވެ. މިހުކުމް ކުރީ 2 ޑިސެމްބަރު 2015 ގައެވެ. މިމައްސަލާގައި ދައުވާ ލިބޭ ދެ ކުދިންނަކީ އުމުރުން 15 އަހަރާއި 18 އަހަރުގެ ކުދިންނެވެ. މިކުދިންނަށް އިއްވާފައިވަނީ 16 އަހަރާއި އަށް މަހުގެ ހުކުމެކެވެ.
ވަކީލުންނަށް ހުއްދަ ދިނުމާއި ވަކީލުން ހުވާކުުރުން
ކޯޓުތަކުގައި ވަކާލާތު ކުުރުމުގެ ހުއްދަ 2015 ވަނަ އަހަރު ފެށުނުއިރު ކުރަމުން ދިޔައީ ބަންޑާރަނައިބުގެ އޮފީހުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވައިދު ބާތިލްކޮށް ވަކީލުންނަށް ހުއްދަ ދޭނީ ސުޕްރީމް ކޯޓުން ކަމަށް 4 ނޮވެމްބަރު 2015ގައި ކަނޑައަޅާފަ އެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެން އަހަރު ނިމިގެންދިޔައިރު ވަނީ ވަކީލުން އަލުން ރަޖިސްޓްރީ ކުރަން ހުށަހެޅުމަށްވެސް އަންގާފަ އެވެ. އަދި ވަކީލު ކަމުގެ ހުއްދަ ލިބޭ ބޭފުޅުން ހުވާ ކުރެއްވުމުގެ ކަންކަން މީގެ ކުރިން ކުރަމުން ދިޔައީ ބަންޑާރަނައިބްގެ އޮފީހުން ކަމަށްވީ ނަމަވެސް 2015 ވަނަ އަހަރު ނިމުނުއިރު އެކަންވެސް ކުރާ ފަރާތަކީ ސުޕްރީމް ކޯޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ޝަރުއީ ދާއިރާގެ އެންމެ އިސް މަގާމުތަކަށް ސުޕްރީމް ކޯޓުގެ ރުހުން ހޯދަން ޖެހުން
އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ ޑިރެކްޓާ ޖެނެރަލަށް ވުރެ މަތީ މަގާމުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާ ލިބިގެން ނޫނީ ބޭފުޅުން އައްޔަން ނުކުރެއްވޭނެ ގޮތަށް އުސޫލެއް އެކުލަވާލާ ސުޕްރީމް ކޯޓުން އެކަން އާންމުކޮށް އެންގީ 3 ފެބްރުއަރީ 2015 ގައެވެ.
ސުޕްރީމް ކޯޓުން "ޝަރުއީ ދާއިރާގެ އެންމެ އިސް އިދާރީ މަގާމުތަކަށް މީހުން އައްޔަންކުރުމާ ބެހޭ އުސޫލު"ގެ ނަމުގައި އުސޫލެއް އެކުލަވާލާ މިގޮތަށް އަމަލުކުރަން ނިންމީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން އަދާ ކުރަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތުތައް އަދާކުރަމުން ދަނީ އެއްވެސް ފަރާތެއްގެ ފިއްތުމެއް ނެތި މިނިވަން ކަމާއި މުސްތަގިއްލު ކަމާއެކުގައިކަން ކަށަވަރުކުރުމަށާއި އިދާރީ މަސައްކަތްތައް އަލުން ހަރުދަނާ ކުރަންޖިފައިވާ ކަމަށް ފެނުމުން ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އަދި މިފަދަ އުސޫލެއް އެކުލަވާލީ ގާނޫނު އަސާސީގެ ދަށުން އެކޯޓަށް ލިބިގެންވާ ގާނޫނީ ބާރުގެ ތެރެއިން ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.
ޖުޑީޝަލް އެކަޑެމީއެއް އުފައްދަން ނިންމުން
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީން ދިނުމަށް ޖުޑީޝަލް އެކެޑެމީއެއް އުފެއްދުމަށް ސުޕްރީމް ކޯޓުން ނިންމާ އެކަން ސާކިއުލާއަކުން އަންގާފައިވަނީ 31 އޮގަސްޓް 2015 ގައެވެ. މިއެކަޑެމީ ހިންގުމާ ބެހޭ ގަވައިދެއް އެކުލަވާލާ 1 ޑިސެމްބަރު 2015 ގައި އަމަލުކުރާ ގޮތަށް ނިންމާފައިވީ ނަމަވެސް 2015 ވަނަ އަހަރު ނިމިގެން ދިޔައިރު އެކަޑެމީގެ އެއްވެސް މަސައްކަތެެއް އަމަލީ ގޮތުން ފެށިގެން ގޮސްފައިވާ ތަން ފެނިގެން ގޮސްފައެއް ނުވެ އެވެ.
މި ގަވާއިދުގައިވާ ގޮތުން އެކެޑެމީގެ އެންމެ އިސް ފަރާތަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އިސްތިޝާރީ މަޖިލީހެކެވެ. މި މަޖިލީހުގައި ތިއްވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނީ އިލްމުގެ އުސްތާޒަކާއި އެ އެކަޑަމީގެ ޗާންސެލަރެވެ.
ގަވައިދުގައިވާ ގޮތުން މި އެކަޑަމީގައި ޗާންސެލަރުގެ އިތުރުން ވައިސް ޗާންސެލަރަކާއި އެގްޒެކެޓިވް ސެކްރެޓަރީއެއް ހުންނަންޖެހެ އެވެ. ފަސް އަހަރުގެ މުއްދަތަށް އައްޔަންކުރާ އެކަޑެމީގެ މަގާމުތަކަށް މީހުން ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ލަފާގެ މަތިން އުއްތަމަ ފަނޑިޔާރެވެ.
ގާޒީ ނިހާޔަތު ސަސްޕެންޑްކުރުން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަން ޖޭއެސްސީން ބުނީ 17 އޮގަސްޓް 2015 ގައެވެ.
ޖޭއެސްސީން ބަލަމުންދާ ނިހާޔަތުގެ މައްސަލައިގެ އެއްވެސް ތަފްސީލެއް 2015 ވަނަ އަހަރު ނިމިގެންދިޔަ އިރު ހާމަކޮށްފައެއް ނުވެ އެވެ. އަދި ސަސްޕެންޑް ކުރި ގޮތަށް އަހަރު ނިމިގެން ދިޔައިރުވެސް ނިހާޔަތު ހުންނެވީ ގޭގަ އެވެ.
ނިހާޔަތުގެ މައްސަލާގައި ޖޭއެސްސީން މިހާތަނަށް ބުނީ ނިހާޔަތު ސަސްޕެންޑް ކުރީ އޭނާއާއި ގުޅޭގޮތުން ލިބިފައިވާ ޝަކުވާއާއި، އޭނާ ތަހުގީގަށް ދީފައިވާ ބަޔާނާއި، ޝަކުވާގެ ބާވަތަށާއި، މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.
ގަސްދު މަރުގައި އަދަބު ލުއިކޮށްދިނުމުގެ މައްސަލަ
ގަސްދުގައި މީހަކު މަރައިގެން މަރަން ހުކުމް ކުރުމުން އެ ހުކުމެއް ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްވާނެ ކަމަށް ހައިކޯޓުން ހުކުމްކުރީ 30 ނޮވެމްބަރު 2015 ގައެވެ. ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ގަސްދުގައި މީހަކު މަރައިފިނަމަ ގާތިލް މެރުމަށް ވާރިސުން އެދޭނަމަ އެ މީހާ މެރުމަށް ހުކުމް ކުރުމަށް ފަނޑިޔާރުންނަށް ލާޒިމްވާ ފަދައިން އެ ހުކުމެއް ތަންފީޒުކުރުމަކީ އިސްލާމީ ދައުލަތެއްގައި ހުންނަވާ ހާކިމެއްގެ މައްޗަށްވެސް ލާޒިމްވާނެ ކަމެއް ކަމަށެވެ.
ހައިކޯޓުން މިގޮތަށް ހުކުމްކުރީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރު ބާތިލްކުރަން އަމިއްލަ ފަރާތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައެއްގަ އެވެ. މި ދެ މާއްދާއަކީ މަރުގެ މައްސަލަތަކުގައި އަދަބު ލުއިކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ދީފައިވާ ދެ މާއްދާ އެވެ. މި ދެ މާއްދާ ބާތިލްކުރަން މައްސަލަ ހުށަހެޅި ފަރާތުން ކޯޓުގައި އެދުނު ނަމަވެސް މި ދެ މާއްދާ ބާތިލްކޮށްދެވެން ނެތް ކަމަށްވެސް ހައިކޯޓުން ނިންމި އެވެ.
ސިވިލް ކޯޓަށް އައި ބަދަލުތައް
ސިވިލް ކޯޓުގައި ފަސް ޑިވިޒަން އުފައްދާ 2015 ވަނަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ސާކިއުލާއަކުން އެކަން އާންމުކޮށް އަންގާފަ އެވެ. އަދި ސުޕްރީމް ކޯޓުން ނިންމި ގޮތަށް 15 ފެބްރުއަރީ 2015 އިން ފެށިގެން ފަސް ޑިވިޒަންގެ މަސައްކަތް ސިވިލް ކޯޓުގައި ވަނީ ފެށިފަ އެވެ.
ސުޕްރީމް ކޯޓުން މިބަދަލު ގެނައުމުގެ ކުރިން ސިވިލް ކޯޓުގައި ހިންގަމުން ދިޔައީ ހަތަރު ޑިވިޒަނެކެވެ. އޭރު އަމަލުކުރަމުން ދިޔަ އުސޫލުން ސިވިލް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ވެސް އެ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ބެލިދާނެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ގެނައި ބަދަލާއި ގުޅިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސިވިލް ކޯޓުގައި ވަނީ ފަސް ޑިވިޒަނެއް އުފައްދާފަ އެވެ. އަދި އެއިން ކޮންމެ ޑިވިޒަނަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރުން ހަމަޖައްސާފަ އެވެ. ސިވިލް ކޯޓުގައި މިހާރު އުފައްދާފައިވާ ފަސް ޑިވިޒަނަކީ ޑިސް ޕިއުޓް ރިޒޮލިއުޝަން ޑިވިޒަން، ވިޔަފާރީގެ ބޮޑެތި މައްސަލަތައް ބަލާ ޑިވިޒަން، ވިޔަފާރީގެ ކުދި މައްސަލަތައް ބަލާ ޑިވިޒަން، އިދާރީ މައްސަލަތައް ބަލާ ޑިވިޒަން އަދި ތަންފީޒުގެ މައްސަލަތައް ބަލާ ޑިވިޒަނެވެ.
މަރުގެ މައްސަލަތައް
ނިމިގެން މިދިޔަ 2015 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ މަރުގެ މައްސަލަތަކަށް ބަލާއިރު އަނިޔާވެރި ގޮތުގައި މަރާލާފައިވާ އަށް މީހަކާއި ކުޑަ ކުއްޖެއްގެ މައްސަލަ ފާހަގަކުރެވެ އެވެ. އެހެންކަމުން މިއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު މަރުގެ އަދަދު އިތުރު އަހަރެކެވެ. އަނިޔާވެރި ގޮތުގައި ފަސް މީހަކު 2014 ވަނަ އަހަރު މަރާލާފައިވާއިރު 2015 ވަނަ އަހަރު ނުވަ މީހަކު މަރާލާފައިވުމަކީ އާ އަހަރެއް ފެށޭއިރު ވިސްނަން ޖެހޭ ކަމެކެވެ.
މަރުގެ މައްސަަލަތަކުގެ ތެރެއިން 2015 ވަނަ އަހަރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ 28 ޖެނުއަރީ 2015 ގައި ވ. ރަކީދޫގައި މަންމައަކު އޭނާގެ ދަރިފުޅަށް އަނިޔާކޮށް މަރާލި ހާދިސާއެވެ. ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް މަރާލި ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު ވަނީ ތަހުގީގުއާއި ޝަރީއަތުގައިވެސް އިއުތިރާފް އެވެ. މިމައްސަލައާއި ގުޅިގެން ދައުލަތުން އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ކުޑަކުއްޖަކު މެރުމުގެ ދައުވާއާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މިމައްސަލާގައި އަދި ހިނގަމުންދަނީ ކްރިމިނަލް ކޯޓުގަ އެވެ.
އަނިޔާވެރި ގޮތުގައި މަރާލެވުނު ދެވަނަ މީހަކީ ހ. ހަންޑްރެޑް ފްލާވަރ، ޖައިލަމް އަހްމަދު ޝާކިރު (24 އ) އެވެ. ޖައިލަމް މަރާލާފައިވަނީ 21 ފެބްރުއަރީ 2015ގައި ހ. ހަންޑްރެޑް ފްލާވަރ ގޭގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިންދާ ސައިކަލްތަކެއްގެ ދިޔަ ބަޔަކު ވަޅި ހެރުމުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް އެރޭގެ ވަގުތެއްގަ އެވެ. ޖައިލަމްގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވީ ނަމަވެސް ޖައިލަމްގެ ގަޔަށް ވަޅި ހެރިކަމަށް ތުހުމަތުކުރެވޭ ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު ވަނީ ފިލާފަ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ވެސް ނެރެފަ އެވެ.
ޖައިލަމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވަނީ ސިނަމާލެ 04-01-04 އިސްމާއީލް އަނީގު އާއި ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު އާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާންގެ މައްޗަށެވެ.
ދެގުރޫޕެއްގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ މާރާމާރީ ހިންގުމާ ގުޅިގެން ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް (29 އ) މަރުވީ 20 މާޗް 2015ގައި އެތައް ފަހަރަކު އޭނާގެ ހަށިގަނޑަށް ވަޅިން ހަމަލާ ދިނުމާ ގުޅިގެންނެވެ. ޒިޔަދަމްގެ މަރާ ގުޅިގެން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމަ އެރަށު ބީޗުވިލާ އަލީ ސިފާމްގެ މައްޗަށެވެ.
މަރުގެ ސިލްސިލާގެ ތެރެއިން 2015 ވަނަ އަހަރުގެ ތެރޭގައި ބިދޭސީއަކަށް ހަމަލާދީ މަރާލާފައިވަނި 22 މާޗް 2015 ވަނަ ދުވަހުގެ ފަތިހު 4:00 ޖަހާ އެހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު ހާބަރު ސަރަހައްދުގައި ހިންގާ ޅިޔަނު ކެފޭ ތެރޭގަ އެވެ. މިހަމަލާއާއި ގުޅިގެން މަރުވެފައިވަނީ ޅިޔަނު ކެފޭގައި މަސައްކަތް ކުރަމުންދިޔަ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ (29އ) އެވެ. އޭނާގެ މަރާ ގުޅިގެން ދެ މީހަކު ބަންދުކުރި ނަމަވެސް މިމައްސަލާގައި އެއްވެސް މީހަކަށް ދައުވާކުރި ކަން 2015 ވަނަ އަހަރު ނިމުނުއިރުވެސް އެނގިފައެއް ނުވެ އެވެ. ޝަހީންގެ މަރާ ގުޅިގެން މަޖިލިސް މެންބަރެއްގެ ގެ ފާސްކޮށްފައިވާއިރު މިހަބަރު ލިބި ޝާހީންގެ ބައްޕައަށް ހާޓްއެޓޭކެއް ޖެހިފައިވެ އެވެ.
އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރަމުންދާ އައިޖީއެމްއެޗް ކުރިމަތީގައި 28 މާޗް 2015 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލާފައިވެ އެވެ. މިހަމަލާއާއި ގުޅިގެން މަރުވެފައިވަނީ މާލޭ ދަފްތަރު، ނޫރު އާދަމް ހަސަންފުޅު (29 އ) އެވެ. އޭނާ މަރުވީ ހަމަލާއަށް ފަހު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެރޭ 3:30 ހާއިރު އެވެ. ނޫރުގެ މަރާ ގުޅިގެން ކުޑަ ކުއްޖަކާއި ތިން މީހަކަށް ދައުވާކޮށްފައިވެ އެވެ. ޖުވެނައިލް ކޯޓުން ވަނީ 2 ނޮވެމްބަރު 2015ގައި ކުޑަ ކުއްޖާ މެރުމަށް ހުކުމް ކޮށްފަ އެވެ. ކުޑަ ކުއްޖާގެ އިތުރުން މިމައްސަލާގައި ދައުވާ ލިބެނީ ކ. މާލެ، ދަފްތަރު ނަންބަރު 1169 އިސްހާގު ނާދިރު (18އ) އާއި، ޏ. ފުވައްމުލައް ދަނޑިމަގު ޝައިނީ، މުހައްމަދު ސަމީހު (19އ) އާއި ޏ. ފުވައްމުލަށް ހޯދަޑު ނޯވެލް، މުހައްމަދު ޝަމްލު (18އ) އެވެ.

ބިދޭސީއަކަށް ހަމަލާދީ މަރާލާފައިވާ ދެވަނަ މައްސަލަ ފެންމަތިވީ ލ. ގަމުގަ އެވެ. ގަމުގައި މީހުން އަލަށް އާބާދުވާ ހިސާބުގައި ހުންނަ "ރަންދާނު" ކިޔާ ގެއެއްގެ ތެރޭގައި ބާންދު ޝަހުމިޔާ ކިޔާ ބަންގްލަދޭޝް މީހާ މަރާލާފައި އޮއްވާ ފެނުނީ 11 ޖޫން 2015 ވަނަ ދުވަހު އެވެ.
ދައުލަތުން މިމައްސަލާގައި ދައުވާ އުފުލާފައިވަނީ ލ. ގަމު، ރެޑްފިޝް، އަލީ ހަމްޒާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ހަތިޔާރު ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ދައުލަތުގެ ވަކީލާ ޝަރީއަތުގެ މަޖިލީހަށް ދައުވާ އިއްވަމުން ވިދާޅުވީ 9 ޖޫން 2015 ދުވަހުގެ ރޭ 22:00 ހާއިރު ބާންދް ޝަހުމިޔާ މަރުވީ އޭނާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ހަމްޒާ ޖެހުމުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާދިނުމާ ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް 16 ޖޫން 2015ގައި މަރުވެފައިވަނީ ސ. ހިތަދޫ، އެތީނާ ހުސައިން ޝިއާރު (19 އ) އެވެ. އޭނާ އަށް ހަމަލާދިނީ އޭނާ ގޭގައި ހުއްޓާ މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން 15 ޖޫން 2015 ގައި އެގެއަށް ވަދެ ތޫނު އެއްޗަކުން ހަމަލާދިނުމުންނެވެ. ޝިއާރުގެ މަރާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ވަނި ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް މިމައްސަލަ އަދި ހިނގަމުންދަނީ ކްރިމިނަލް ކޯޓްގަ އެވެ. ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ ދެ ފިރިހެނުންނެވެ.
މ. މޫސުން ބަހާރުގޭ ހަވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ޒަހަމްތަކަކާ އެކު އޮއްވާ ފެނުނު އއ. ތޮއްޑޫ އިރުމަތީގެ، އަހްމަދު ޒަމީން (26 އ) މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް 6 އޮކްޓޫބަރު 2015 ގައެވެ. މި މިމައްސަލައިގެ ތަހުގީގު މިހާރުވެސް ހިނގަމުންދާއިރު އެއްވެސް މީހަކު މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށްވެސް ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފިރިމީހާގެ ފަރާތުން އަނިޔާ ލިބި އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ގދ. ތިނަދޫ، ޒިޔާދާ ނައީމް މަރުވީ 29 ޑިސެމްބަރު 2015 ގައެވެ. ޒިޔާދާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށިތާ 15 ވަރަކަށް ދުވަސް ފަހުން އޭނާ މަރުވީ ފިރިމީހާ އަނިޔާކުރުމުގެ ސަބަބުން އަނިޔާ ލިބިފައިވާ ތަންތަނުގައި އިންފެކްޝަން އުފެދި މެއާއި، ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ފަހުންނެވެ. ޒިޔާދާ މަރުވީ ހާލު ދެރަކަމުން ރާއްޖެއިން ބޭރަށް ވެސް ނުގެންދެވިފައި އޮތުމުން އައިސީޔޫގައި ވެންޓިލޭޓަރެއް އެހީގައި ފަރުވާ ދެމުންދަނިކޮށެވެ. ޒިޔާދާއަށް އަނިޔާކުރުމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު ހައްޔަރުކޮށްފައިވާއިރު މިމައްސަލަ މިހާރު ތަހުގީގު ކުރަނީ މަރުގެ މައްސަލައެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ