މިނިވަންކަމާ އެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދޭން ޖެހޭ – ރައިސް މައުމޫން

މިނިވަންކަމާ އެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުއްލް ގައްޔޫމް ގޮވާލައިފިއެވެ.
މިކަމަށް ރައީސް މައުމޫން ގޮވާލެއްވީ މިއަދު ނެރުނު ނޫސްބަޔާނެއްގައެއެވެ.
އެބަޔާނުގައި ރައީސް މައުމޫން ވިދާޅުވީ ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބާރު އެޅުމުގައި އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ނޫސްވެރިންނާއި މިޑީއާއަށް ކުރިމަތިކުރުވަމުންދާ ގޮންޖެހުންތައް މި ހިނދުން މި ހިނދަށް ހުއްޓާލަން ޖެހޭ ކަމަށެވެ.
"އަބުރާ ބެހުމުގެ ނަމުގައި ބޮޑެތި އަދަބުތަކެއް ދިނުމުގެ ބާރު ލިބޭ ގޮތަށް ގާނޫނެއް ވުޖޫދުކުރީ ވަކި ބަޔަކު ހިންގަމުންދާ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ފޮރުވައި ނޫސްވެރިކަމުގެ އަޑު ކަނޑުވާލުން ކަމަށް ގަބޫލުކުރެވެ އެވެ،" މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ނޫސްވެރިންނަށް ދީފައިވާ ހަމަލާތަކާއި އިންޒާރުތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެއުމަށް ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކަށް މައުމޫނު ވަނީ މި ބަޔާނުގައި ގޮވާލައްވާފައެވެ.
އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ވީނުވީއެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަރަށް މަސައްކަތް ކުރަމުން ނުދާތީ މައުމޫން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ރިލްވާން ވަގަށް ނެގީ ކަމަށް ފުލުހުން ބުނެފައިވާއިރު ތަހުގީގު އިތުރަށް ހަރުދަނާކޮށް، އެ ނާތަހުޒީބު އަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ވީހާވެސް އަވަހަކަށް ދިނުމަށް ވެސް މައުމޫނު ވަނީ ގޮވާލައްވާފައެވެ.
އަދި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރާއި އާދަމް ޒަރީރު ހައްޔަރުކޮށް ދައުވާ އުފުލީ ނޫސްވެރިންގެ ޒިންމާ އަދާކުރަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ