މެމްބަރު މަހުލޫފު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް މިރޭ ފުރަނީ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށް މިރޭ ފުރާވަޑައިގަތުމަށް ހަމަޖައްސާފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
އާއިލާއިން ބުނީ މަހުލޫފް ބޭސްފަރުވާ އަށް ވަޑައިގަންނަވާނީ އިންޑިއާ އަށް ކަމަށެވެ. މަހުލޫފް ބޭސްފަރުވާ ކުރެއްވުމަށް ކަރެކްޝަންސް އިން ދީފައި ވަނީ 10 ދުވަހުގެ މުއްދަތެވެ.
ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދެ މައްސަލައެއްގައި 10 މަހާއި 24 ދުވަހަށް ޖަލަށްލާފައިވާ މަހުލޫފަށް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފައިމިވަނީ، ސިއްކީ މައްސަލަތަކަކާ ގުޅިގެން ރާއްޖެއިން ބޭރަށް ދިއުމަށް އެދެމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
މަހުލޫފަށް ކުރިމަތިވެފައިވަނީ އެލާޖިކްވުމުގެ މައްސަލަތަކާއި ލޮލާއި ހަމުގެ މައްސަލަތަކެކެވެ. އެ މައްސަލަތަކުގައި އެތައް ފަހަރެއްގެ މަތިން މަހުލޫފް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވެއެވެ. މަހުލޫފްގެ އާއިލާ އިން ބުނާގޮތުގައި އޭނާ އަށް ދެމުންދަނީ އެންމެ އެކަށޭނެ ފަރުވާއެއް ނޫނެވެ. މަހުލޫފަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް ޑޮކްޓަރުން ވެސް ލަފާ ދީފައި ވެއެވެ.
އިންޓަޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ވެސް ދަނީ މަހުލޫފްގެ މައްޗަށް ހުކުމް ކުރި ގޮތާއި، އޭނާގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމުންނެވެ. އެ ޖަމިއްޔާއިން ވަނީ މަހުލޫފް ގޭބަންދަށް ބަދަލުކުރުމަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ