ގާސިމް، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި އޮތް މި ބައްދަލުވުމަށް ފަހު، ގާސިމް މީޑިއާތަކަށް ވިދާޅުވީ އޭނާ އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވީ، ކ. ބޮލިދުއްފަރާއި ވެއްދިފަޅުގެ އެއްބަސްވުން ބާތިލްކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސަބަބެއް ބަޔާންކުރުމެއް ނެތި އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބޭރުކޮށްލާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެކަމާ ހިތްހަމަނުޖެހޭ ކަމަށްވާނަމަ، ސަބަބު ބަޔާންކޮށް ސިޓީއެއް ހުށައެޅުމަށާއި، އަނގަބަހުން ކަންތައްތަށް ނުނިންމޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް ގާސިމް ވިދާޅުވިއެވެ.
ވިލާ ގްރޫޕުން ތަރައްގީކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ކަމަށް ސަރުކާރުން ބުނާ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު 30 ދުވަހުގެ ތެރޭގައި ދައްކަން މީރާއިން ވަނީ އަންގައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ވިލާގެ ހުރިހާ އެކައުންޓެއް ފްރީޒް ކުރާނެއެވެ.
އެއާއެކު އެ މައްސަލަ ވިލާއިން ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ. އަދި މީރާއިން ނެރުނު ނޯޓިސް ބާތިލުކުރުމުގެ ވަގުތީ އަމުރަކަށް ވެސް ވިލާއިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ