ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ އެހެނިހެން މުވައްޒަފުން އިންޑިއާއިން ތަމްރީނު ކޮށްދެނީ

ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން އުސޫލުތައް އެކުލަވާލުމާއި ގަވައިދުތައް ހެދުމާއި ބެހޭ ގޮތުން ތަމްރީނު ކޮށްދިނުމަށް އެގައުމުން ނިންމައިފިއެވެ. މިކަން އިއުލާނުކޮށްފައިވަނީ ފަސް ދުވަހުގެ ދަތުފުޅެއްގައި މިހާރު އިންޑިއާއަށް ވަޑައިގެން ހުންނެވި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އެގައުމުގެ ހާރިޖީ ވަޒީރު ސަލްމާން ހުރުޝިދެވެ.
ފާއިޒުގެ މިދަތުރުފުޅަކީ އިންޑިއާގެ ޗީފް ޖަސްޓިސް އަލްތްމަސް ކަބީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ފާއިޒުގެ ދަތުރުފުޅާއި ބެހޭ ގޮތުން ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި މިދަތުރުފުޅުގައި ވަށްމޭޒު މަޝްވަރާތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްވަރާތަކުގައި އިންޑިއާގެ ޖަސްޓިސް މިނިސްޓަރު ކަޕިލް ސިބާލްއާއި ސަލްމާން ހުރުޝިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ފާއިޒުގެ މިދަތުރުފުޅުގައި ބޮޕާލްގައި ހުންނަ ނެޝަނަލް ޖުޑިޝަލް އެކަޑަމީއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވެއެވެ.
ފާއިޒުގެ މިދަތުރުފުޅުގައި ވިލިގިލީގައި މިހާރު ބިނާ ކުރަމުންދާ ޖުޑިޝަލް ޓްރޭނިން ސެންޓަރު ހަރުދަނާ ކުރުމަށާއި އިންޑިއާގެ ނެޝަނަލް ޖުޑިޝަލް އެކަޑެމީއާއި ދެމެދު ގުޅުން ގާއިމު ކުރުމަށް އެހީތެރިވެދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ