މައްސަަލަތައް ބަލައިނުގަންނާތީ ސުޕްރީމް ކޯޓުން އަބްދުﷲ ގާޒީއާ ސުވާލުކޮށްފި

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ހުށަހަޅާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިގަންނަމުން ނުދާތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ޝަރުއީ ދާއިރާއާއި ގުޅުންހުރި އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ އަބްދުﷲ ގާޒީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކުރީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އަބްދުﷲ ގާޒީ ސުޕްރީމް ކޯޓަށް ހާޒިރުކުރީ ކޯޓުން ދާދިފަހުން އެކުލަވާލި ސޫމޯޓޯ ގަވައިދުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
"މިދިޔަ ހަފްތާ ބުދަ ނޫނީ ބުރާސްފަތި ދުވަހު އަބްދުﷲ ގާޒީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކުރެއްވި. އަޅުގަނޑަށް އެނގިފައިވާ ގޮތުގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ވެސް ސުވާލުކުރެއްވިއިރު ތިއްބެވި،" އޭނާ ވިދާޅުވި އެެވެ.
މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މުހައްމަދު މަނިކު ވިދާޅުވީ އެކި ކަންކަމުގައި މަޝްވަރާކޮށް ހެދުމަށްޓަކައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަބަދުވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް މަޝްވަރާކުރައްވާ ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުގެ މައްސަލަ ބަލައިނުގަންނާތީ އެމައްސަލައިގައި އަބްދުﷲ ގާޒީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކުރެއްވި ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ މައްސަލަައް ބަލައިނުގަންނާތީ އަބްދުﷲ ގާޒީ ސުޕްރީމް ކޯޓަށް ހާޒިރުކުރެއްވި ކަން ސުޕްރީމް ކޯޓުން އަދި ވީނިއުސްއަށް ޔަގީންކޮށްދީފައެއް ނުވެ އެވެ.
ޕީޖީ އޮފީހުން ކްރިމިނިލް ކޯޓަށް ފޮނުވާ މައްސަލަތައް ބަލައިގަތުން މިދިޔަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކޯޓުން މެދުކަނޑާލީ ޕީޖީގެ ގާނޫނުގައި ޕީޖީގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަންޖެހޭނެ ކަމަށް ބުނެފައިވާތީ އެމުއްދަތުގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވިފައި ނުވާ ކަމަށް ބުނެ އެވެ.
މިމައްސަަލައިގައި ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރުއްވާފަ އެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހިނގަހިނގާއޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ގާނޫނުއަސާސީގެ ދަށުން ނަގަހައްޓަންޖެހޭ ގާނޫނުގެ ހުކުމް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް ހިނގުމަށް ހުރަސްތަކެއް ކުރިމަތިވިޔަނުދީ ކުރިއަށް ގެންދިއުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކްރިމިނަލް ކޯޓުން ދެމުންގެންދާ ބަންދާ ގުޅިގެން ނެރޭ އަމުރުފަދަ ޒަރޫރީ ކަންތައްތައް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ