މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ: މެޓް

ކުރިއަށް އޮތް 24 ގަޑިއުރުގެތެރޭގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް ( އެމްއެމްއެސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އުތުރަށާއި ދެ ކުނަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި ގަޑިއަކު 17 މޭލް ބާރު މިނުގައި ވާޖެހޭނެ ކަަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވާ ގަދަ ވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އަދި ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ މޫސުން މާދަމާގެ ނިޔަލަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވާއިރު، އެމްއެންޑީއެފްއިން ވެސް ބުނެފައި ވަނީ، މިދުވަސް ވަރަކީ މި އަހަރުގެ އަޟްޙާ ޢީދު ބަންދާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް، މީހުން ދަތުރު ކުރާ ދުވަސް ވަރަކަށް ވީއިރު، ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން ވެސް މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުން ވަރަށް ވެސް މުހިންމު ކަމަށެވެ. އަދި އުޅަނދުގައި ހަމަޔަށް ( ލައިފްޖެކެޓް، ދިޔަހިއްކާނެ ޕަންޕު އަދި މުޢާސަލާތީ ސެޓްތައް ) ހުރީ ބޭނުންކުރެވޭފަދަ އެންމެ ރަގަޅު ހާލަތުގައިތޯ ބެއްލެވުމަށް އުޅަނދުފަހަރުގެ ނެވިންނަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވާތީ މޫސުމް ގޯސްވުމާ އެކު ކޮންމެ ފަހަރަކު ވެސް ނުރައްކާތެރި ގިނަ ކާދިސާތައް މީގެ ކުރިން ވެސް ވަނީ ހިގައިފައެވެ. އެހެން ކަމުން ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ އެންމެހާ ގަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއިއެކު ދަތުރުތައް ރޭއްވެވުމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ