އިންޑިޔާގެ ޖީއެމްއާރް ކުންފުންޏާއެކު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް ހަދާފައި އޮތް އެއްބަސްވުން ބާތިލްކުރުމާއި ގުޅިގެން ދިވެހި ސަރުކާރުން ޖީއެމްއާރަށް ބަދަލެއް ދޭން ޖެހޭނަމަ ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދު ކަނޑައެޅިގެންދާނީ އާބިޓްރޭޝަންގެ ދެވަނަ މަރުހަލާގައި ކަމަށް ބަންޑާރަނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ. 
ބައެއް ބޭފުޅުން ގާނޫނީ ވަކީލު ކަމުގެ ހުވާކުރުމަށް މިއަދު ކަސްޓަމްސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށްފަހު ބަންޑާރަނައިބު ވިދާޅުވީ އާބިޓްރޭޝަންގެ ދެވަނަ މަރުހަލާގައި ބަދަލު ދޭން ޖެހޭ އަދަދެެއް ކަނޑައެޅިގެން ދިޔަ ނަމަވެސް ދެވަނަ މަރުހަލާ ފެށި ވަކި ގޮތެއް ނިމިގެން ދިއުމަށް މަސްތަކެއް ނުވަތަ އަހަރެއްވެސް ފާއިތުވެގެން ހިނގާދާނެ ކަމަށެވެ. 
އެއްބަސްވުން ބާތިލްކުރުމާއި ގުޅިގެން ޖީއެމްއާރުން އާބިޓްރޭޝަންގައި އެދިފައިވަނީ ދިވެހި ދައުލަތުން 1.4 ބިލިއަން ޑޮލަރުގެ ބަދަލެއް ނަގައިދިނުމަށެވެ. 
ބަންޑާރަނައިބު ވިދާޅުވީ އާބިޓްރޭޝަންގައި ދެ ފަރާތުން ވެސް އެއްބަސްވެފައިވާނީ އާބިޓްރޭޝަންގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގަބޫލުކުރުމަށް ކަމަށެވެ.
"ދިވެހިރާއްޖެއަށް އޮންނާނީ ހުކުމް ކުރުމުން އެހުކުމެއް ތަންފީޒު ކުރުމުގެ މަސައްކަތް ކުރުން. ދިވެހިރާއްޖޭގައި އޮތް އާބިޓްރޭޝަން ގާނޫނު ބުނާ ގޮތުން އެފަދަ މައްސަލައެއް އަތުވެއްޖެނަމަ އެމައްސަލަ ހުށަހެޅިގެންދާނީ ހައިކޯޓަށް،" އަނިލް ވިދާޅުވި އެވެ. 
ޖީއެމްއާރަށް ބަދަލު ދޭންޖެހޭނަމަ ސަރުކާރުން ޖެހޭނީ ޖީއެމްއާރުން އެއާޕޯޓާ ހަވާލުވުމަށް އެންމެ ފުރަތަމަ ދައުލަތަށް ދައްކާފައިވާ 72 މިލިއަން ޑޮލަރާއި އެއާޕޯޓަށް އެމީހުން ކޮށްފައިވާ ހަރަދެއްގެ ބަދަލު ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވި އެވެ. 
"މިއަދު ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ޖީއެމްއާރަށް ބަދަލެއް ދޭން ޖެހޭނެ ކަމަށް އެވިދާޅުވާ ވާހަކައަކީ އެއީ. ބަދަލެއްގެ ގޮތުގައި އެއްޗެއް ދޭންޖެހޭކަން ނުވަތަ ނޫންކަން ވެސް އެނގިގެންދާނީ އާބިޓްރޭޝަނަށްފަހު،" އަނިލް ވިދާޅުވި އެވެ. 
ޖީއެމްއާރަށް ބަދަލު ދިނުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ ޖީއެމްއާރަށް ބަދަލު ދޭން ޖެހުނު ނަމަވެސް އެއަދަދު 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު ވެގެން ނުދާނެ ކަމަށެވެ. އަދި ޖީއެމްްްއާރުން ކޮށްފައިވާ މަސައްކަތްތަކަށް ބަދަލެއް ދޭން ޖެހުނު ނަމަވެސް އެ ބަދަލުގެ ތެރޭގައި އެގްރިމަންޓްގެ މުއްދަތު ކަމަށްވާ، 25 އަހަރު ދުވަހު އެއާޕޯޓް ހިންގައިގެން ޖީއެމްއާރަށް ލިބޭނެ ކަމަށް އަންދާޒާކުރާ ފައިދާ އަކީ ސަރުކާރުން ދޭންޖެހޭނެ ފައިސާއެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ. 
ޖީއެމްއާރްގެ އާބިޓްރޭޝަންގެ ފުރަތަމަ މަރުހަލާގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ މިދިޔަ އޭޕްރީލް މަހުގެ 10 އިން 16 އަށް ސިންގަޕޫރުގަ އެވެ. 
އައިއެންއައިއޭ އާ ޖީއެމްއާރުން ހަވާލުވީ ޖޫން 28، 2010 ގައެވެ. އޭގެ ފަހުން އެކަމާ ދެކޮޅަށް ދިވެހިން ކުރި އިހުތިޖާޖުތަކަށް ފަހު އަލުން އެއާޕޯޓާ ދިވެހި ސަރުކާރުން ހަވާލުވީ އޭގެ ދެ އަހަރާއި ފަސް މަހާއި ހަފުތާއެއް ފަހުން 7 ޑިސެމްބަރު 2012 ގަ އެވެ.
    
    ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައެޅޭނީ އާބިޓްރޭޝަންގެ ދެވަނަ މަރުހަލާގައި: ބަންޑާނައިބް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ