މަޖިލީހުން ޖަވާބުދާރީވާންޖެހޭ ހައިސިއްޔަތު ސުޕްރީމް ކޯޓުން ސާފުކޮށްދީފައެއް ނުވޭ: މަޖިލީހުގެ އިދާރާ

ވަޒީރުންނަށް ރުހުން ދިނުމުގައި އެ ބޭފުޅުންނާ އިންޓަވިއުކޮށް މައުލޫމާތު ސާފުކުރަން ޖެހޭނެ ކަމަށް ބުނާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އުވައިލުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީވާން ޖެހޭ ހައިސިއްޔަތު ސާފުކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި އެ މައްސަލައިގެ އަޑުއެހުން މިއަދު ބޭއްވިއިރު އެ ހައިސިއްޔަތު ސުޕްރީމް ކޯޓުން ސާފުކޮށްދީފައި ނެތް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައި އެ ކަމުގައި އަމަލު ކުރައްވާނެ ގޮތުގެ ލަފައެއް ހޯއްދެވި ކަމަށެވެ. އެ ގޮތުން ޕާޓީތަކުގެ ލީޑަރުން ލަފާ އަރުވާފައި ވަނީ، މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި، އެ މައްސަލާގައި ދައުވާ ލިބޭ ފަރާތަކީ ކޮބައިކަން ބަޔާން ކޮށްފައި ނުވާތީ އެ ދައުވާއަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޖަވާބުދާރީ ވާންޖެހޭ ހައިސިއްޔަތަކީ ކޮބައިކަން ސާފުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ދެންނެވުމަށެވެ.
"އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޕާޓީތަކުގެ ލީޑަރުން ދެއްވި ލަފާފުޅާ އެއްގޮތަށް 13 އޮކްޓޫބަރު 2010 ގައި ސުޕްރީމް ކޯޓުގައި އެ ވާހަކަ ވަނީ ދެންނެވިފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ސުޕްރީމް ކޯޓުން އެ ހައިސިއްޔަތު ސާފުކޮށްދެއްވާފައެއް ނުވެ އެވެ،" ކަން ހިނގާފައިވާ ގޮތް ސާފުކޮށްދިނުމުގެ ގޮތުން މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައިވެ އެވެ.
މަޖިލީހުގެ އިދާރާއިން އެހެން ބުނެފައިވާއިރު އެޓާނީ ޖެނެރަލްގެ އޮފީހުން ކުރާ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވެސް މިއަދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވިއިރު، ދައުވާ ރައްދުވާ ވަކި ފަރާތެއް ބަޔާންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ދައުވާގެ ސީޣާ އަށް ބަލާއިރު މި ދައުވާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) ހިމެނިފައިވާތީ، އެކަމުގައި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފުރުސަތު ދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މަޖިލީހުން އެކަމަށް އިޖާބަ ދީފައިނުވި ނަމަވެސް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމަށް ނިންމެވީ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ