އަދާލަތު ޕާޓީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި 50 މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފަހުމީ އެ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ވަރަށް ގިނަ ދުވަހު، ހާއްސަކޮށް އައްޑު އަތޮޅުގައި ތައުލީމު ކުރިއަރުވަން ވަރަށް ގިނަ ހިދުމަތްތަކެއް ދިގު މުއްދަތަކަށް ކުރެއްވުމަށް ފަހު، މިހާރު ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ފަހުމީ ޑީއާރްޕީގެ ހަރަކާތްތަކުގައި ބައިވެރި ވަޑައިގަތުމަށް މިހާރު އައްޑު އައްޑު އަށް ވަޑައިގެން އެޕާޓީގެ ފަރާތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަދާލަތު ޕާޓީ މިހާރު އޮތް ހާލަތާ މެދު އޭނާ ހިތާމަ ކުރައްވާ ކަމަށާއި އެ ޕާޓީ އާ މެދު މިހާރު ލަދުވެތި ވެސް ވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެ ޕާޓީ އާ ގުޅުނީ ރާއްޖޭގައި ދީން ހިމާޔަތްކޮށް ދީން ކުރިއެރުވުމަށް މަސައްކަތް ކުރަން ނިކުންނަން މަސައްކަތް ކުރި ޕާޓީ އަކަށް ވާތީ. އެކަމަކު މިއަދު މިފެންނަނީ އެ މަންޒަރެއް ނޫން،" ފެންކަޅިވެފައި ހުންނަވައިގެން އޭނާ ވިދާޅުވި އެވެ. "އެ މީހުން މަސައްކަތް ކުރަނީ މީސްމީހުންގެ އިއްޒަތާއި އަނބުރު ނަގާލައި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަން. އެހެންވެ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ ޕާޓީގައި އިސްކޮށް އެ ތިއްބެވި ބޭފުޅުންނަކީ ދީނީ އިލްމުވެރިންކަމެއް. އެ ބޭފުޅުންގެ ތައުލީމީ ފެންވަރާ މެދު ވެސް ޝައްކު އުފެދޭ. އަޅުގަނޑު ދެކޭ ގޮތުގައި މީހަކާ ދިމާލަށް ކަލޭ ތީ މުނާފިގެކޭ ވެސް ބުނާނީ ހަމަ މުނާފިގެއް. އެކަހަލަ ހާލަތެއްގައި އެ ޕާޓީ މިހާރު އެ އޮތީ."
ފަހުމީ އަދި ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހު ހުސެން ރަޝީދަށާއި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އެބޭފުޅުންނަކީ ދީނީ އިލްމުވެރިން ކަމަށް ވިދާޅުވާ އިރު އެބޭފުޅުން ހޯއްދަވައިފައިވާ ފާހާ މެދު ވެސް ސުވާލު އުފެދޭ. އެއީ ކިހިނެއް ގޮން ގޮތަކަށް ހޯދި އެއްޗެއް ކަމާ މެދު،" ފަހުމީ ވިދާޅުވި އެވެ. "ހުސެން ރަޝީދަކީ އަޅުގަނޑާ ވަރަށް ގާތްކޮށް އުޅުއްވި ބޭފުޅެއް. އެކަމަކު އެ ބޭފުޅާއަކީ ދީނީ ތައުލީމު ދަންނަ ބޭކަލެއް ކަމަށް ބުނަން ވެސް އަޅުގަނޑު ލަދު ގަނޭ މިހާރު. އޭނާ އެ ހުންނަވަނީ ޒާތީ ގޮތުން މީސްމީހުންނާ ދިމާކުރަން ދިމާކޮށްލައިގެން."
އޭނާ އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީ މިހާރު ހިނގަމުން އަންނަނީ ޑިމޮރެޓިކް އުސޫލުތަކާ ހިލާފަށް ކަމަށާއި ޕާޓީގެ މެޖޯރިޓީގެ އަޑަށް އެމީހުން އެއްވެސް ސަމާލު ކަމެއް ނުދޭ ކަމަށެވެ. އެގޮތުން އޭނާ އެ ޕާޓީން ދުރަށް ވަޑައިގަންނަވަން ގަސްތު ކުރެއްވި އެންމެ މުހިއްމު ސަބަބަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ގާސިމް އިބްރާހީމަށް އެ ޕާޓީން ބައިއަތުން ހިފުމުން ކަމަށެވެ.
"ގާސިމް އިބްރާހީމަށް ބައިއަތުން ހިފަން އެ މީހުން ނިންމި ނިންމުމަކީ އެންމެ ބޮޑު އެއްގޯސް.... އަދި އެ ޕާޓީގެ ކޮމަން ސެންސަށް ބަލާ އިރު ވެސް އެއީ ކުރެވޭނެ ކަމެއް ނޫން. އެމީހުން އެގޮތަށް ނިންމުމާ ގުޅިގެން އަޅުގަނޑު އެމީހުންނާ ވާހަކަ ދެއްކިން ޑރ. ހަސަން ސައީދަށް ތާއީދު ކުރުމަށް. އެހެންނަމަވެސް އެމީހުން އެގޮތެއް ގަބޫލެއް ނުވި،" ފަހުމީ ވިދާޅުވި އެވެ. "ގާސިމަށް އެ މީހުން ބައިއަތު ހިފި ހިފުމަކީ އަޅުގަނޑު އެޕާޓީ އާ ދުރުވި އެންމެ ބޮޑު އެއް ސަބަބު. މިނޫނަސް ބައިވަރު ސަބަބުތައް އެބަހުރި. އެ ހުރިހާ ވާހަކަ އެއް ދައްކަން ވެއްޖިއްޔާ އަޅުގަނޑަށް ރޮވިދާނެ. އަޅުގަނޑަކީ ދީނަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެއް."
ފަހުމީ ވިދާޅުވީ ޑީއާރްޕީ އާ ގުޅިވަޑައިގަންނަވަން ނިންމެވީ އަދާލަތު ޕާޓީގައި ހަރަކާތްތެރިވެ ވަޑައިގަންނަވަން ބޭނުން ނުވާތީ ކަމަށެވެ. އެހެންނަމަވެސް އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ރަސްމީކޮށް ހުށަހަޅައިފައި ނުވާ ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑު ޑީއާޕްރީގެ ފޯމުގައި ސޮއިކޮށް އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދިއުމަކީ އަދާލަތު ޕާޓީގެ މެންބަރެއްނޫންކަން އެ މީހުންނަށް ވެސް މިހާރު އެނގެން ޖެހޭނެ ސަބަބެއް،" ފަހުމީ ވިދާޅުވި އެވެ. "އަދާލަތު ޕާޓީގެ ބަދަލުގައި އެޕާޓީ އަށް މިހާރު ކިޔަންވީ އަދާވަތު ޕާޓީ އޭ."
ރިޔާސީ އިންތިހާބު 2008: އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ފަހުމީ އެ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ