ރިޔާސީ އިންތިހާބު 2008: ލިސްޓުގައި ނަން ނެތުމުގެ ޝަކުވާއާ އެކު ވެސް ތިނަދޫގައި ވޯޓުލުން އަމާންކަމާ އެކު

ގދ. ތިނަދޫން މުހައްމަދު ޝަހީބު
ވޯޓުލާ މީހުންގެ ލިސްޓުގައި ނަން ނެތިގެން އެތައް ބަޔަކު ޝަކުވާ ކުރަމުންދިޔަ ނަމަވެސް، ގދ. ތިނަދޫގައި އަމާންކަމާ އެކު ވޯޓުގެ ކަންތައް ކުރިއަށްދާ ކަމަށް އިލެކްޝަންސް އޮފިޝަލުން ބުނެފި އެވެ.
ހޫނު ގަދަ ތިނަދޫގައި ބަހައްޓައިފައިވާ ހަތަރު ފޮއްޓަށް ވޯޓުލުމަށްޓަކައި 4،600 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވާ ކަމަށް ލިސްޓުތަކުން ދައްކަ އެވެ. ނަމަވެސް، ލިސްޓުގައި ނަން ނެތިގެން މިއަދު މެންދުރާ ހަމައަށް 25 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ތިނަދޫގައި ހުންނަ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯ އިން ބުންޏެވެ.
"މިހާތަނަށް 25 ޝަކުވާއެއް ވަނީ ހުށަހެޅިފައި. ގިނައީ ލިސްޓުގައި ނަން ނެތިގެން ހުށަހެޅިފައިވާ މައްސަލަ. އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ކުރިއަށް މި ގެންދަނީ،" ތިނަދޫ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު އަންވަރު މެންދުރު ވިދާޅުވި އެވެ. "އެކޮޅާ (މާލެއާ) ގުޅައިގެން މައްސަލަތައް ހައްލުވޭތޯ މި ބަލަނީ."
މަދު ބައެއްގެ ނަން ލިސްޓުގައި ނެތް ނަމަވެސް، ތިނަދޫގައި ވޯޓުލުން ފެށިގެން ހިނގަމުން އަންނަނީ އޮމާންކަމާ އެކު ކަމުގައި އޭނާ ވިދާޅުވި އެވެ. މިއަދު މެންދުރު އެކެއް ޖެހިއިރު ދޮޅު ހާހަށްވުރެ ގިނަ މީހުން ވަނީ ވޯޓުލައިފަ އެވެ.
ވޯޓުލުން ފެށިގެން އައިއިރު ވޯޓު ފޮށިތައް ކައިރީގައި ގިނައީ ދުވަސްވީ މީހުން ކަމަށް ވީ ނަމަވެސް، މެންދުރުފަހު ވަނީ ޒުވާން މޫނުތައް ފެންނަން ފަށައިފަ އެވެ.
ތިނަދޫގައި ބަހައްޓައިފައި ހުރި ހަތަރު ފޮށީގެ ތެރެއިން ތިން ފޮއްޓެއް ކައިރީގައި ދިގު ކިޔޫއެއް އޮތް ނަމަވެސް، އިރު މެދުޖެހިގެން އައިއިރު، ދަރުބާރުގޭގައި ހުރި ފޮށި ކައިރީގައި އެއްވެސް ކިއުއެއް ނެތެވެ. އެ ފޮށި ކައިރީގައި މީހަކު ނެތި 10 ނުވަތަ 15 ވަރަކަށް މިނިޓު ވެސް ހޭދަވެފައި ވެ އެވެ.
"މިހާރު މީހަކު ނެތަސް މެންދުރުފަހު މީހުންތައް އަންނާނެ،" ދަރުބާރުގޭގައި އިސްކޮށް އުޅުއްވާ އިލެކްޝަންސް އޮފިޝަލް މުހައްމަދު އަޖީބު ވިދާޅުވި އެވެ.
ވޯޓު ލިސްޓުގައި ނަން ނެތިގެން ބައެއް މީހުން އުޅޭއިރު، މަރުވެފައިވާ މީހެއްގެ ނަން ލިސްޓުގައި އޮވެގެން ވެސް ޝަކުވާ ވަނީ ހުށަހެޅިފަ އެވެ.
"ދައްތަ ނިޔާވިތާ ވެސް މިހާރު 10 އަހަރުވެއްޖެ. އެކަމަކު ފުރަތަމަ ބުރުގައި ވެސް ދައްތަގެ ނަން (ވޯޓު ލިސްޓުގައި) އޮތް. އަނެއްކާ މި ފަހަރު ވެސް ނަން އެބައޮތް،" ނިޔާވެފައިވާ ދައްތަ އައިސާފާނުގެ ނަން ވޯޓު ލިސްޓުގައި އޮތް މައްސަލައިގައި، އުމުރުން 58 އަހަރުގެ ރަޝީދާ އިބްރާހިމް މިއަދު ޝަކުވާކުރި އެވެ. "މީގައި އެންމެ ހައިރާންވާ ކަމަކަށް ދިމާވީ ދައްތަ ނިޔާވިއިރު އައިޑީ ކާޑެއް ނުހަދައި އޮއްވައި މިހާރު އައިޑީ ކާޑު ނަންބަރެއް ވެސް ލިސްޓުގައި ދީފައި އޮތުމުން. އެއީ ކިހިނެއްވާނެ ކަމެއް؟"
ތިނަދޫގައި ވޯޓުލުމުގެ ކަންތައްތައް ހިނގައިދާ ގޮތް ބެލުމަށް ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި ރާއްޖޭގެ މިނިވަން އަދި އަމިއްލަ މުއައްސަސާތަކުގެ މަންދޫބުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން އީޔޫގެ ދެ މީހެއްގެ އިތުރުން ރާއްޖޭގެ ޖަމާއަތެއް ކަމުގައިވާ ޓްރާންސްޕޭރެންސީގެ ފަރާތުން ހަ މަންދޫބަކު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ސިޔާސީ ޕާޓީތަކުގެ ފަރާތުންނާއި މީޑިއާގެ ފަރާތުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އުފެދިދާނެ ހަމަނުޖެހުމެއް މައިތިރިކުރުމަށް ފުލުހުން ދަނީ ވަރަށް ކައިރިން ބަލަމުންނެވެ. އަދި ގިނަ އަދަދަކަށް ސިފައިން ވެސް ވަނީ ތިނަދު އަށް އައިސްފަ އެވެ.
އޮކްޓޫބަރު އަށް ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ ވޯޓުލުމުގައި، ލިސްޓުގައި ނަން ނެތިގެން ތިނަދޫގައި ވޯޓު ފޮއްޓެއް ވަނީ އެއްލާލައިފަ އެވެ. އެ މައްސަލައިގައި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ފުރަތަމަ ބުރުގައި މުޅި ރާއްޖޭގައި ވެސް ހިނގި މި ބާވަތުގެ އެންމެ ބޮޑު ހަދިސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ