ވޭތުވެދިޔަ 13 ވަރަކަށް ދުވަހުގެ ތެރޭގައި ފަސް ތިޖޫރިއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށާއި ވަގުންގެ އަމާޒު މި ދުވަސްކޮޅު ހުރީ ތިޖޫރިތަކަށް ކަމަށް ފުލުހުންގެ އިދާރާ އިން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ތިޖޫރި ފަޅާލުމުގެ ފަސް ވައްކަމެއް ހިނގާފައިވާއިރު، އޭގެ ތެރެއިން ދެ މައްސަލައަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުން ހައްޔަރުކޮށް، އެ މައްސަލަތަކުގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ ތިޖޫރީ ފެޅުމުގެ ބޮޑެތި ވައްކަންކުރުން މުޅިން ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވުމަށް ފަހު މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ރޭ ހެންވޭރު އެމްޓީސީސީ ސޯމިލްގެ އޮފީހަށް ވަދެ އެތާނގެ ތިޖޫރި ހަލާކުކޮށްލައި 42،000ރ. އާއި ދެ ކޮމްޕިއުޓަރާއި އެހެން ސާމާނު ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހެލްތު މިނިސްޓްރީގެ ވެލްފެއާ ސެކްޝަން ހިންގާ އިމާރާތް (މ. ތޮއިބާ މިސްކިތުގެ އުތުރުން ހުންނަ އިމާރާތް) ހަލާކުކޮށްލައި އެތާނގެ ތިޖޫރިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފައިވާއިރު އެ މަހުގެ 21 ވަނަ ދުވަހުގެ ރޭ ފިނޭންސް މިނިސްޓްރީގެ ތިޖޫރިއެއް ހަލާކުކޮށްލައިގެން އެއިން 21،000ރ. އަށް ގިނަ ފައިސާ ވަގަށް ގެންދިޔަ ކަމަށެވެ.
ތިޖުރީ ފެޅުމުގެ އަނެއް ދެ ހާދިސާގައި ހަމަ މިދިޔަ މަހުގެ 26 ވަނަ ދުވަހު ރޭ ހ. ގާދޫ ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގެ ހުންނަ އެމެރިކަން ރެޑްކްރޮސް އޮފީހުގެ ތިޖޫރީން ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންދިޔަ އެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ޕްލޭން ރިސޯޓް އެންޑް ހޮޓެލްސް މާލޭ އޮފީހުގެ ތިޖޫރީ ފަޅައިލަން ވަނީ މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ. އެމެރިކަން ރެޑްކްރޮސް ތިޖޫރީ ފަޅާލައިގެން ފައިސާތަކެއް ވަގަށް ނަގާފައިވާއިރު ޕްލޭން ހޮޓެލްސްގެ ތިޖޫރި ހަލާކު ނުކުރެވިގެން ސައިކަލެއްގައި ތިޖޫރި ހިފައިގެން ދަނިކޮށް ފުލުހުން ވަނީ އެކަމުގައި އުޅުނު އެކަކު ހައްޔަރުކޮށްފަ އެވެ.
އަހުމަދު ވިދާޅުވީ ޕްލޭން ހޮޓެލްގެ ތިޖޫރި ފަޅާނުލެވުމުން ސައިކަލެއްގައި ތިޖޫރީ ގެންދަނިކޮށް ހިފެހެއްޓީ އެ ރޭ މާލެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ބަޔަކު ކަމަށާއި އެ ވަގުތު ސައިކަލްގެ ފަހަތުގައި ތިޖޫރީ ހިފައިގެން އިން މީހާ ތިޖޫރި ދޫކޮށްލައި ފިލައިގެން ދިޔައީ ކަމަށެވެ. ތިޖޫރިތަކުން ވަގަށް ނެގި ފައިސާގެ ޖުމްލަ ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
"އިއްޔެ އާ ހަމައަށް މި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހަކު ވަނީ ހައްޔަރުކޮށްފައި. އެ ތިޖޫރިން އެއްވެސް އެއްޗެއް ގެއްލިފައި ނުވާތީ މިހާރު ވަނީ ވެރިފަރާތާ ތިޖޫރި ހަވާލުކޮށްފައި،" އަހުމަދު ވިދާޅުވި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ ނ. ވެލިދޫ މާދުނި، އާދަމް ޒިޔާދު، ،20 އާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ 19 އަހަރުގެ ޒުވާނަކާއި އުމުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ. ޒިޔާދު ފިޔަވައި އަނެއް ދެ މީހުންގެ އެޑްރެސް ފުލުހުން ހާމައެއް ނުކުރެ އެވެ. އެ ތިން މީހުންނަކީ ވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީ ރިކޯޑް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެމެރިކަން ރެޑްކްރޮސް ތިޖޫރީ ފަޅާލި ހާދިސާގައި ބައިވެރިވި މީހުންގެ ތެރެއިން މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ސ. ހިތަދޫ އަންނާރުމާގޭ އަހުމަދު ނަސީރު، ،24 އެވެ. އަހުމަދު ވިދާޅުވީ އޭނާ ތަހުގީގަށް ވާހަކަތައް ކިޔައިދެމުންދާ ކަމަށާއި ކުށް ސާބިތުވާވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އޭނާއަކީ މިދިޔަ ޖެނުއަރީ މަހު، ވައްކަމުގެ މައްސަލައެއްގައި ހަ އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ މީހެއް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ މިހާރު މި ހިނގާ ބޮޑެތި ވައްކަންތައް އަމާޒުވެފައި ވަނީ ފައިސާ ހޯދުމަށް ސީދާ ތިޖޫރިތަކަށް ކަމަށާއި މި ހާދިސާތަކުގައި ހިމެނޭ މީހުން އެއް ހާދިސާއާ އަނެއް ހާދިސާގެ މީހުންނާ ގުޅުން ނެތަސް ވައްކަންތައް ކޮށްފައި ވަނީ އެއް މެތޮޑެއް ބޭނުން ކޮށްގެން ކަމަށެވެ.
"މުޅިން ވެސް މި ވައްކަންތައް އަމާޒުކޮށްފައި ވަނީ ތިޖޫރި އަށް. އެއިން ފައިސާ ނެގުމަށް އެހެންވީމާ ތިޖޫރީގައި ފައިސާ ގެންގުޅޭ މީހުންގެ އެކަމަށް ސަމާލުވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" އަހުމަދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މި މައްސަލަތަކުގެ ތަހުގީގަށް ބަލާއިރު ތިޖޫރި ފެޅުމުގެ ބޮޑެތި ޕްލޭންތައް ކުރިޔަށް ރާވާފައިވާކަން އެނގޭ ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޖަލަށް ހުކުމްކޮށްފައިވާ 80 އަށް ވުރެ ގިނަ މީހުން މި ވަގުތު މާލެތެރޭގައި އުޅެމުންދާ ކަމަށާއި މިފަދަ ބޮޑެތި ވައްކަންތައް އެ ފަރާތްތަކުން ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ތަހުގީގު ކުރަމުން މިދާ ފަސް މައްސަލައިގައި ހައްޔަރުކުރި މީހުނަށް ބެލިއަސް އެކަން ކަށަވަރުވޭ،" އަހުމަދު ވިދާޅުވި އެވެ.
ޕޮލިސް ނިއުސް ބްރީފިން: 13 ދުވަހުގެ ތެރޭގައި ފަސް ތިޖޫރިއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ