ސުޕްރީމް ކޯޓާ ދެކޮޅަށް ހުށަހެޅި ދައުވާގެ ފައިލް އެ ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ސުޕްރީމް ކޯޓާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށް، އެ މައްސަލައިގައި ހިމެނޭ ޑޮކިއުމެންޓުތައް ސުޕްރީމް ކޯޓަށް ފޮނުވުމަށް އެ ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން އެ ކޯޓަށް އަމުރު ކޮށްފައި ވަނީ އިބްރާ ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ ހުރިހާ ޑޮކިއުމެންޓުތަކެއް ސުޕްރީމް ކޯޓަށް ފޮނުވުމަށް ވެސް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި އިބްރާ މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރެފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ވެސް މިހާތަނަށް އެއްވެސް ކަމެއް އޭނާއަށް އަންގަވާފައިނުވާ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތާ ދެކޮޅަށް އިބްރާ އަބުރުގެ ދައުވާ ކުރައްވާފައި ވަނީ އޭނާ މިދިޔަ ސެޕްޓެމްބަރު 2 ގައި ކ. ތުލުސްދޫގައި ބޭއްވި އެމްޑީޕީ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކަކަށް ސުޕްރީމް ކޯޓުން ދިން ރައްދަކާ ގުޅިގެންނެވެ.
ތުލުސްދޫ ޖަލްސާގައި އިބްރާ ވިދާޅުވެފައި ވަނީ ފަނޑިޔާރުން ހުކުމްކުރައްވަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެ ބޭފުޅުން މައިތިރިކުރެވޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ. އިބްރާ އަށް ރައްދު ދީ ސުޕްރީމް ކޯޓުން ސެޕްޓެމްބަރު 5 ގައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިބްރާ ދެއްކެވި ވާހަކަތަކަކީ ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުމަށް މަގުފަހިކޮށްދޭ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ކޯޓުތަކާއި ފަނޑިޔާރުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައިސިއްޔަތާއި ގަދަރަށް އިހާނާތްތެރިކަން ރައްދުވާ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ފަހުން ސެޕްޓެމްބަރު 29 ގައި އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް އިބްރާ ވަނީ ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެފަ އެވެ. އެ ޖަލްސާގައި އޭނާ ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ނިންމުންތަކަށް އެއްޗެއް ބުނުމުން ސުޕްރީމް ކޯޓުން އެކަމާ ދެކޮޅަށް ނުކުތުމަކީ މޭކަރާނެ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ