ބަލަމުންދާ މައްސަލައެއްގައި ހިމެނޭ ލިޔުމެއް ކޯޓުން ބޭރަކަށް ނުގެންދެވޭނެ: ސުޕްރީމް ކޯޓް

ބަލަމުންދާ މައްސަލައެއްގައި ހިމެނޭ އެއްވެސް ލިޔުމެއް ކޯޓުން ބޭރަށް ގެންދިޔުމަކީ މަނާ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ހުރިހާ ކޯޓުތަކަކަށް އަންގައިފި އެވެ.
ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓުތަކުގައި ހުންނަ ލިޔުންތަކުގެ އަސްލު ނުވަތަ ކޮޕީ ވެސް ކޯޓުން ބޭރަށް ގެންދިޔުމަކީ މަނާ ކަމެއް ކަމަށެވެ.
"ހާއްސަ ހާލަތެއްގައި މެނުވީ މެނުވީ ބަލަމުންދާ ގަޒިއްޔާތަކާ ގުޅިގެން ކޯޓުތަކުގައި ހުންނަ ފައިލްތަކުގެ އަސްލު ނުވަތަ ކޮޕީ އެ ކޯޓަކުން ބޭރަށް އެއްވެސް ފަރާތަކުން ގެންދިޔުމަކީ މަނާ ކަމެކެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެފަދަ ލިޔުމެއް ކޮންމެހެން ކޯޓުން ބޭރަށް ގެންދަން ޖެހިއްޖެ ނަމަ ސުޕްރީމް ކޯޓަށް އެކަން ހުށަހަޅައިގެން ހުއްދަ ލިބުމުން، އެ ލިޔުމެއްގެ ކޮޕީ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ކޯޓުން ބޭރަށް ގެންދެވިދާނެ ކަމަށެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ބައެއް ދަށު ކޯޓުތަކުގައި ބައެއް ފަނޑިޔާރުން ގެންގުޅުއްވާ ލެޕްޓޮޕުގައި ވެސް މައްސަލަތަކާ ގުޅޭ ލިޔުންތައް ބަހައްޓަ އެވެ. އަދި ސުޕްރީމް ކޯޓުން އެ ސިޓީ އާންމުކޮށްފައި މި ވަނީ ނުރައްކާތެރި މާރާމާރީއެއްގައި ސިއްރުން ހެކިބަސް ނަގަން ހަމަޖެހިފައި އޮތް މީހެއްގެ ބަޔާނެއް ލީކުވި މައްސަލަ ވެސް ފެންމަތިވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ