ދެފުށް ދެގޮތް ސިޔާސަތެއް ނުގެންގުޅެން: ސްޓްރީޓާ

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަށް ސިޔާސީ ތަޖުރިބާ އާއި ތަމްރީން ދެއްވުމަށް ވަޑައިގަތް އިނގިރޭސި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއާމަން ގެރީ ސްޓްރީޓާ ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ދެފުށް ދެގޮތް ސިޔާސަތެއް ނުގެންގުޅުއްވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން ޓީވީ މޯލްޑިވްސްގައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ބައެއް ނޫސްވެރިން އޭނާއާ މިއަދު ސުވާލުކުރީ އެމްޑީޕީގެ ބައްދަލުވުންތަކުގައި އޭނާ ދައްކަވާފައިވާ ވާހަކަތަކާއި އަދި ސަރުކާރާއި ނުވަތަ ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކާ ދައްކަވާފައިވާ ވާހަކަތައް ދިމާނުވަނީ ކީއްވެކަމާ މެދު އެވެ.
ހަރުކަށި އަދި ހަޑި ހުތުރު ބަހުން ރައީސް މައުމޫނާއި ދިވެހި ސަރުކާރަށް ނިސްބަތްވާ ގޮތަށް އެމްޑީޕީގެ ބައްދަލުވުންތަކުގައި އޭނާ ވާހަކަ ދައްކަވާފައިވާއިރު، އޭނާ އެ ވިދާޅުވި ބައެއް އެއްޗިއްސާ އިދިކޮޅު ވާހަކަތައް ރޭގައި އޮތް، ސަރުކާރަށް ތާއީދުކުރާ އޯޕަން ސޮސައިޓީގެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް އޭނާގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން ދިޔަ ނޫސްވެރިން ބުންޏެވެ.
ނަމަވެސް މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސްޓްރީޓާ ވިދާޅުވީ އެމްޑީޕީގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެއްޗަކާ ތައާރަޒުވާ އެއްޗެއް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ އެކު ބޭއްވި އެއްވެސް ބައްދަލުކުރެއްވުމެއްގައި ވިދާޅު ނުވާ ކަމަށެވެ.
އެ ގޮތުން މިސާލެއް ނަންގަވަމުން، ރާއްޖޭގެ ނޫސްތަކުގައި މި ވަގުތު ލިޔެވެމުންދާ، އޭނާ ވިދާޅުވި ބަހެއް ކަމަށްވާ "ޑައިނޮސޯ" އަކީ "ވަކި މީހަކަށް ނިސްބަތްކޮށް ބުނި އެއްޗެއް ނޫން" ކަމަށާއި އެއީ ހުދުމުހުތާރު ވެރިކަން ދިގުދެމިގެންދާ ނިޒާމުތަކަށް އާއްމުކޮށް ނިސްބަތްކޮށް ވިދާޅުވި އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި އޭނާ ވަނީ އެއްވެސް މީހަކަށް ނޯޅޭނެ ގޮތަށް "ޑިކްޓޭޓާޝިޕް"، "ޑައިނޮސޯ" ފަދަ އިބާރާތްތައް ބޭނުންކޮށްފަ އެވެ. އަދި އެ ބަސްތައް އޭނާގެ ދުލުން ބޭރުކޮށްލައްވާ ކޮންމެ ފަހަރަކު، ދަރުބާރުގެއަށް އެއްވެތިބި އެމްޑީޕީގެ އެތައް ސަޕޯޓަރުންނެއް އަތްތިލަ ބަޑި ޖަހައި، ހޫނު ތަރުހީބެއް ދީފައިވެ އެވެ.
އެމްޑީޕީގެ ދައުވަތަކަށް ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ވަރަށް ޑިޕްލޮމެޓިކް ނޫން ފާޑުގެ ބަސްތައް ބޭނުން ކުރައްވައިގެން ސަރުކާރަށް ފާޑު ވިދާޅުވި ނަމަވެސް، މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އޭނާ ވިދާޅުވީ ސަރުކާރަކާ މުއާމަލާތް ކުރަން ޖެހޭނީ "ޑިޕްލޮމެޓިކް"ކޮށް ކަމަށެވެ. އެ ގޮތުން ނޫސްވެރިއެއްގެ އެހެން ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެމްޑީޕީ އަށް ކޮންޒަވެޓިވް ޕާޓީން އެހީ ވަނީ ހަމައެކަނި ޓެކްނިކަލް އަދި ތަމްރީން ދިނުމުން ކަމަށާއި މިއީ ރާއްޖެ އަށް ހަންފެތުރުން ނޫން ކަމަށާއި މިއީ "ޑިޕްލޮމެޓިކް" ގޮތަކަށް ޑިމޮކްރެސީގެ ތަޖުރިބާ ލިބިފައިވާ ގައުމަކުން، ޑިމޮކްރެސީ އަށް ވާސިލުވުމަށް މަސައްކަތްކުރާ ގައުމަކަށް އެހީވަނީ ކަމަށެވެ.
އަދި ސަރުކާރުގެ އިސް ބައެއް ފަރާތްތަކާ އެކު ބައްދަލުކުރެއްވި ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ މިހާރު ރާއްޖެ އަށް މި އަންނަ ބަދަލުތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި މި އިސްލާހުތަކަށް އެ ފަރާތްތަކުން އިހްލާސްތެރިކަމަށް "އަހަރެން ގަބޫލު ކުރަން" ކަމަށެވެ. ނަމަވެސް އެ ޖުމްލައާ އެކު އޭނާ އަށް ދެން ވިދާޅުވެވުނީ "އެ ފަރާތްތަކުން އިޚުލާސްތެރިކަން ދެއްކި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ