އައްޑޫ ސިޓީ ކައުންސިލް ކޯޓުން ބާތިލްކުރުމުން ގައުމީ ޕާޓީއާ ދެކޮޅަށް މުޒާހަރާކޮށްފި

ރައީސުލް ޖުމްހޫރިއްޔާ އަށް އައްޑޫ ސިޓީ ކައުންސިލް އުފެއްދެން ނެތް ކަމަށާއި ރައީސް އޮފީހުގެ ދެންނެވުމަކުން ބަޔާންކުރި "ސިޓީ ކައުންސިލް" އަކީ ބާތިލް ނުކުތާއެއް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކުރުމާ ގުޅިގެން ދިވެހި ގައުމީ ޕާޓީއާ ދެކޮޅަށް މާލެ އާއި އައްޑޫގައި މިރޭ މުޒާހަރާކޮށްފި އެވެ.
މައިގަނޑުގޮތެއްގައި އެމްޑީޕީގެ ސަޕޯޓަރުން ބައިވެރިވި މި މުޒާހަރާތަކުގައި ވަނީ ކޯޓުގައި އެ ދައުވާ ކުރެއްވި ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސާލިހާއި އެ ޕާޓީގެ އިސްވެރިންނާ ދެކޮޅަށް އަޑު އުފުލައި ގައުމީ ޕާޓީ އުވާލުމަށް ގޮވާލާފަ އެވެ.
މާލޭގައި މުޒާހަރާ ކުރީ ގައުމީ ޕާޓީގެ ރައީސް ހަސަން ސައީދުގެ ގޭ ދޮށުގަ އެވެ. ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ގ. ޝޭޑީ ޕާމް ކައިރީގައި ކުރި މުޒާހަރާގައި ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި ދެ ފަރާތުގެ މީހުންނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވި އެވެ. އަދި ފުލުހުން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
ސ. ހިތަދޫގައި ހުންނަ އަތޮޅު އޮފީސް ދޮށުގައި ކުރި މުޒާހަރާގައި ވަނީ އިމާދުގެ ބުދެއް އަންދާލާފަ އެވެ. އަދި މި ރެ އިން ފެށިގެން 48 ގަޑިއިރުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާނެ ކަން އިއުލާން ކުރި އެވެ.
އައްޑު އަތޮޅު ސިޓީއަކަށް ނުހެދޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި ނަމަ އެ ގޮތަށް އަމަލުކުރައްވާނެ ކަމަށް ރައީސް ނަޝީދު ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވެސް ރައީސް އެހެން ވިދާޅުވި ކަމަށް މީޑީއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
ބަންޑާރަ ނާއިބު އަހުމަދު އަލީ ސަވާދު މިރޭ ވިދާޅުވިގޮތުގައި އައްޑޫ ސިޓީ ކައުންސިލް ބާތިލްކަމަށް ކަނޑައެޅި ސިވިލް ކޯޓުގެ ހުކުމް ސަރުކާރުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ އެވެ.
"ޖަވާބު ނުލިބޭ ގާނޫނީ އެތައް ސުވާލުތަކެއް ހުރުމާއި ޝަރީއަތުގައި ދައުލަތުގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ހުކުމްގައި ފުރިހަމަ އަށް ރިއާޔަތްކޮށްފައި ނެތުމުން އަޅުގަނޑުމެން އިސްތިއުނާފް ކުރަން ނިންމާފައި ވަނީ،" ސަވާދު ވިދާޅުވި އެވެ.
އައްޑު އަތޮޅު ސިޓީއަކަށް ނުހެދޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި ނަމަ ލޯކަލް ކައުންސިލް އިންތިހާބު ލަސްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ކޯޓުން އެގޮތަށް ކަނޑައެޅިޔަސް އެހެން އަތޮޅުތަކުގެ އިންތިހާބު ލަސް ނުކުރާނެ ކަމަށެވެ.
ސަރުކާރުން އައްޑު އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ އެކަމަށް ތާއީދުކޮށް އެ އަތޮޅުގެ މަދަނީ ޖަމިއްޔާތައް ގުޅިގެން އިއްޔެ ވަނީ އައްޑޫގައި ވެހިކަލް ބުރެއް ވެސް ބާއްވައިފަ އެވެ.
އައްޑު އަތޮޅަށް ސިޓީ ދަރަޖަ ދިނުމާ މެދު އެ އަތޮޅުގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނެގި ވޯޓުގައި އައްޑު އަތޮޅު ހަ ރަށުގެ ތެރެއިން، އައްޑޫ ސިޓީ އުފެއްދުމަށް ނުފެންނަ ކަމަށް ވޯޓު ދީފައި ވަނީ ފޭދު އާއި މީދޫން އެކަންޏެވެ.
މިއަދުގެ ހުކުމް ކުރައްވަމުން ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ޖަދުވަލު 2 އަދި 3 ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަކުރެވޭނީ، ލޯކަލް ގަވަމެންޓް އޮތޯރިޓީން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ ހިދުމަތްތަކާއި އުފެއްދުންތެރިކަމުގެ މިންގަނޑެއް ކަނޑައެޅިފައި އޮވެގެން ކަމަށެވެ.
ހުކުމުގައި ވަނީ އެފަދަ މިންގަނޑެއް ލޯކަލް ގަވަމެންޓް އޮތޯރިޓީން ކަނޑައަޅާފައި ނުވާ ހިނދު އެ ޖަދުވަލު 2 އަދި 3 ގައި ބުނާ ސިޓީއެއްގެ ދަރަޖަ ދިނުމަށް އޮތް ޝަރުތު ފުރިހަމަކުރެވެން ނެތް ހާލަތެއްގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަށް ސިޓީ ކައުންސިލް އުފެއްދެން ނެތް ކަމަށެވެ.
އެހެންވެ، ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތައް ސަރުކާރުން އުފެއްދި ގޮތް އާއްމުކުރުމަށް، ރައީސް އޮފީހުން މިދިޔަ އަހަރުގެ އޮކްޓޫބަރު 19 ގައި ނެރުނު ދެންނެވުމުގައި ބަޔާންކުރާ "ސިޓީ ކައުންސިލްތައް" ސުރުހީގެ ދަށުގައިވާ "އައްޑޫ ސިޓީ ކައުންސިލް" އަކީ ބާތިލް ނުކުތާއެއް ކަމަށް ގާޒީ ހުކުމް ކުރެއްވި އެވެ.
ހަސަން ސައީދުގެ ގޭ ދޮށުގައި މުޒާހަރާ ކުރަމުން ދަނިކޮށް ހޯމް މިނިސްޓަރު ހަސަން އަފީފު އެ ތަނަށް ވަޑައިގަތެވެ. އެއާއެކު އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ފުލުހުން މުޒާހަރާތެރޭގައި އެ މީހުންނަށް އަނިޔާކުރި ކަމަށް ބުނެ އަފީފް އަރިހު ޝަކުވާކޮށްފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މުޒާހަރާ ނިންމާލި އެވެ.
އެމްޑީޕީގެ މެމްބަރުން ކަމަށްވާ އަލްހާން ފަހުމީ އާއި މުހައްމަދު ނަޝީދު (ކާނަލް) އާއި އިލްޔާސް ލަބީބު މާލޭގެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި އިރު އައްޑޫގެ މުޒާހަރާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ