މިއީ ގިނަ ރައްޔިތުން އުއްމީދު ކުރި ފަދަ ސަރުކާރެއް ނޫން: ޑރ. ހަސަން

އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް ފަހު ގިނަ ރައްޔިތުންތަކެއް އުއްމީދު ކުރީ ތައުލީމީ، ގާބިލު، ފަސްބައިގައި ކިލަނބު ކަމެއް ނެތް ބައެއް ހިމެނޭ ސަރުކާރަކަށް ކަމަށާއި ނަމަވެސް މިހާރުގެ ސަރުކާރަކީ އެފަދަ ސަރުކާރެއް ނޫން ކަމަށް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް ޑރ. ހަސަން ސައީދު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ދިވެހި ގައުމީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސް ކޮންފަރެންސެއްގައި ކުރީގެ ސަރުކާރުގެ ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ޑރ. ހަސަން ވިދާޅުވީ މިހާރުގެ ސަރުކާރަކީ ފަންނީ ބޭފުޅުންނަށް ވުރެ ބޮޑަށް "އެކްޓިވިސްޓުންނަށް އަމާޒު ކުރެވިގެން ލިބުނު ސަރުކާރެއް" ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގައި ތައުލީމީ، ގާބިލް، ފަސްބައިގައި ކިލަނބު ކަމެއް ނެތް ސަރުކާރެއް ގާއިމް ކުރެވެންޖެހޭނެ. އެފަދަ ބަޔަކަށް (ސަރުކާރުން) ޖާގަ ލިބެން އެބަ ޖެހޭ،" ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ 16 ޕަސެންޓް ވޯޓި ލިބިވަޑައިގަތް ޑރ. ހަސަން ވިދާޅުވި އެވެ. " 30 އަހަރުގެ ވެރިކަމެއް ނިމުމަކަށް ގެނައުމަށް އަޅުގަނޑުމެން ގުޅިގެން މަސައްކަތް ކުރިން. އެއަށްފަހު ވަރަށް ގިނަ ރައްޔިތުންތަކެއް އުއްމީދުކުރި ކުރިން މި ފާހަގަކުރި ފަދަ ސަރުކާރެއް ލިބޭނެ ކަމަށް، އެހެންނަމަވެސް އެފަދަ ސަރުކާރެއް އަޅުގަނޑުމެންނަކަށް ނުލިބުނު."
ޑރ. ހަސަން ވިދާޅުވީ ތައުލީމީ ބޭފުޅުންނަށް ސަރުކާރުން ޖާގަ ނުލިބުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު މަޖިލީހުން ވެސް ފެންނަމުން ދަނީ ގައުމީ މަސްލަހަތަށް ވުރެ އަމިއްލަ ޒާތީ މަސްލަހަތު އިސްކުރަމުންދާ މަންޒަރު ކަމަށެވެ. އަދި ޕާޓީއެއްގެ ސިފައިގައި ނިކުންނަން ޖެހިވަޑައިގަތް އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.
އެޑްވައިޒަރެއްގެ ޒިންމާއަކީ އޭނާ އަށް ފެންނަ ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުއްވުން ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ. އަދި ސަރުކާރުގެ ހިޔާލާއި އޭނާގެ ހިޔާލާ ވަރަށް ތަފާތު ކަމަށާއި ސަރުކާރުން ކުރައްވާފައިވާ ބައެއް ކަންތައްތަކަކީ އޭނާ ތާއީދު ކުރައްވާ ކަންކަން ނޫން ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަދުވެގެން 50 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީ ޑރ. ހަސަން ވިދާޅުވީ އެއީ ގޯސް ވިސްނެވުމެއް ކަމަށެވެ. ސަރުކާރުން މަޖިލީސް ކޮންޓްރޯލް ކުރަނީ ބަރުލަމާނީ ނިޒާމުގައި ކަމަށާއި ރިޔާސީ ނިޒާމުގައި ސަރުކާރުގެ ކޮންޓްރޯލް މަޖިލީހުގައި އޮންނަ ނަމަ ސަރުކާރު ޒިންމާދާރު ނުކުރެވޭނެ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެ ކަމުގެ ޔަގީންކަން ގައުމީ ޕާޓީ އަށް އޮތް ނަމަވެސް އަޣުލަބިއްޔަތު ހޯދުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.
ނިއު މޯލްޑިވްސް މޫވްމަންޓުން ސަރުކާރުގައި ބައިވެރިވެވަޑައިގަންނަވާ ސަބަބަކީ ރައްޔިތުން އެދުނީ ގިނަ ޕާޓީތަކެއް ހިމެނޭ ސަރުކާރަކަށް ވުން ކަމަށް ކުރީގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރަކަށް ހުންނެވި ޑރ. އަހުމަދު ޝަހީދު މި ބައްދަލުވުމުގައި ވިދާޅުވި އެވެ.
"ރައްޔިތުންނަށް (އަޅުގަނޑުމެން) ވިއްކީ ޑިމޮކްރަސީ. މާނައަކީ ކުރީގެ ވިސްނުން ދޫކޮށްލާފައި ޑިމޮކްރެޓިކް ވެއްޓެއްގައޭ އުޅެންޖެހޭނީ. އެހެންވެ އަޅުގަނޑުމެންގެ ޒިންމާއެއް އެއީ ރައްޔިތުންނަށް އަޅުގަނޑުމެން ވިއްކި އެއްޗެއް ކޮޅަށްޖަހަން މަސައްކަތް ކުރުން،" ޑރ. ޝަހީދު ވިދާޅުވި އެވެ. "މި ސަރުކާރު ކާމިޔާބު ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ